ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ނެރުނު ވަގުތީ އަމުރު އިސްތިއުނާފު ކުރަން ހުށަހަޅައިފި

ދިރާގު ހެޑް އޮފީސް: ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ނެރުނު ވަގުތީ އަމުރު އިސްތިއުނާފު ކުރަން ވަނީ ހުށަހަޅާފަ -- ސަން ފައިލް ފޮޓޯ/ މުހައްމަދު ހައްޔާން

ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހައި ކޯޓަށް ހުށަހަޅައިފިއެވެ.

ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރަން ބްރޯޑްކޮމްއިން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ދިރާގުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން އެ ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.

ބްރޯޑްކޯމް އިން ހައި ކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމައެވެ.

ބްރޯޑްކޮމްއިން ވަނީ، ރާއްޖެއިން ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކުން އަންނަ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމަކީ މަނާ ކަމެއް ކަމަށް ބުނެ ރީބްރޯޑްކާސްޓް ކުރުމާ ގުޅޭ ގަވާއިދު އިސްލާހުކޮށްފައެވެ.

ދިރާގުގެ މެޖޯރިޓީ ހިއްސާ މިހާރު އޮންނަނީ ބަހުރައިންގެ ޓެލެކޮމިއުނިކޭޝަން ކުންފުނި ބަޓެލްކޯއަށެވެ.

އެހެންކަމުން ދިރާގު ޓީވީގެ ރީބްރޯޑްކަސްޓިން ލައިސަންސް އާ ކުރުމަށް މިއަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހު އެ ކުންފުނިން ހުށަހެޅުމުން ބްރޯޑްކޮމްއިމް ވަނީ އާ އިސްލާހުގެ ދަށުން ލައިސަންސް އާކޮށްދެވެން ނެތް ކަމަށް ނިންމާފައެވެ.

ދިރާގުން ކުރި ދައުވާގައި ވަނީ އެ ކުންފުންޏަކީ ސައްތައިން ސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުންޏަކަށް ނުވާތީ ދިރާގު ޓީވީގެ ލައިސަންސް އާ ނުކޮށްދޭން ބްރޯޑްކޮމްއިން ނިންމާފައިވާ ނިންމުމަކީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 28 ވަނަ މާއްދާއާ ޚިލާފު، ބާތިލު ނިންމުމެއް ކަމަށެވެ.

މީގެ އިތުރުން، ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި ކަނޑާއަޅާފައިވާ މުއްދަތުގެ ތެރޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އާ ކުރުމަށް އެދި ދިރާގުން ހުށަހަޅާފައިވާ ކަމަށާއި ދިރާގު ޓީވީގެ ލައިސަންސް އާކޮށްދިނުމަށް ބްރޯޑްކޮމްގެ މައްޗަށް އަމުރުކޮށްދިނުމަށް އެ ދައުވާގައި އެދިފައިވެއެވެ.

ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ، ދިރާގުން ރީބްރޯޑްކާސްޓިން ޚިދުމަތް ގެނައުމަށް ބޮޑު އިންވެސްޓްމެންޓެއް ކޮށްފައި ވުމާއި މި މުއާމަލާތުގައި ތިން ވަނަ ފަރާތެއްގެ ހައްގުތައް ހިމެނިގެންވާކަން އެނގެން އޮންނާތީ ދިރާގުން އެދިފައިވާ ފަދަ އަމުރެއް ނެރެނުދީފި ނަމަ އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް އެ ކުންފުންޏަށް ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދިރާގަށް ދޫކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހުއެވެ.

comment ކޮމެންޓް