ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 އަކީ އެތައް ގޮތަކުން ތަފާތު ވޯލްޑް ކަޕެކެވެ.
އެގޮތުން މިއީ މެދުއިރުމަތީގެ ގައުމެއްގައި ވޯލްޑް ކަޕް ކުޅޭ ފުރަތަމަ ފަހަރެވެ. އަދި އޭޝިއާ ބައްރުގެ ގައުމެއްގައި މި މުބާރާތް ކުޅޭ ދެވަނަ ފަހަރެވެ.
މީގެއިތުރުން މިފަހަރުގެ ވޯލްޑް ކަޕަކީ އަހަރުގެ މެދުތެރޭގައި ނޫން ގޮތަކަށް ވޯލްޑް ކަޕުގެ މެޗުތައް ކުޅޭ ފުރަތަމަ ފަހަރެވެ.
މިފަދަ އެތައް ކަމެއްގެ އިތުރުން، މިފަހަރުގެ ވޯލްޑް ކަޕުގައި މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު އެންމެންގެ ހިތުގައިވެސް އުފެދޭ "ކޮމަން" ސުވާލެއް އެބައޮތެވެ.
މެޗުތަކުގެ އިތުރުވަގުތުގެ ގޮތުގައި އެހާ ގިނަ ވަގުތު ދައްކަނީ ކީއްވެތޯ، މި ސުވާލެވެ.
މިހާތަނަށް ކުޅުނު ހަތަރު މެޗުގައި އެކަނިވެސް އިތުރު ވަގުތުގެ ގޮތުގައި ޖުމްލަ 65 މިނެޓު ދައްކާފައިވެއެވެ. އޭގެތެރެއިންވެސް އިންގްލެންޑުން އީރާންގެ މައްޗަށް 2-6 އިން ކުރި ހޯދި މެޗުގައި ފުރިހަމަވަގުތާއި އިތުރުވަގުތުގެ ގޮތުގައި ޖުމްލަ 117 މިނެޓާއި 16 ސިކުންތު ކުޅެފައިވެއެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް އިތުރުވަގުތުގެ ގޮތުގައި 14 މިނެޓު ދައްކާފައިވެއެވެ. އަދި ދެވަނަ ހާފުގައި 10 މިނެޓު ވަނީ ދައްކާފައެވެ.
އެމެޗުގެ ފުރަތަމަ ހާފުގައި އެހާ ގިނަ މިނެޓު ދައްކާފައިވަނީ، ފުރަތަމަ ހާފުގެ ކުރީކޮޅުގައި އީރާންގެ ކީޕަރު އަލީ ރިޒާގެ ބޮލަށް ލިބުނު އަނިޔާ އާއި ގުޅިގެން ދަނޑު މަތީގައި ގިނަ ވަގުތުތަކެއް ހޭދަވެފައިވެއެވެ.
ފުޓުބޯޅައިގައި އިތުރުވަގުތުގެ ގޮތުގައި ދައްކަނީ، މެޗުގައި ކުޅުން މެދުކަނޑާލާފައި އޮންނަން ޖެހޭ ވަގުތަށް ރިއާޔަތްކޮށްފައެވެ. މެޗު މެދުކަނޑާލަން ޖެހޭ ސަބަބުތަކުގެ ތެރޭގައި، އަނިޔާއާއި، ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ނިންމުންތަކާއި، ކުޅުންތެރިން ބަދަލުކުރަން ހޭދަވާ ވަގުތުގެ އިތުރުން، ޕެނަލްޓީ އަދި ރަތް ކާޑު ދައްކާ ވަގުތުތަކުގައި ހޭދަވާ ވަގުތު، ގަސްތުގައި ވަގުތު ބޭކާރު ކުރުމަށް ކުޅުންތެރިން ހިންގާ އަމަލުތަކުގެ ސަބަބުންނެވެ.
އިތުރުވަގުތުގެ ގޮތުގައި ގިނަ ވަގުތުތަކެއް ދެއްކުމާއި ގުޅޭގޮތުން ފީފާގެ ރެފްރީންގެ ކޮމިޓީގެ ޗެއާމަން ޕިއެރުލުއިޖީ ކޮލީނާ މިދިޔަ ހަފުތާގައި ވިދާޅުވީ، މިފަހަރުގެ މުބާރާތުގައި ކުޅޭ މެޗުތަކުގައި، ގެއްލޭ ވަގުތު މޮނީޓާ ކުރުމަށް ހަތަރު ވަނަ އޮފިޝަލުންނަށް އަންގާފައިވާ ކަމަށެވެ.
