"އާނ. އަހަރެން ހާޝިމް ކައިރީގައިވެސް ބުނެލާނަން." ޒުބައިދާ އެހެން ބުނެލުމުން ނައިރާއަށް އުނދަގޫވިއެވެ. އެންމެ ފުރަތަމަ ދުވަހު ހާޝިމް އޭނާ ސްކޭންކޮށްލި ނަޒަރު އަދިވެސް އޭނާގެ ހަނދާނުގައި އެބަހުއްޓެވެ.

ހާޝިމްގެ އެ ނަޒަރުން އޭނާއަށް ހާޝިމްގެ ނިޔަތް ފަހުމްވިއެވެ. އެވާހަކަ މަންމަ ކައިރީގައި ބުނަން ކިތަންމެ ބޭނުންވިނަމަވެސް ނައިރާ ނުބުނީ، މަންމަ ކައިރީގައި ބުނެގެން ކުރާނޭ މާބޮޑު ފައިދާއެއް އޮންނާނެހެން ހީނުވާތީއާ ފިރިމީހާއޭ ކިޔައިގެން ދައްކާ އެފަދަ ވާހަކައަކަށް އިތުބާރުކުރާނެ ވަރު އޭނާއަށް ނޭނގޭތީއާވެސް އެކުގައެވެ. އެފަދަ ވާހަކައެއް މިހާރު ބުނެފިނަމަ، މަންމަގެ ދިރިއުޅުން ހަލާކުކޮށްލަނީބާއޭ ހިތަށް އަރާފާނެއެވެ. ނައިރާއަށް ބުނާނެ އެއްޗެއް ނޭނގި އެފަދަ ވިސްނުންތަކެއްގައި އިނދެވުނުއިރު، ޒުބައިދާ ގޮވައިލުމުންވެސް އޭނާއަށް އެ އަޑު ނީވުނެވެ.

"ނައިރާ! ކިހިނެއްވެފަތަ ތި އިންނަނީ؟" ޒުބައިދާ ތަންކޮޅެއް ބާރަށް ނައިރާއަށް ގޮވައިލުމުން ނައިރާއަށް ސިހިފައި ވާހަކަ ދެއްކުނެވެ.

"ކީކޭ މަންމާ!" ނައިރާ ޒުބައިދާއަށް ބަލައިލިއެވެ.

"ކޮން ނަމެއް އެ ކުއްޖާއަށް ކިޔަނީ؟"

"މާކިން." ނައިރާ ޒުބައިދާގެ އެ ސުވާލަށް ޖަވާބު ދިނެވެ.

"ކޮންތާކު ކައިވެނިކުރަނީ؟ ޕާރޓީއެއް ބާއްވަންތަ؟" ޒުބައިދާ އަނެއްކާވެސް އިތުރުު ސުވާލެއް ނައިރާއާ އަމާޒުކޮށްލިއެވެ.

"މާކިންމެން ގޭގައި.... ނޫން. ގާތް މީހުންނަށް ހަމަ ކުޑަ ކެއުމެއް ދޭގޮތަށް." ނައިރާ ބުނެލިއެވެ.

"އެ ކިހިނެއްވީ؟ މި ޒަމާނުގައި އެންމެންވެސް ބޮޑެތި ކައިވެނީގެ ހަފްލާތައް ބާއްވާނެ. އަނެއްކާ އެފަދަ ތަނަވަސްކަމެއް ނެތް ކުއްޖަކީތަ؟" ޒުބައިދާ ނައިރާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. އޭނާ ކަމެއް އެނގެން މަސައްކަތް ކުރާ ފަދައެވެ.

"ބޭނުމީ މުއްސަނދި އަރާމު ދިރިއުޅުމެއް ނޫނެއްނު މަންމާ! ބޭނުމީ ތިމާ އުފަލުގައި ގެންގުޅޭނެ މީހެއްނު؛ ދިމާވާ ކޮންމެ ކަމެއްގައި އެކުގައި ހުންނާނެ މީހެއްނު. އަޅައިލާ އޯގާތެރިވާ އަދި އެންމެ މުހިންމު ކަމަކަށް އިޙްތިރާމް ކުރަން އަދި އަހަރެންގެ އިޙްސާސްތައް ދަނެ އެއަށް ގަދަރުކުރާމީހެއްނު މުހިންމީ..." ނައިރާ އެހެން ބުނުމުން ޒުބައިދާ ނިންމީ ނައިރާވެސް ކައިވެނި ކުރަން އުޅެނީ އާދައިގެ ނިކަމެތި ކުއްޖަކާ ކަމެވެ. މުއްސަނދި ގަދަރުވެރި އާއިލާއެއްގެ ކުއްޖެއްނަމަ ނައިރާވެސް ބޮޑާކަމާއެކު ވާހަކަ ދައްކާނެއެވެ. އެކަމާ މެދު ފަޚުރުވެރިވާނެއެވެ.

ޒުބައިދާއާއި ވާހަކަ ދައްކާލާފައި ނައިރާ އެގެއިން ނުކުތްއިރުވެސް އެ މޫނުމަތިން މާޔޫސްކަން ފެންނަމުން ދިޔައެވެ.

"ނައިރާ!" އިސްޖަހާލައިގެން ހުރި ނައިރާއަށް އިސް އުފުލައިލަން މަޖުބޫރުވީ އޭނާގެ ގާތުން އިވުނު އަޑާއެކުގައެވެ، ބަލައިލިއިރު ހާޝިމް ފެނުމުން އޭނާގެ މޫޑު ޚަރާބުވިއެވެ. ހާޝިމްގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުން ވެސް ނައިރާއަށް ސިފަވަނީ ވިހަ ގަދަ ހަރުފައެއްގެ ސިފައިގައެވެ.

"ހާދަ ރީތިވެލައިގެން ތިއައީ؟" ހާޝިމްގެ އެ ވާހަކައާއެކު ނައިރާއަށް ދެބުމަ ގޮށްޖަހައިލެވުނެވެ. އޭނާއަށް ހާޝިމްގެ ނިޔަތް ރަނގަޅު ނޫންކަން އެނގުނު ނަމަވެސް އޭނާއަކީ ޒުބައިދާގެ ދަރިއެއްކަން އެނގިހުރެ އެފަދަ ގޮތަކަށް ވާހަކަ ދައްކަން ކެރިދާނެކަމަކަށް ނައިރާ ފަހަރެއްގައިވެސް ހީކޮށްފައެއް ނުވެއެވެ.

"އެކްސް ކިއުޒް މީ... ކީކޭ ތި ބުނީ؟" ރުންކުރު ގޮތަކަށް ނައިރާއަށް ސުވާލުކޮށްލެވުނެވެ.

"މަންމައާ ދިމާވެއްޖެހޭ މި ބުނީ؟ ހާދަ އަވަހަކަށް ތި ދަނީ؟" ހާޝިމް އެހެން ބުނެލުމާއެކު ނައިރާ އޭނާއަށް ލަސްވެއްޖެކަމުގައި ބުނެ ހިނގައިގަތުމުންވެސް ހާޝިމް ފަސްދީ ބަލައިލިއެވެ. އެނާގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ.

ހާޝިމް ފަސްދީ ހިނގައިގަތް ނައިރާގެ ހިތަށް ތަފާތު އެއްޗެހި އަރާފައިބަމުން ދިޔައެވެ. ހާޝިމްގެ ވާހަކަ ޒުބައިދާގެ ކައިރީގައި ބުނަން ހިތަށް އެރި ނަމަވެސް އެ ފަދަ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ޒުބައިދާގެ މޫނުމަތިން އޭނާއަށްޓަކައި ހަމްދަރުދީގެ އެއްވެސް ކުލަވަރެއް ނުފެނެއެވެ. އެއީ އޭނާ ބަނޑުއަޅައި ވިހޭ މައިމީހާއެއް ނޫންހެއްޔެވެ؟ އެއްވެސް ކުލުނެއް ނެތީ ކީއްވެހެއްޔެވެ؟ އެ ބެލުމުގައި ނަފްރަތު ވަނީ ކީއްވެހެއްޔެވެ؟ އޭނާ ފެނުމުން އެ ދެލޮލުން ނުރުހުންތެރިކަން ފެންނަނީ ކީއްވެހެއްޔެވެ؟ އެންމެ ފަހަރަކުވެސް ދަރިފުޅާއޭ ކިޔާފައި ގޮވައިނުލަނީ ކީއްވެހެއްޔެވެ؟ ޒުބައިދާ އޭނާ ދެކެ އެއްވެސް ވަރަކަށް ލޯބި ނުވަނީ ކީއްވެބާއޭ ނައިރާގެ ހިތަށް އަރަމުންދިޔައެވެ. އަމިއްލަ ނަފްސަށް ޝަކުވާކުރެވެމުން ދިޔައިރު، އޭނާގެ ދެލޯވެސް ފެންކަޅި ވެގެން ދިޔައެވެ. އެހެންނަމަވެސް، އޭނާ ކަރުނަތައް ކޮންޓްރޯލް ކުރަމުން ގެއާ ދިމާލަށް ހިނގައިގަތީ އަދިވެސް އުންމީދު ކުރަމުންނެވެ. އޭނާގެ ޙަޔާތުގައި ލިބޭ އެ އުފަލުގައި ޒުބައިދާ ބައިވެރިވާނެކަމުގައި ބުނެ އަމިއްލަ ހިތް ހަމަޖައްސައިދެމުންނެވެ.

*****

ކައިވެނީގެ ދުވަސް އައިސް ޖެހިއްޖެއެވެ. ކައިވެންޏަށް ދައުވަތު ދެވުނީ ހަމައެކަނި ގާތްތިމާގެ މީހުންނަށާއި ގާތް އެކުވެރިންނަށެވެ. ނައިރާ އިނީ މިޝްޔާގެ ކޮޓަރީގައެވެ. އޭނާ ލާފައި ހުރީ ޕާކިސްތާނު މީހުން ލާ ކަހަލަ ކަކުލުން ތިރިއަށް އަންނަ ވައްތަރުގެ ކަޅާ ހުދުކުލައިގެ ހެދުމެކެވެ. އެއްފަރާތު ކޮނޑުމަތިން ފޮތިގަނޑެއް ދޫކޮށްލާފައިވެއެވެ. ހެދުމުގެ ފަސްބަޔާއި މޭމަތިވަނީ ތަފާތު ވައްތަރުގެ ވިދާ އެސްތަކާ ރޭންދާ ތަކުން ޖަރީކޮށްލާފައެވެ. އާއްމުގޮތެއްގައި އެހާ ބޮޑަށް މޭކަޕް ނުކުރާ ނައިރާ މިރޭ ފެންނަނީ ވަރަށް ވެސް ފުރިހަމަ މޭކަޕެއްގައެވެ. އެކަމުގެ ސަބަބުން އޭނާގެ ރީތިކަން ވަނީ ދެގުނަ ކޮށްލާފައެވެ. އިސްތަށިގަނޑު ވެސް ރީތިގޮތަކަށް ހުޅިއަކަށް ޖަހާލާފައި އެއްފަރާތު ކަންފަތާ ނިތްކުރިމަތިން އިސްތަށިކޮޅެއް ވައްޓާލާފައިވާއިރު ހިތްގައިމުގޮތެއް ހުއްޓެވެ. ކަންފަތުގައި ރިހިކުލަިއގެ އެއްޗެއް ޖަހާފައިވާއިރު ހެދުމާއި ނުހަނު ގުޅެއެވެ. ނައިރާ އޭނާގެ އަމިއްލަ ސޫރައަށް ލޯގަނޑުން ބަލައިލިއެވެ. މީގެ އިރުކޮޅެއްފަހުން އޭނާ ވެގެން ދާނީ މީހެއްގެ އަނތްބަކަށޭ ހިތަށް އެރުމާއެކު މެއަށް ފިނިވެގެން ދިޔައެވެ. މުޅި ހަށިގަނޑުގައިވެސް ބުނެދޭން ނޭނގޭ ފިނިކަމެއް ދައުރުކޮށްލުމާއެކު އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަތްފައި ފިނިވުމާއެކު އޭނާއަށް ދެއަތް ދެއަތާ މޮޑެވެން ފެށުނެވެ. މިއަދަކީ އޭނާ ކުރަމުން އައި ދިގު ފޮނި އިންތިޒާރެއްގެ ނިންމުން އަންނަ ދުވަހަށް ވީނަމަވެސް، ހިތުގައި ނޭނގޭ ބިރުވެރިކަމެއްވެސް އުފެދެމުން ދިޔައެވެ. ކުރެވެނީ ބުނެދޭން ނޭނގޭ އިޙްސާސްތަކެކެވެ. އެއީ ހަމަ ކޮންމެ މީހަކަށްވެސް ކުރެވޭނެ އިޙްސާސްތަކެއްހެއްޔެވެ؟ މިރޭ އޭނާއަށް ކުރެވެމުން އެ ދާ ހުރިހާ އިޙްސާސްތަކަކީ މީގެ ކުރިން ދުވަހަކުވެސް ކުރެވިފައިވާ އިޙްސާސްތަކެއް ނޫނެވެ. މާކިންއާއި އޭނާއާ ދެމެދު ދެކެވިފައިވާ ވާހަކަތަކާ އެކުގައި ހޭދަކުރެވުނު ލޯބިވެތި ވަގުތު ތަކުގެ ހަނދާންތައް އޭނާއަށް އަންނަމުން ދިޔައެވެ. ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. މާކިން އޭނާގެ ހިތުގައި ޖެހޭފަދަ ކަމެއް ދުވަހަކުވެސް ނުކުރާނެކަމުގެ ޔަޤީންކަން ނައިރާއަށް އޮތެވެ.

"މިއޮތީ ފައިވާން..." ނައިރާ އޭނާގެ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ލޯގަނޑުކުރިމަތީގައި އިންދާ އޭނާ ސިހުނީ ދޮރު ހުޅުވާލާފައި މިޝްޔާ ވާހަކަ ދެއްކި އަޑަށެވެ.

"ހާދަ ލޯތްބޭ..." މިޝްޔާއަށް ބުނެވުނެވެ. އޭނާ އައިސް ނައިރާއަތަށް އެ އުސް ފައިވާން ދިނުމުންނައިރާ އޭގައި ހިފަމުން ފައިވާނަށް އަރަން އަވަސްވެގަތެވެ.

"މިޝޫ ވެސް ލޯތްބޭ ވަރަށް..." ނައިރާ މިޝްޔާއަށް ބަލައިލަމުން ބުނެލިއެވެ.

މިޝްޔާ ލާފައިހުރީ ބްރައުން ޝޭޑަކަށްދާ ކަހަލަ އަރިފެޅި ޕާކިސްތާނު ހެދުމެކެވެ. މިޝްޔާވެސް ހުރީ މޭކަޕްކޮށްފައެވެ. ތުންފަތުގައި ޖައްސާފައިވާ ރަތްކުލައިގެ ލިޕްސްޓިކާއި ކޮށްފައިވާ މޭކަޕްގެ ސަބަބުން މިޝްޔާ ފެންނަނީ ވަރަށް ތަފާތުކޮށެވެ. އޭނާގެ ފަސް އިސްތަށުގަނޑު އޮތީ ދޫކޮށްލާފައެވެ. އަރާފައިވަނީ އުސް ފައިވާނަކަށެވެ.

"ދޮންބެ ހޭނެތޭނެއެއްނު މިރޭ..." މިޝްޔާ ނައިރާއާއި ދިމާކޮށްލުމުން ނައިރާގެ މޫނު ލަދުން ރަތްވެގެން ދިޔައެވެ.

"ތީ އަހަރެން އެއްޗެއް ބުނީމަ ވާވަރު. ދެން ކޮބާ ދޮންބެ ތައުރީފްކޮށްލީމަ އަދި ވާނެވަރު..." ނައިރާއަށް ވީ ގޮތް ފެނި މިޝްޔާ އޭނާ އިތުރަށް ލަދު ގަންނުވާލާ ހިތްވިއެވެ.

"އެބަ އަންނަން ދޮންބެ ރެޑީތޯ ބަލައިލާފަ. މިހާރު އަތްގަޑި ބައިވާން އެ އުޅެނީ. ބަރާބަރު ގަޑިއަށް ގާޒީވެސް އަންނާނެ." އެހެން ބުނެލުމަށްފަހު، މިޝްޔާ ކޮޓަރިން ނުކުމެގެން ގޮސް މާކިންގެ ކޮޓަރީގައި ޓަކި ޖަހާލާފައި އެތެރެއަށް ވަތްއިރު މާކިން ވެސް ހުރީ ރީތިވެގެންނެވެ. ކަޅުކުލައިގެ ކޯޓް ފަޓްލޫނުގައި ހުރިއިރު އޭނާގެ ފިރިހެންވަންތަކަން ވަނީ އިތުރުކޮށްފީފައެވެ. އަޅާފައިވަނީ އަޅިކުލައަކަށްދާ ޓައީއެކެވެ. ބޫޓަށްއަރާފައި ހުރިއިރު އިސްތަށިގަނޑު ހަދާލާފައިވާ ސްޓައިލިޝް ގޮތުންވެސް ފިރިހެންވަންތަ އެ ސަޚްސިއްޔަތު ފެންނަނީ ވަރަށް ވެސް އޮފިޝަލްކޮށެވެ. އަތުކުރީގައި އަޅާފައިވާ ގަޑިއަށް ބަލައިލުމަށްފަހު، މިޝްޔާއަށް ބަލައިލި މާކިން ހިނިތުންވެލިއެވެ.

"ދާންވީ ދޯ!" މާކިން ބުނެލިއެވެ.

"އިންނަން ބޭނުމިއްޔާ ޖެހޭނީ ދާކަށްނު. މިތާ ހުއްޓަސް އިނދެވޭތަ؟" މިޝްޔާ ބުނެލިއެވެ. މާކިން ފަރުވާތެރިކަމާއެކު މިޝްޔާއަށް ބަލައިލިއެވެ. މިޝްޔާގެ މޫނުމަތިން ހަޤީޤީ އުފާވެރިކަމެއް އޭނާއަށް އެ ފެނުނީ އަލަށެވެ. ދުޢާ ކުރެވުނީ އެ ތުންފަތް މަތީގައި އަބަދުވެސް އެ ހިނިތުންވުން ލެއްވުމަށެވެ. މިޝްޔާގެ އެ ސޫރަ އޭނާއަށް އެ ފެނުނީ ހާދަ ދުވަހެއް ފަހުންނެވެ. ހީވަނީ މިޝްޔާގެ ސޫރައަށް ވެސް ،މުޅިން އާ ދިރުމެއް ލިބިފައިވާ ހެންނެވެ. އެ ހުރިހާކަމެއްގެ ތެރެއިންވެސް އޭނާއަށް އެންމެ ފާހަގަވީ މިޝްޔާގެ މައުސޫމްކަމެވެ. އެ ހުންނަ ޅަ ގޮތެވެ. މިރޭ އޭނާއަށް ސިފަވަނީ ކުރީގެ މިޝްޔާއެވެ. މާކިންއަށް ޒިޔާނާ މަތިން ހަނދާންވެ ހިނިތުންވުން ފަނޑުކޮށްލެވުނެވެ. މަންމަ ހުރިނަމައޭ އޭނާގެ ހިތަށް އެރިއެވެ.

"ދޮންބޭ... ކިހިނެއްވީ؟" މާކިންގެ މޫނުމަތި މިލައިގެން ދިޔަތަން ފެނުމާއެކު މިޝްޔާއަށް ބުނެވުނެވެ.

ކަމެއްނުވޭ!" މާކިން އެހެން ބުނެލާފައި ހިނިތުންވެލި ނަމަވެސް އެ އަޑުގައި ހުރި އަސަރުތައް ފޮރުވުމުގައި އޭނާއަށް މިފަހަރު ކާމިޔާބެއް ނުވިއެވެ.

"ބުނޭ ކިހިނެއްވީ؟" މިޝްޔާ ސުވާލުކޮށްލުމާއެކު މާކިން އޭނާ މަންމަ މަތިން ހަނދާންވަނީ ކަމުގައި ބުނެލިއެވެ. މިޝްޔާ ގޮސް މާކިންގެ ގައިގައި ބައްދައިލިއެވެ.

"މަންމަ ހުރި ނަމަ މަންމަ ވަރަށް އުފާވާނެ!" މިޝްޔާ ބުނެލިއެވެ. އިރުކޮޅަކުން ރިފްއަތު އައިސް ގަޑިޖެހިއްޖެކަމުގައި ބުނުމުން މާކިން ވެސް ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. މިޝްޔާވެސް އޭނާ ނައިރާ ގޮވައިގެން ތިރިއަށް ދަނީކަމަށްބުނެ އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. މިޝްޔާ ނައިރާ ގޮވައިގެން ތިރިއަށް ދާން މިސްރާބުޖެހިއެވެ. ވަކި ހިސާބަކުން ނައިރާ މަޑުޖެހިލިއެވެ.

"ކިހިނެއްވީ އަނެއްކާ؟ އެއްޗެއް ހަނދާންނެތުނީތަ؟" މިޝްޔާ ސުވާލުކޮށްލިއެވެ.

"އަހަރެން އެބަ ވަރަށް ވަރަށް ނާވަސް ވޭ..."
މިޝްޔާގެ އަތުގައި ހިފައިލަމުން ނައިރާ ބުނެލިއެވެ. މިޝްޔާ ހިނިތުންވެލިއެވެ. އެއީ އެންމެނަށްވެސް ވާނެ ގޮތެއްކަމުގައި މިޝްޔާ ބުނެލިއެވެ.

