އޮސްޓްރޭލިއާ އަތުން ފްރާންސަށް ބޮޑު މޮޅެއް، ޖިރޫ އަށް ރެކޯޑެއް

ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ޑީގައި މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ފްރާންސުން އޮސްޓްރޭލިއާގެ މައްޗަށް ފަސޭހަ ކަމާއެކު ކުރިހޯދިއިރު ފްރާންސްގެ ސްޓްރައިކަރު އޮލީވިއާ ޖިރޫ ގައުމީ ރެކޯޑަކާއި އަރައި ހަމަކޮށްފިއެވެ.

މެޗުގެ ކުރީ ކޮޅުގައި ފްރާންސްގެ ފަރާތުން އެ ޓީމުގެ އަސްލު ފެންވަރު ނުފެނުނު ނަމަވެސް އެޓީމުން ވަނީ މަޑުމަޑުން ގޭމުގެ ތެރެއަށް ވަދެ، ކޮންޓްރޯލް ހޯދާފައެވެ.

މެޗުގެ ނުވަ ވަނަ މިނެޓުގައި އޮސްޓްރޭލިއާއިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މިއީ އޮސްޓްރޭލިއާގެ މެތިއު ލެކީ، ފްރާންސްގެ އޭރިއާ ތެރެއަށް ވަނުމަށްފަހު ކްރައިގް ގޫޑްވިން އަށް ޖައްސާލި ބޯޅައިގެ ބޭނުން ހިފައިގެން އޭނާ ޖެހި ގޯލެކެވެ.

މެޗުގެ 21 ވަނަ މިނެޓުގައި އޮސްޓްރޭލިއާއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެގޮތުން އޭރިއާ ބޭރުން މިޗެލް ޑޫކް ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

ރަނގަޅު ފޯމެއްގައި ކުޅެމުން ދިޔަ އޮސްޓްރޭލިއާ މަޑު ޖައްސާލީ މެޗުގެ 27 ވަނަ މިނެޓުގައި ފްރާންސްގެ ތިއޯ ހަނާންޑޭޒް ނެގި ހުރަހަކުން އެޑްރިއާން ރޭބިއޮޓް ޖެހި ލަނޑުން، މެޗުގެ ނަތީޖާ ހަމަހަމަ ވުމުންނެވެ.

މެޗުގެ 32 ވަނަ މިނެޓުގައި އޮލީވިއާ ޖިރޫ ވަނީ ގޯލެއް ޖަހައި ފްރާންސަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ. އެ ގޯލަކީ ރޭބިއޮޓް ތަނަވަސްކުރި ފުރުސަތަކުން އޭނާ ޖެހި ގޯލެކެވެ.

ފްރާންސްގެ އޮސްމާނޭ ޑެމްބެލޭއަށް ވަނީ މެޗުގެ 39 ވަނަ މިނެޓުގައި ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ކީލިއަން އެމްބާޕޭ ތަނަވަސްކުރި ފުރުސަތެއްގައި، އޮސްޓްރޭލިއާގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުސްކޮށްހުރެ ޑެމްބެލޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލު މަތިން ބޭރަށެވެ. އަދި މެޗުގެ 41 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ގޯލު ޖެހުމަށްފަހު އޮސްޓްރޭލިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ -- ފޮޓޯ/ ގެޓީ އިމޭޖްސް

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި އޮސްޓްރޭލިއާއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ޖެކްސަން އާވިން ފްރާންސް އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

ދެވަނަ ހާފު ފަށައިގެން މޮޅަށް ކުޅުނީ ފްރާންސް އިންނެވެ. މިހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައިވެސް ތިން ހަމަލާއެއް ފްރާންސް އިން ފޮނުވާލާފައި ވެއެވެ.

މީގެތެރެއިން ތިއޯ ހެނާންޑޭޒް ނަގައިދިން ހުރަހަކުން އޮލިވިއާ ޖިރޫ، އޯވާހެޑަކުން ފޮނުވާލި ބޯޅަ، އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔައިރު، މިއީ ފާހަގަކޮށްލެވޭ ހަމަލާއެކެވެ.

މެޗުގައި ފްރާންސް އިން ތިންވަނަ ލަނޑެއް ޖެހީ ދެވަނަ ހާފުގައި މެޗުގެ 68 ވަނަ މިނެޓުގައެވެ. މިއީ އޮސްމާން ޑެމްބެލޭ ނަގައިދިން ހުރަހެއް، ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ކިލިއަން އެމްބާޕޭ ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ލަނޑު ޖެހުމަށްފަހު އެމްބާޕޭ އުފާ ފާޅުކުރަނީ -- ފޮޓޯ/ގެޓީ އިމޭޖަސް

އަދި އޭގެ ތިން މިނެޓުފަހުން އެމްބާޕޭ ނަގައިދިން ހުރަހެއްގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ޖިރޫ ވަނީ ފްރާންސްގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މި ލަނޑާއެކު ޖިރޫ އަކީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ދެ ކުޅުންތެރިންގެ ތެރެއިން އެކަކު އެވެ. ޖިރޫ އާއި ފްރާންސްގެ ލެޖެންޑް ތިއެރީ އޮންރީ، މި ދެ ކުޅުންތެރިން ވަނީ ކޮންމެ ކުޅުންތެރިއަކު ގައުމީ ޓީމަށް 51 ލަނޑު ޖަހައިދީފައެވެ.

މެޗުން ހޯދި މޮޅާއެކު ފްރާންސް އޮތީ ގްރޫޕް ޑީގެ އެއްވަނައިގައި ތިން ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޓިއުނީޝީއާ އަދި ތިންވަނައިގައި އޮތް ޑެންމާކަށް ޕޮއިންޓެއް ލިބިފައިވެއެވެ. ފުލުގައި އޮތީ ފްރާންސް އަތުން ބަލިވި އޮސްޓްރޭލިއާ އެވެ.

comment ކޮމެންޓް