ހަލުވި ކަމާއެކު ހޭންޑް ފޫޓް އެންޑް މައުތު ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުއަޅަން އެދެފި

ބަލިން ރައްކާތެރިވުމަށް ގިނަގިނައިން އަތް ދޮވުމާއި އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމަކީ މުހިއްމު ކަމެއް

ހަލުވިކަމާއެކު ހޭންޑް ފޫޓް އެންޑް މައުތު ބަލި ފެތުރެމުންދާތީ ބަލީގެ އަލާމާތަތައް ދެނެގަނެ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދެފިއެވެ.

ހޭންޑް ފޫޓް އެންޑް މައުތު ބައްޔަކީ ވައިރަހަކުން ޖެހޭ، ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޮންމެ މީހަކަށް ވެސް އެ ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އާންމުކޮށް ކުޑަކުދިން އެއްވެ އުޅޭ ތަންތަނުގައި އެ ބަލި ފެތުރުން އިތުރުވެގެން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައިސް، ބޮލުގައި ރިއްސުމާއި، ކަރުތެރެ ފާރުވުމާއި، އަތްތިލައާއި ފައިތިލައިގައި ރައްކުލައިގެ ބިހިތަކެއް ނެގުމަށްފަހު ފެން ފޮޅަކަށް ބަދަލުވުން ހިމެނެއެވެ. އޭގެ އިތުރުން ވަރުދެރަވުމާއި ކާހިތްނުވުމަކީ ވެސް ބަލީގެ އަލާމާތްތަކެވެ.

ހޭންޑް ފޫޓް އެންޑް މައުތު ޖެހިފައިވާ މީހާގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ތަކެތި އަދި ފޮޅުން ނިކުންނަ ދިޔައިން ބަލި ފެތުރެއެވެ. އަދި ކެއްސާ ކިނބިހި އަޅާ އިރު ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ވެސް ބަލި ފެތުރެއެވެ. ބަލީގެ ވައިރަސް ހަށިގަނޑުގައި އަށަގަންނަތާ ތިނެއް ނުވަތަ ހަތް ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށައެވެ.

ބަލިން ރައްކާތެރިވުމަށް ގިނަގިނައިން އަތް ދޮވުމާއި އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމަކީ މުހިއްމު ކަމެކެވެ. އޭގެ އިތުރުން ބަލި ޖެހިފައިވާ ކުދިން ބޭރަށް ނުގެންދިޔުމައި ބޭނުންކޮށްފައިވާ ނެޕީ، ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަކީ ބަލިން ރައްކާތެރިވުމަށް އެޅިދާނެ މުހިއްމު ފިޔަވަޅުތަކެކެވެ.

comment ކޮމެންޓް