އަދި މިއީ މީގެކުރިން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް، ކުރަން މަސައްކަތްކުރި ކަމެއް ކަމަށް ކޮލީނާ ބުނެފައިވެއެވެ. ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގެ މެޗުތަކުގައިވެސް އިތުރުވަގުތުގެ ގޮތުގައި ހަތް މިނެޓު، އަށް މިނެޓު ދައްކާފައިވާކަން ފާހަގަކޮށްލެވެއެވެ.
މެޗުގައި ކުޅުން ކުރިއަށްދާ ވަގުތު އިތުރުކުރުމަށް ފީފާގެ ރެފްރީން ކުރަމުން މިއަންނަ މަސައްކަތުގެ ސަބަބުން، ބައެއް ރެކޯޑުތައްވެސް މިހާރު މިކަމުގެ ތެރެއިން މިވަނީ ހެދިފައެވެ،
އެގޮތުން ވޯލްޑް ކަޕުގެ މެޗުޑޭ ދޭއްގައި ކުޅުނު ތިން މެޗުގެ ހާފުތަކުގައި ދެއްކި އިތުރުވަގުތަކީ، ވޯލްޑް ކަޕެއްގެ މެޗެއްގައި އެންމެ ގިނައިން އެކްސްޓްރާ ޓައިމްގެ ގޮތުގައި ވަގުތު ދެއްކި މެޗުތަކެވެ.
މި ރެކޯޑުގެ އެއްވަނަ ލިބެނީ އިނގިރޭސިން އީރާންގެ މައްޗަށް ކުރި ހޯދި މެޗުގެ ފުރަތަމަ ހާފުގައި ދެއްކި 14 މިނެޓަށެވެ.
ދެވަނަ ލިބެނީ ހަމަ އެ މެޗުގެ ދެވަނަ ހާފުގައި ކުޅުނު އިތުރުވަގުތުގެ 13 މިނެޓަށެވެ.
އެމެރިކާ އަދި ވޭލްސް ކުޅުނު މެޗުގެ ދެވަނަ ހާފުގައި އިތުރުވަގުތުގެ ގޮތުގައި ކުޅުނު 10 މިނެޓާއި 34 ސިކުންތަށް މި ރެކޯޑުގެ ތިންވަނަ ލިބެއެވެ. އަދި ހަތަރުވަނަ ލިބެނީ ސެނެގާލް އާއި ނެދަލެންޑްސް ބައްދަލުކުރި މެޗުގެ ދެވަނަ ހާފުގައި ކުޅުނު 10 މިނެޓާއި 03 ސިކުންތަށެވެ.
އިތުރުވަގުތުގެ ގޮތުގައި 14 މިނެޓާއި ހަމައަށް މިފަހަރުގެ ވޯލްޑް ކަޕުގެ މިހާތަނަށް ދައްކާފައިވާއިރު، މިހައި ގިނަ ވަގުތު ލިބުމުގެ ސަބަބުން އިތުރު ރެކޯޑުތަކެއް ހެދުމުގެ ފުރުސަތުވެސް ކުޅުންތެރިންނަށް މިވަނީ ލިބިފައެވެ.
އެގޮތުން އިންގްލެންޑާއި ދެކޮޅަށް އިއްޔެ އީރާން ކުޅުނު މެޗުގައި، މެހްދީ ތަރޭމީ ޖެހި ޕެނަލްޓީ އަކީ، އިތުރުވަގުތުގެ ދެ ހާފު ފިޔަވައި، ވޯލްޑް ކަޕުގެ މެޗެއްގެ ތެރެއިން ފެނިގެންދިޔަ އެންމެ ލަސް ލަނޑެވެ. އެ ލަނޑު މެހްދީ ޖަހާފައި ވަނީ ދެވަނަ ހާފުގެ އިތުރުވަގުތުގެ ގޮތުުގައި ދެއްކި 14 މިނެޓުގެ ތެރެއިން 12 މިނެޓާއި 30 ސިކުންތުގައެވެ. އެއީ 102 ވަނަ މިނެޓު، 30 ސިކުންތުގެ ތެރޭގައެވެ.