މެންޗަސްޓަރ ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލައިފި

އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗަސްޓަރ ޔުނައިޓެޑުން އެކުލަބުގެ ލެޖެންޑެއްގެ ގޮތުގައި ހުރި ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލަން ނިންމާ އެކަން އިއުލާނު ކޮށްފިއެވެ.

މިކަން ހާމަކޮށް މެންޗަސްޓަރ ޔުނައިޓެޑުގެ ރަސްމީ ވެބްސައިޓުގައި އަދި މީސްމީޑިއާގެ މަންސަތަކުގައި އެ ކުލަބުގެ ރަސްމީ އެކައުންޓުތައް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިއުލާން ނެރުނު ވަގުތުން ފެށިގެން ރޮނާލްޑޯ އާއި ޔުނައިޓެޑާ ދެމެދު ހެދިފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި، މި ދެ ފަރާތުން ވާހަކަދެކެވިގެން ދެ ފަރާތުގެ ރުހުމާއެކު ނިންމި ނިންމުމެއް ކަމަށެވެ.

އަދި ދެ ފަހަރެއްގެ މަތިން މެންޗަސްޓަރ ޔުނައިޓެޑާއި ގުޅި، ކުލަބާއެކު ހޭދަކުރި މުއްދަތުގެ ތެރޭގައި 346 މެޗު ކުޅެދީފައިވާ ކަމަށާއި، މި މެޗުތަކުން ޖުމްލަ 145 ލަނޑު ކާމިޔާބު ކޮށްފައިވާކަން ފާހަގަކޮށް ޔުނައިޓެޑުގެ ބަޔާނުގައި ވަނީ ރޮނާލްޑޯ ކުލަބަށް ކޮށްދިން ޚިދުމަތަށް ޝުކުރު އަދާކޮށްފައެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދެ ފަރާތުން އެއްބަސްވެގެން މި އެއްބަސްވުން ބާތިލްކުރަން ނިންމާފައިވާއިރު، ކުލަބުގެ ހުރިހާ މެމްބަރުންގެ ފޯކަސް ހުރީ އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ޓީމުގެ ކުރިއެރުންތައް ދެމެހެއްޓުމަށާއި ދަނޑުމަތީގައި ކާމިޔާބީ ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް ކަމަށެވެ.

މެންޗަސްޓަރ ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލަން ނިންމާފައި މިވަނީ، ކުލަބާއި އޭނާއާ ދެމެދު މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފަރ ވިންޑޯ އާއި ހަމައިން ރޮނާލްޑޯ އާއި ކުލަބާ ދެމެދު އައީ މައްސަލަތައް ޖެހެމުންނެވެ. އެއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ޔުނައިޓެޑަށް ގެއްލުމާއި ގުޅިގެން، އެކުލަބު ދޫކޮށް ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ލިބިފައިވާ ކުލަބަކަށް ރޮނާލްޑޯ ބަދަލުވާން އުޅޭތީ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

މި މައްސަލަ ބޮޑުވެ، އިތުރު މައްސަލަތަކެއް ފެންމަތިވާން ފެށީ، ކުލަބުގެ ކޯޗު ކަމާއި އެރިކް ޓެން ހާގް ހަވާލުވެ، މެޗުތަކަށް އޭނާ ނެރޭ ޓީމުގައި ރޮނާލްޑޯ ނުހިމަނާތީއެވެ.

ޕްރީ ސީޒަން މެޗުތަކާއި ޔުނައިޓެޑުން ކުރިމަތިލިއިރު، ރޮނާލްޑޯ ޓީމުގެ ފަރިތަކުރުންތަކުގައިވެސް އަދި މެޗުތަކުގައިވެސް ބައިވެރިއެއް ނުވެއެވެ.

ސަބަބަކީ ރޮނާލްޑޯ އަށް ލިބުނު އެއް މާބަނޑު ދެކުދިންގެ ތެރެއިން އެއް ކުއްޖަކު، މަރުވުމާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން ރޮނާލްޑޯ އަށް ޔުނައިޓެޑުން ވަނީ ކުރު ޗުއްޓީއެއްވެސް ދީފައެވެ.

އެހެންނަމަވެސް އެނބުރި އައުމުން ޓެން ހާގް ރޮނާލްޑޯ އަށް މާގިނަ ފުރުސަތުތަކެއް ނުދިނީ، ޕްރީ ސީޒަންގައި އެދެވޭ މިންވަރަށް މެޗުތަކުގައި ނުކުޅޭ ކުޅުންތެރިންނަށް ސީޒަންގެ ތެރެއިން ފުރުސަތު ދިނުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނެއެވެ.

އޭގެފަހުން އިންޓަނޭޝަނަލް ބްރޭކާއި ހަމައަށް އައިއިރު ރޮނާލްޑޯ އަށް ޓެން ހާގް ފުރުސަތު ދީފައިވަނީ މަދު ފަހަރަކުއެވެ.

މިއާއެކު ބައެއް މެޗުތަކުގައި ރޮނާލްޑޯ ހިތްހަމަ ނުޖެހިގެން މެޗު ނިމުމުގެ ކުރިން ދަނޑު ދޫކޮށް ދިއުމާއި، މެޗުގެ ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ކުޅެން އަރަން ބުނުމުން އެކަމަށް އިންކާރު ކުރުން ފަދަ މައްސަލަތަކެއްވެސް ފެންމަތިވިއެވެ.

އެގޮތުން ޕްރިމިއަރ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ކުޅެން އަރަން ދެކޮޅު ހެދުމާއި ގުޅިގެން އޭނާއަށް ސަސްޕެންޝަނެއްވެސް ޔުނައިޓެޑުން ދީފައި ވެއެވެ.

މިފަދަ އެތައް ކަމެއް ހިނގައިގެން ދިޔަފަހުން ދެން މި މައްސަލަތަކުގައި އިތުރަށް ހުޅުހިފައި، އަލިފާން ގަނޑު އިތުރަށް ރޯވީ، މި މަހު، ޕިއާސް މޯގަންގެ ޕްރޮގްރާމެއްގައި ރޮނާލްޑޯ ދިން އިންޓަވިއު އަކާއި ގުޅިގެންނެވެ.

އެ އިންޓަވިއުގައި ރޮނާލްޑޯ ވަނީ، ޔުނައިޓެޑުގެ ކޯޗު ޓެން ހާގަށް އިހުތިރާމް ނުކުރާ ކަމަށާއި، ކުލަބުގެ ބައެއް ވެރިންނަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އަދި ޔުނައިޓެޑުން އޭނާއަށް ބޭވަފާތެރިވެފައި ވާ ކަމަށާއި، ޓީމާއި މެދު ހިތްހަމަނުޖެހުންތައް ހުރިކަން ރޮނާލްޑޯ ހާމަކޮށްފައިވެއެވެ.

ރޮނާލްޑޯގެ މި ވާހަކަތަކާއި ގުޅިގެން ކުލަބުން މީގެކުރިން ވަނީ، މި މައްސަލައާ ގުޅިގެން ޔުނައިޓެޑުން އަޅާނެ ފިޔަވަޅުތަކަކާއި މެދު ވިސްނަމުންދާ ކަމަށާއި، ކަމާއި ގުޅޭ ފަރާތްތަކާއި މަޝްވަރާކުރަމުންދާ ކަމަށެވެ.

އެންމެފަހުން ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލާކަން އިއުލާނު ކޮށްފައި މިވަނީ، ފީފާ ވޯލްޑް ކަޕުގައި ޕޯޗުގަލް ތަމްސީލުކުރުމަށް ރޮނާލްޑޯ ގަތަރުގައި ހުއްޓައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރޮނާލްޑޯ އާއިއެކު ޕޯޗުގަލް ނުކުންނާނީ ގާނާއާ ދެކޮޅަށް މިމަހުގެ 24 ވަނަ ދުވަހު 21:00 ގައެވެ.

ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލާފައިވާއިރު، އޭނާއާއި ޔުނައިޓެޑާ ދެމެދު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ ހަތް މަސް ދުވަހެވެ. އެއީ ރޮނާލްޑޯ އަށް ހަފްތާ އަކު 500،000 ޕައުންޑު ލިބޭ ކޮންޓްރެކްޓެކެވެ.

މިއަދުން ފެށިގެން ރޮނާލްޑޯ ފްރީ އެޖެންޓެއްގެ ގޮތުގައި ހުރިއިރު، އުމުރުން 37 އަހަރުގެ ފޯވާޑު ހޯދުމަށް ޗެލްސީން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި ރޮނާލްޑޯ އަށް ސައުދީގެ ކުލަބަކުން ވަނީ ބޮޑު މުސާރައެއް ލިބޭ ކޮންޓްރެކްޓެއްވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް ރޮނާލްޑޯ އެއްވެސް ކުލަބަކާއެކު އަނގަބަހުންވެސް އެއްބަސްވުމެއް ވިކަން ރިޕޯޓު ކޮށްފައެއް ނުވެއެވެ.

2003 ވަނަ އަހަރުގެ ތެރޭގައި އެންމެފުރަތަމަ މެންޗަސްޓަރ ޔުނައިޓެޑާ ގުޅުނު ރޮނާލްޑޯ ވަނީ 2009 ވަނަ އަހަރު އެ ކުލަބު ދޫކޮށް ރެއާލް މެޑްރިޑާއި ގުޅުމާ ހަމައަށް، ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޔުނައިޓެޑާއިއެކު ރޮނާލްޑޯ ވަނީ ޕްރިމިއަރ ލީގު ތިން ފަހަރު، އެފްއޭ ކަޕް އެއްފަހަރު، އީއެފްއެލް ކަޕް ދެ ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

މީގެއިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގު އެއްފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ޔުނައިޓެޑާއިއެކު ރޮނާލްޑޯ ކާމިޔާބު ކޮށްފައިވެއެވެ.

އިޓަލީގެ ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވީ 2009 ވަނަ އަހަރު އެކުލަބު ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވިތާ 12 އަހަރު ފަހުންނެވެ. ރޮނާލްޑޯ ޔުނައިޓެޑުގެ އެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއެ ކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ.

ގިނަ ބަޔަކު އުންމީދު ކުރި ގޮތާއި ހިލާފަށް، ލޯބީގެ ވާހަކަ އަކަށް ވުމުގެ ބަދަލުގައި ރޮނާލްޑޯ އާއި ޔުނައިޓެޑުގެ ވާހަކަ މިވީ، ރުޅި އާއި ނަފްރަތުގެ ވާހަކަ އަކަށެވެ.

comment ކޮމެންޓް