ޑައިރެކްޓަރު އަބީޝެކް ޝަރްމާއާއި އެކްޓަރު ޖޯން އަބްރަހަމްގެ އިތުރު ފިލްމެއް އުފައްދަނީ!

ފިލްމު "ޒޯޔާ ފެކްޓާ" އަދި "ރާމް ސޭޓޫ"ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އަބީޝެކް ޝަރްމާއާއި އެކްޓަރު ޖޯން އަބްރަހަމް އެކީގައި ފިލްމެއް އުފެއްދުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް އަބީޝެކް ޝަރްމާ ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި އަބީޝެކް ބުނެފައިވަނީ، އަބަދުވެސް ޖޯންއާއެކު މަސައްކަތްކޮށްލުމުގެ ފުރުސަތަކަށް އެދޭކަމަށެވެ.

ފިލްމު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ އަބީޝެކް ބުނެފައި ވަނީ "ޒޯޔާ ފެކްޓާ" އަށްފަހު "ޕަރްލޮކް"ގެ ނަމުގައި ފިލްމެއް އުފައްދަން ބޭނުންވިީ ކަމަށެވެ. އެހެންނަމަވެސް އޭގެ ކުރިން ފިލްމު "ރާމް ސޭޓޫ"ގެ މަސައްކަތް ނިންމާލުމަށް ވަގުތު ހުސްކުރަންޖެހުނީ ކަމަށް ބުންޏެވެ.

ދެހާސް އަށާރަ ވަނަ އަހަރު އަބީޝެކް ޝަރްމާއާއި ޖޯން އަބްރަހަމް ވަނީ ތާރީޚީ ފިލްމު "ޕަރްމަނޫ" އުފައްދާފައެވެ. މި ފިލްމަކީ، ނިއުކްލިއާ މިސައިލްތައް އުފެއްދުމުގެ ޤާބިލުކަން އިންޑިއާއަށް ވެސް ލިބިގެންވާކަން ދައްކުވައިދިން ފިލްމެކެވެ. ގިނަ ބައެއްގެ މެދުގައި މަޤުބޫލު ވެގެން ދިޔަ މި ފިލްމާއެކު، އެކްޓަރު ޖޯން އަބްރަހަމްގެ ފިލްމީ ކެރިއަރުގައި ގިނަ ބައެއްގެ ލޯބި އޭނާއަށް ލިބިގެންދިޔައެވެ.

ފިލްމު "ޕަރްމަނޫ"އަށް ފަހު އަބީޝެކް ޝަރްމާއާއެކު އިތުރު ފިލްމަކުން ޖޯން ފެނިގެންދާނެކަމުގެ އިޝާރާތެއް ލިބިފައިވަނިކޮށް ޕްރޮޑިއުސަރު/ޑައިރެކްޓަރު އަބީޝެކްވަނީ ޖޯންއާއެކު ފިލްމެއްގެ މަސައްކަތް ފަށަން ރާވާފައިވާކަމަށާއި އެއީ ފިލްމު "ޕަރްލޮކް"ކަމަށް ވަނީ ކަށަވަރުކޮށްދީފައެވެ.

މި ފިލްމާބެހޭ މަޢުލޫމާތު ދެމުން އަބީޝެކް ބުނެފައިވަނީ، މިފަހަރުގެ ފިލްމަކީ، ސައިންސް ފިކްޝަން ފިލްމެއްކަމުގައެވެ. އަބަދުވެސް ތަފާތު އެކި ޖޯންރާތަކަށް ފިލްމު އުފެއްދުމަށް ޝައުޤުވެރިކަން ހުންނަކަމަށް ބުނަމުން ޑައިރެކްޓަރު އަބީޝެކް ބުނެފައިވަނީ މިފިލްމަކީ އެ ތަފާތު ފެނިގެންދާނެ ފިލްމެއް ކަމަށެވެ.

މި ފިލްމުގެ މަސައްކަތުގެ ތެރެއިން އިތުރު އެހެން ފިލްމީ ޕްރޮޖެކްޓްތަކާބެހޭ ގޮތުން މަޝްވަރާތައް ކުރިޔަށްދާކަމަށް ވެސް އަބީޝެކް ވަނީ ބުނެފައެވެ. އަދި ފިލްމުގެ މަސައްކަތް ފަށާނީ ވެސް ބޭނުންވާ ހުރިހާ ރިސޯސްތަކާއެކު ފުރިހަމައަށް ތައްޔާރު ވެވުމުން ކަމަށް ވެސް ޕިންކްވިލާއަށް މަޢުލޫމާތު ދެމުން އަބީޝެކް ވަނީ ބުނެފައެވެ.

މިފިލްމުގެ މެއިން ކެރެކްޓާއިން ޖޯން ފެނިގެންދާއިރު ފިލްމުގެ ޕްރޮޑިއުސަރުގެ ގޮނޑިވެސް ފުރުމަށް ހަމަޖެހިފައި ވަނީ އެކްޓަރު ޖޯން އަބްރަހަމްއެވެ. ޖޯން އެންމެ ފަހުން ފެނިގެންދިޔައީ މިއަހަރު ރިލީޒްވި ފިލްމު "އޭކް ވިލަން ރިޓާންސް"އިންނެވެ. މިއަހަރުގެ އިތުރުން ކުރިޔަށްއޮތް އަހަރަކީ ވެސް އެކްޓަރަށް ބޮޑު އަހަރަކަށް ވެގެންދާނެއެވެ. ހަ ފިލްމީ ޕްރޮޖެކްޓުގައި މަސައްކަތް ކުރަމުންދާ އެކްޓަރުގެ އެންމެ އިންތިޒާރުކުރެވޭ ފިލްމަކީ އެކްޓަރު ޝާހްރުކް ޚާން އަދި ބަތަލާ ދިޕިކާ ޕަޑުކޯންއާއެކު އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ޕަތާން"އެވެ.

comment ކޮމެންޓް