"މިޝްޔާ މެރީކުރާ ދުވަހުވެސް މި ކަހަލަ އެއްޗެއް ބުނެފިއްޔާ ތިހެން ބުނާނީ ހަމަ!" ނައިރާ އެހެން ބުނުމުން މިޝްޔާއަށް ހިނިތުންވެވުނެވެ. އޭނާއަށް ނާޒިލްގެ ސޫރަ ސިފަވީ ކީއްވެކަކެއް ނޭނގުނެވެ. އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރައިލަމުން މިޝްޔާ ހިނގައިގަތެވެ. ދެމީހުން އެކުގައި ތިރިއަށް ދިޔައިރު، މާކިންވެސް ތިރީގައި ހުއްޓެވެ. މާކިންގެ ކައިރީގައި ނާޒިލް ހުރެފައި އޭނާ ދުރަށް ހިނގައިގަތެވެ. މާކިން އެނބުރިލިި ވަގުތު ނައިރާ ފެނުމުން އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނައިރާ މިރޭ އާދަޔާ ޚިލާފަށް ރީއްޗެވެ. މާކިން އެވަރަށް ނައިރާއަށް ބަލަން ފެށުމުން ނައިރާގެ ކައިރީގައި ހުރި މިޝްޔާ ނައިރާގެ ކަންފަތް ދޮށުގައި ކޮންމެވެސް އެއްޗެއް ބުނެލުމާއެކު ނައިރާއަށް މާކިންއާ ނަޒަރު ވަކިކޮށްލާ އިސްޖަހައިލެވުނެވެ. މާކިންގެ ތުންފަތް މައްޗަށް މައުނަވީ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ އަމިއްލަ ނަފްސަށް ވައުދުވިއެވެ. ނައިރާގެ ހިތުގައި ދުވަހަކުވެސް ނުޖެއްސުމަށެވެ. ދުނިޔޭގައިވިއްޔާ ވީހާ އުފަލެއް ނައިރާއަށް ހޯދައިދިނުމަށެވެ. ކުޑައިރުކޮޅެއް ފަހުން ނައިރާ ވެގެން ދާނީ އޭނާގެ އަނބިމީހާއަށެވެ. މުޅި އުމުރަށް އޭނާގެ ހައްޤަކަށެވެ. މާކިންގެ ހިތުގައިވަނީ އުފާވެރިކަން ނަމަވެސް އަލަތު ކައިވެނި ކުރެވެން އުޅޭތީ ކުޑަކޮށް ހާސްވެސް ވިއެވެ.

ނައިރާގެ ނަޒަރު އެތެރެއަށް ވަދެގެން އައި އޭނާގެ ބައްޕަ ޒަރީރުއަށް ހުއްޓުމާއެކު، ނައިރާއަށް އޭނާގެ ހިނިތުންވުން ފަނޑުކޮށްލެވުނެވެ. އެތެރެ ހޯދަމުން ހޯދަމުން އައި ޒަރީރަށްވެސް ނައިރާ ފެނުމާއެކު މަޑުޖެހެެވުނެވެ. ނައިރާ ގެ ނަޒަރު ހުއްޓިފައިހުރި ދިމާލަށް މާކިންވެސް ބަލައިލިއެވެ. ޒަރީރު ފެނުމާއެކު އެއީ ކާކުކަން މާކިންއަށް ދެނެގަނެވުނެވެ. ނައިރާ އެ ދިމާލަށް ހިނގައިގަތުމުން ނައިރާއާއި އެކުއެކީ ކަހަލަ ގޮތަކަށް އޭނާ ވެސް އެ ދިމާލަށް ދިޔައެވެ. ނައިރާ ގޮސް އޭނާގެ ބައްޕަ ކައިރިއަށް ހުއްޓުމާއެކު ޒަރީރު ފަހަރަކު މީހަކަށް ބަލައިލިއެވެ. އޭނާ ނައިރާއަށް ބަލައިލަމުން ހިނިތުންވެލި ނަމަވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. އެހާ ދުވަސްފަހުން ނައިރާ ފެނުނުއިރު ނައިރާ އެހުރީ ފުރާ ފުރިހަމަ ވެފައެވެ.

މިޝްޔާ އެތަން ބަލަން ހުރެފައި އެއްފަރާތަކަށް ޖެހިލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ ފޯނެއްގައި ހުރެފައި އޭނާއާއި ދިމާލަށް އެނބުރުނު ނާޒިިލްއަށެވެ. ނާޒިލްގެ ލޮލުގައިވެސް މިޝްޔާ އަޅައިގަތުމާއެކު އޭނާއަށް ކަޅި ޖަހައިނުލާ މިޝްޔާއަށް ބެލެން ފެށުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު