ސަރުކާރުތަކުން ވަނީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދެވި ބޮޑުތަނުން ފެއިލްވެފައި: ސިޔާމް

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު--- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސަރުކާރުތަކުން ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ވެސް ފޯރުކޮށްނުދެވި ބޮޑުތަނުން ފެއިލްވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މެމްބަރު ސިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ފުދުންތެރި ދެކޮޅުޖެހޭ އުފާވެރި ދިރިއުޅުމެއް އުޅެން ކަމަށެވެ.

ނަމަވެސް އެކަން ކުރުމަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެއްވެސް ސަރުކާރަކަށް ފޯރުކޮށްދެވިފައި ނުވާ ކަމަށާއި ހުރިހާ ސަރުކާރެއް ވެސް ފެއިލް ވެފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

އިޤްތިޞާދީ އަނދަވަޅެއްގެ މަލަމަތީގައި ރައްޔިތުން ތިބިއިރު މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ބޮޑުކުރުމަށް އެދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ދާދިފަހުން ފާސްކުރުމާއި ގުޅިގެން ވެސް ސިޔާމް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

އެގޮތުން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމުން މަސްވެރިންނަށް ލިބޭ މަންފާ ކުޑަވާނެ ކަމަށާއި އެކަން ފޫބައްދަން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.

އޭގެ އިިތުރުން އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ކުރިމަތިވަމުން އަންނަ ދަތި އުނދަގޫތަކުން އަރައިގަތުމަށް އެންމެން އެކީގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ސިޔާމް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް