އަންނަ އަހަރަކީ ކާތިކްގެ އަހަރެއް؟

ކުރިއަރަމުން އަންނަ ބޮލީވުޑް ތަރި، ކާތިކް އާރްޔަންގެ ގިނަ ފިލްމުތަކެއް އަންނަ އަހަރަށް ވަނީ ތާވަލުކޮށްފައެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި ކާތިކް އާރްޔަން ލީޑް ރޯލަކުން ފެނުނު ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ފެނުނެވެ. ކާތިކްގެ އުފަންދުވަސް އިއްޔެ ފާހަގަކޮށްފައިވާއިރު އޭނާ ވަނީ އިއްޔެ އޭނާގެ އައު ފިލްމުގެ ޓީޒާ/ފަސްޓް ލުކް ދައްކާލާފައެވެ.

'ޝެހްޒާދާ' ފިލްމަކީވެސް ކާތިކް އާއްމުކޮށް ފެންނަ ފިލްމުތައް ފަދައިން ކޮމެޑީ އެކްޝަން ފިލްމެކެވެ. ޓިޒާގައި އޭނާ ފެނުނީ 90ގެ އަހަރުތަކުގައި 'ހީރޯ' އިން ފެންނަ ގޮތަށް ފިލްމުގެ ވިލަން އާ ކުރިމަތިލާ ހީރޯ އެއްގެ ގޮތުގައެވެ. މި ފިލްމަކީ، 2020 ވަނަ އަހަރު ނެރުނު ތެލުގޫ ފިލްމެއްގެ ކޮޕީ އެއް ކަމަށް 'ޝެހެޒާދާ' ފިލްމުގެ ޓީމުން ވަނީ ޔަގީންކޮށްދީފައެވެ. އަދި ތެލުގޫ ފިލްމަކީ ގިނަ ބަޔަކަށް ކަމުދިޔަ ފިލްމެއް ކަމުން ކާތިކްގެ ފިލްމަށް ކުރާ އުއްމީދު ބޮޑު ކަމަށް އޭނާގެ ފޭނުންވަނީ ބުނެފައެވެ.

މި ފިލްމުގެ އިތުރުން، ކާތިކްގެ 'ފްރެޑީ' ފިލްމަކީ އޭނާގެ ކެރިއަރުގައި ކުޅުނު އެންމެ ތަފާތު އެއް ފިލްމުކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ. ޑެންޓިސްޓެއްގެ ގޮތުގައި ކާތިކް ފެންނަ އިރު މި ފިލްމުގައި އޭނާ އަކީ ގާތިލެކެވެ. އަންނަ މަހު ރިލީޒްކުރާ މި ފިލްމު ޑިޒްނީ ހޮޓްސްޓާ އިން ސްޓްރީމް ކުރެވޭ އިރު މި ފިލްމަށް ގިނަ ބަޔަކު އިންތިޒާރުކުރެއެވެ. ކާތިކް ބުނެފައިވާ ގޮތުގައި މި ފިލްމަކީ އޭނާގެ ތަފާތު އެކްޓިން އެއް ދެއްކުނު ފިލްމެކެވެ.

އަދި، ކާތިކްގެ ލޯބީގެ ފިލްމު 'ސަތްޔަޕްރޭމް ކި ކަތާ'ގެ މަސައްކަތްވެސް ނިމިފައިވާއިރު މި ފިލްމުންވެސް އޭނާ ފެންނާނީ ތަފާތު ކެރެކްޓާ އެއްގެ ގޮތުގައެވެ. މި ފިލްމުގައި އޭނާއާއެކު ލީޑްރޯލަކުން ފެންނާނީ ކިއާރާ އަދްވާނީއެވެ. މި ފިލްމާއެކު އާޝިގީ3 ވެސް އޮތީ ކާތިކް އަށެވެ.

ކާތިކް އަށް 32 އަހަރު ވެފައިވާއިރު ބޮލީވުޑްގައި އޭނާ މަސައްކަތްކުރާތާ މިހާރު 10 ވަރަކަށް އަހަރު ވަނީއެވެ. އެހެންނަމަވެސް، އޭނާގެ ކެރިއަރު ކުރިއަރަން ފެށި މި ވޭތުވެދިޔަ ދެ ތިން އަހަރު ތެރޭއެވެ. އަދި، ތަފާތު ތިން ޖޯންރާއެއްގެ ފިލްމު އަންނަ އަހަރަށް ތާވަލުކޮށްފައިވިޔަސް، އޭނާ ވަނީ ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނަށް ގެނެސްދީފައެވެ. އެގޮތުން، 'ޕްޔާރް ކާ ޕަންޗް ނާމާ' އާއި 'ބޫލު ބުލައްޔާ2' ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް