އެކްޓަރު ރާޖްކުމާރް ރާއޯއާއެކު އިތުރު ދެ ބަތަލާއިން ޓީ-ސީރީސްގެ ބައޮޕިކްއަކަށް ސޮއިކޮށްފި

ތުޝާރް ހިރަންއަންދާނީ ޑައިރެކްޓްކޮށް، ޕްރޮޑިއުސަރު ބުޝަން ކުމާރް ޕްރޮޑިއުސް ކުރާ ބައޮޕިކްއަކަށް ބަތަލާ އަލާޔާ އެފް އާއި ދެކުނު އިންޑިއާގެ ބަތަލާ ޖިޔޯތިކާ އަދި އެކްޓަރު ރާޖްކުމާރް ރާއޯ ސޮއިކޮށްފިއެވެ.

ވަކި ނަމެއް ހަމަޖެހިފައި ނުވާ މި ފިލްމަކީ، އިންޑިއާގެ މަޝްހޫރު އިންޑަސްޓްރިއަލިސްޓް އަދި ބޮލެންޓް އިންޑަސްޓްރީ ވުޖޫދަށް ގެނެސްދިން ސްރިކާންތް ބޮއްލާގެ ޙަޔާތުގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމެކެވެ.

ޑައިރެކްޓަރު ތުޝާރް ހިރަންއަންދާނީއަކީ، 2019ވަނަ އަހަރު ނެރުނު ފިލްމު "ސާންޑްކީ އާންކް"ގެވެސް ޑައިރެކްޓަރެވެ. ޚަބަރުލިބޭގޮތުގައި ފިލްމުގައި އެކްޓަރު ރާޖްކުމާރް ރާއޯ ފެނިގެންދާނީ ސްރިކާންތްގެ ރޯލްއިންނެވެ.

މި ނޮވެމްބަރު މަހުގެތެރޭ ފިލްމުގެ ފުރަތަމަ ޝެޑިއުލް ފެށުމަށް ހަމަޖެހިފައިވާއިރު ފިލްމާ ގުޅުނު ދެ ބަތަލާއިން ވެސް މިބައޮޕިކްގެ ވަރަށް މުހިންމު ރޯލެއް ކުޅޭނެއެވެ. ދެ ބަތަލާއިން ފިލްމުގައި ކުޅޭނެ ރޯލާއިގުޅޭ މާބޮޑު ތަފްސީލު ފިލްމުގެ ޓީމުން އަދި އާއްމު ކޮށްފައެއް ނުވެއެވެ. ފިލްމުގައި ފެނިގެންދާ ބަތަލާ އަލާޔާ އެފްއަކީ، ކުރީގެ މަޝްހޫރު އެކްޓަރު ކަބީރް ބެދީގެ ކާފަ ދަރިފުޅެވެ. އަލާޔާ އެންމެ ފުރަތަމަ ފިލްމީ ދުނިޔެއަށް ތަޢާރަފް ވެފައިވަނީ އެކްޓަރު ސައިފް ޢަލީ ޚާން އަދި ބަތަލާ ތައްބޫއާއެކު ކުޅުނު ފިލްމު "ޖަވާނެ ޖާނެމަން"އިންނެވެ.

އިންޑިއާގެ ވަރަށް އާދައިގެ އަވަށެއް ކަމަށްވާ އަންދްރަޕްރަދޭޝްއަށް ނިސްބަތްވާ ސްރިކާންތްއަކީ، އެމެރިކާގެ މަސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި ކިޔެވުމުގެ ފުރުޞަތު ލިބުނު ބައިނަލްއަޤްވާމީ ލޯފަން ފުރަތަމަ ދަރިވަރެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ އުފަންވިއިރުވެސް ލޮލަށް ފެނުމުގައި ދަތިތަކެއް ހުރިނަމަވެސް ހިތްވަރު ދޫނުކޮށް މަތީ ތަޢުލީމު ޙާސިލުކުރުމަށްފަހު ދިރިއުޅުމުގައި އޭނާ ހޯދަމުންދިޔަ ކާމިޔާބީތަކުގެ މައްޗަށެވެ.

އެމެރިކާގައި ކިޔަވަމުންދިޔަ ދުވަސްވަރު އޭނާއަށް ވިޔަފާރިވެރިންގެ އެކި ހުށަހެޅުންތައް ލިބުނު ނަމަވެސް ބޭނުންވީ ލިބިފައިވާ ތަޢުލީމުގެ އަލީގެ މައްޗަށް އަމިއްލަ ޤައުމަށް ބޭނުންތެރި ޚިދުމަތެއްކުރުމަށެވެ. މި ފިލްމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުއެވެ.

comment ކޮމެންޓް