ޑެންމާކް ރަނގަޅު ފޯމެއްގައި، ޓިއުނީޝިއާ ކަރިއިން ތަފާތު ދެއްކިދާނެބާ؟

ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ޑީގައި ޓިއުނީޝިއާ އާއި ދެކޮޅަށް ޑެންމާކުން ނުކުންނާނެއެވެ.

މިއީ 2021 ވަނަ އަހަރު ކުޅުނު ޔޫރޯ 2020 މުބާރާތުގައި ކްރިސްޓިއަން އެރިކްސަން އަށް ހާޓް އެޓޭކެއް ޖެހުނު މެޗަށްފަހު، އެޓީމުން ތަފާތު މޮޅު ކުޅުމެއް ދައްކަމުން ގޮސް، ސެމީ ފައިނަލުގައި އިނގިރޭސިން އަތުން ބަލިވެ މުބާރާތުން ވަކިވާން ޖެހުނުފަހުން ކުޅޭނެ ފުރަތަމަ ހައިބަތު ބޮޑު މުބާރާތެވެ.

ޔޫރޯގައިވެސް ޑެންމާކުން ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާއިރު، އެޓީމުން ވަނީ މިއަހަރުގެ ތެރޭގައި ނޭޝަންސް ލީގުގައި ދެ ފަހަރެއްގެ މަތިން ވޯލްޑް ކަޕުގެ އެންމެފަހުގެ ޗެމްޕިއަން ފްރާންސްގެ މައްޗަށްވެސް ކުރިހޯދާފައެވެ.

އެހެންކަމުން ވޯލްޑް ކަޕާއި ކުރިމަތިލާއިރު އެޓީމުން އޮތީ ރަނގަޅު ފޯމެއްގައިއޭ ބުނެވޭނެ ޖާގަ އެބައޮތެވެ. ސުވާލަކީ އެޓީމަށް މި މުބާރާތުގައި ތަފާތު ދެއްކިދާނެތޯ، މިއީ އެވެ.

ޑެންމާކުން އެންމެފަހުން ކުޅުނު ފަސް މެޗު:

  • ޑެންމާކް 2-0 ފްރާންސް
  • ޑެންމާކް 1-2 ކްރޮއޭޝިއާ
  • ޑެންމާކް 2-1 އޮސްޓްރިއާ
  • ޑެންމާކް 0-1 ކްރޮއޭޝިއާ
  • ޑެންމާކް 2-1 އޮސްޓްރިއާ

ޑެންމާކާއި ދެކޮޅަށް ނުކުންނަ ޓިއުނީޝިއާ އިންވެސް މިފަހުން ރަނގަޅު ނަތީޖާތަކެއް ނެރެފައިވެއެވެ.

އެހެންނަމަވެސް މިފަހުން ބްރެޒިލް އާއި ދެކޮޅަށް ކުޅުނު މެޗެއްގައި ބްރެޒިލް އިންވަނީ ޓިއުނީޝިއާ އަތުން 1-5 އިން މޮޅުވެފައެވެ.

ޑެންމާކުން އެންމެފަހުން ކުޅުނު ފަސް މެޗު:

  • ޓިއުނީޝިއާ 1-5 ބްރެޒިލް
  • ޓިއުނީޝިއާ 1-0 ކޮމޮރޯސް
  • ޓިއުނީޝިއާ 3-0 ޖަޕާން
  • ޓިއުނީޝިއާ 2-0 ޗިލީ
  • ޓިއުނީޝިއާ 0-0 ބޮޓްސްވާނާ

މުބާރާތުގައި ޑެންމާކާއި ޓިއުނީޝިއާ ހިމެނޭ ގްރޫޕް ޑީގައި ދެން ހިމެނެނީ ފްރާންސް އާއި އޮސްޓްރޭލިއާ އެވެ.

ފްރާންސް އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 00:00 ގައެވެ.

comment ކޮމެންޓް