ރައީސް ޔާމީންގެ މައްސަލަ ނިމުމަކަށް, ދެން އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުން

ކުރީގެ ރައީސް ޔާމީން: އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ވަނީ ނިމުމަކާ ގާތަށް އައިސްފަ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ އަޑުއެހުންތައް ނިމުމަކަށް އައިސް ޚުލާސާ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގައްޖެއެވެ.

އެ މައްސަލައިގައި ރައީސް ޔާމީނަށް އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

އެ މައްސަލައިގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ޔޫސުފް ނައީމްގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. ހެއްކާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ފަރާތުން ދެއްކެވި ވާހަކަތަކަށް ޔޫސުފް ނައީމްގެ ފަރާތުން ވަނީ ތާއީދުކުރާކަން ހާމަކޮށްފައެވެ. އަދި ޔޫސުފް ނައީމްގެ ފަރާތުން ހުށަހެޅި ހެކިތަކާ ގުޅޭ ގޮތުން ވެސް އޭނާގެ ދިފާއީ ވަކީލް ވަނީ ވާހަކަ ދައްކަވާފައެވެ.

މީގެ ކުރިން ބޭއްވި ތިން އަޑުއެހުމެއްގައި ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކާފައެވެ. އަދި ދައުލަތުގެ ފަރާތުން ވެސް ވަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.

އެހެންކަމުން ދެން އޮންނާނީ ދެ ފަރާތުން ވެސް ޚުލާސާ ބަޔާން އިއްވުމެވެ. މި މަހުގެ 30 ވަނަ ދުވަހު އެ އަޑުއެހުން ބާއްވާނެ ކަމަށް, މިއަދުގެ ޝަރީއަތް ނިންމާލަމުން މައްސަލަ ބައްލަވާ ގާޒީ އަޙްމަދު ޝަކީލް ވިދާޅުވިއެވެ.

އެއް އަޑުއެހުމެއްގައި ޚުލާސާ ބަޔާން ހުށަހަޅައި ނިންމާލުމަށް ތައްޔާރުވެގެން ވަޑައިގަތުމަށް ގާޒީ ވަނީ އެދިވަޑައިގެންފައެވެ. އެހެން ކަމުން އެ އަޑުއެހުމަށްފަހު އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް