ޖީއެސްޓީއާއި ޓީޖީއެސްޓީ، ބޮޑުކުރާތީ ވިޔަފާރިވެރިން ސަމާލުވުމަށް މީރާއިން އަންގައިފި

ދައުލަތުގެ ޓެކްސް އިދާރާ މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފަށައިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރަން ނިންމާފައިވާތީ ވިޔަފާރިވެރިން އެކަމަށް ސަމާލުވުމަށް ދައުލަތުގެ ޓެކްސް އިދާރާ (މީރާ)އިން އަންގައިފިއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވަނީ ތަސްދީގުކުރައްވައިފައެވެ.

ރައީސް މި ބިލް ތަސްދީގުކުރެއްވުމުން މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

މިި ބިލް ފާސްކުރީ މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާއިންނެވެ.

ރައީސް މިއަދު ތަސްތީގު ކުރެއްވި ބިލް ގާނޫނަކަށްވެ، އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް 16 ޕަސެންޓަށް ބޮޑުވާއިރު ޓޫރިޒަމް ދާއިރާ ފިޔަވައި އެހެނިހެން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނަގާ ޖީއެސްޓީ އަށެއް އިންސައްތައަށް ބޮޑުވާނެއެވެ.

މީރާއިން މިއަދު ނެރުނު ސަމާލުގައި ވަނީ ރެޖިސްޓްރީ ކޮށްފައިވާ ފަރާތަކީ 24 ގަޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއް ކަމުގައިވާ ނަމަ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުގެ ރޭގަނޑު 12:00ގެ ކުރިން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނަގަން ވާނީ ޓޫރިޒަމް ދާއިރާ ނަމަ 12 ޕަސެންޓް، އަދި ޓޫރިޒަމް ދާއިރާ ނޫން އެހެން ދާއިރާއެއް ނަމަ ހަ ޕަސެންޓުން ކަމަށެވެ.

މީރާއިން ވަނީ މިކަމާ ގުޅިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އައު ރޭޓުތަކުގައި ޖީއެސްޓީ ނެގުމަށް ޓަކައި ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގުޖެހުމަށް ކުރަންޖެހޭ ކަންކަން ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކުހެއް ނަގަން އެންމެ ފުރަތަމަ ފެށީ 2008ވަނަ އަހަރުގެ ތެރޭގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް