ތާޕްސީ އާއި ވާނީ އާއެކު އަކްޝޭ ކޮމެޑީ ފިލްމަކަށް

ގިނަ ދުވަސްތަކަކަށް ފަހު އަކްޝޭ ކުމާރު އައު ފިލްމެއްގެ މަސައްކަތް ކުރަން ނިންމާފައިވާއިރު މި ފިލްމުގައި އަކްޝޭ އާއެކު ތާޕްސީ ޕަންނޫ އަދި ވާނީ ކަޕޫރު ފެންނާނެއެވެ.

ބޮލީވުޑް ޚަބަރުތައް ގެނެސްދޭ ޕިންކް ވިލާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަކްޝޭގެ އައު ފިލްމަކީ 'ކޭލް ކޭލް މޭ' އެވެ. ޑައިރެކްޓަރު މުދައްސަރު އަޒީޒްގެ މި ފިލްމު ޕްރޮޑިއުސް ކުރަނީ ބުޝަން ކުމާރު އާއި އަޝްވިން ވަރްދޭއެވެ. ފިލްމާ ގުޅޭ އިތުރު މައުލޫމާތު އަދި ހިއްސާކޮށްފައިނުވާއިރު މި ފިލްމުގައި ލީޑް ރޯލުތަކުން މި ތަރިން އެކުގައި ފެންނާނެ ކަމަށްވެއެވެ.

އަކްޝޭ ވަނީ މީގެ ކުރިން ވެސް ތާޕްސީ އާއެކު ދެ ފިލްމަކުން ފެނިފައެވެ. އެއީ، 'ނާމް ޝަބާނާ' އާއި 'މިޝަން މަންގަލް'އެވެ. މީގެ އިތުރުން ވާނީ ކަޕޫރު އާއެކު 'ބެލް ބޮޓަމް' ފިލްމުގައި ވަނީ ފެނިފައެވެ.

'ކޭލް ކޭލް މޭ' ފިލްމުގައި މި ތިން ތަރިންގެ އިތުރުން މުހިންމު އެހެން ރޯލުތަކަށް އިތުރު އެކްޓަރުން ކާސްޓު ކުރާނެ ކަމަށް ފިލްމުގެ ޓީމުން ވަނީ ބުނެފައެވެ. އަދި މި ފިލްމުގެ ޝޫޓިން އަންނަ އަހަރު ފަށާނެ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މި ފިލްމުގެ އިތުރުން، އަންނަ އަހަރު އަކްޝޭ ތިން ފިލްމެއްގެ މަސައްކަތް ދަނީ މިހާރު ކުރަމުންނެވެ. 'ސެލްފީ' އާއި 'އޯމައިގޯޑް2' އަދި 'ބަޅޭ މިޔާ ޗޯޓޭ މިޔާ' ފިލްމުގެ މަސައްކަތް ކުރިއަށްދެއެވެ. މި ފިލްމުތައް ވެސް ރިލީޒް ކުރުން ތާވަލުކޮށްފައި ވަނީ އަންނަ އަހަރަށެވެ.

comment ކޮމެންޓް