ޔުނިވާސިޓީ ރަޖިސްޓްރީ ކުރަން ލުއިދޭ ބިލު މަޖިލީހުން ބޭރުކޮށްލައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުން -- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

ރާއްޖޭގައި ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ޝަރުތަކަށް ލުޔެއް ލިބޭ ގޮތަށް މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ތަޅުމުން ބޭރުކޮށްލާފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓުދެއްވާފައިވަނީ 10 މެމްބަރުންނެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާފައިވާ ބިލު ފާސްވެފައިނުވާއިރު އެ ބިލު އަނބުރާ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީއަށް ފޮނުުމަށް ވެސް ވޯޓަށް އަހާފައިވެއެވެ.

ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ އަޣުލަބިއްޔަތުން ބިލު ކޮމިޓީއަށް ފޮނުވުމުގެ ބަދަލުގައި އެ ބިލު ވަނީ ތަޅުމުން ބޭރުކޮށްލާފައެވެ. އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ.

އެގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ ކޮލެޖެއްގެ ގޮތުގައި ރާއްޖޭގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 15 އަހަރު ވެފައިވާ ނަމައެވެ.

މިހާރު ގާނޫނު ބުނާގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ މެދުކެނޑުމެއް ނެތި 20 އަހަރު ކޮލެޖެއްގެ ގޮތުގައި ހިންގަމުންދާނަމައެވެ. ގާނޫނުގައިވާ ގޮތުން ރާއްޖެއިން ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ނަމަވެސް ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިދާނެއެވެ.

އެ ބިލުގައި ފާހަގަކޮށްފައިވާ އިތުރު ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ އެއަށްވުރެ މަތީ ލެވެލްއެއްގެ ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ 500 ދަރިވަރުން ތިބި ކޮލެޖަކަށް ވެސް އެތަނެއް ވާންޖެހެއެވެ. ނަމަވެސް އެ މާއްދާ ކޮމިޓީން ވަނީ އިސްލާހު ކޮށްފައެވެ.

އިސްލާހުގައިވާ ގޮތުން އެ ކޮލެޖަކީ ބެޗްލާސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ލެވެލްގެ ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ މަދުވެގެން 1،000 ދަރިވަރުން ތިބި ކޮލެޖަކަށް ވާންޖެހެއެވެ. އެ މާއްދާ އެފަދައިން އިސްލާހު ކޮށްފައިވަނީ ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި ކިޔަވާފައިވާ ދަރުވަރުންގެ އާބާދީއަށާއި އެ މަރުކަޒުތަކުން ދަސްވެނިވެފައިވާ ދަރިވަރުންގެ އަދަދު ހިމެނޭ ތަފާސްހިސާބަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ކޮމިޓީން ބުންޏެވެ.

އޭގެ އިތުރުން، އެ ކޮލެޖަކީ ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކާއި ޖަމާއަތްތަކާއެކު ބައިނަލްއަގްވާމީ ފެންވަރުގެ ދިރާސާތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ތަނަކަށް ވާން ޖެހޭ ކަމަށް ބަޔާން ކުރާ މާއްދާ އެ ބިލުން ވަނީ އުނިކޮށްފައެވެ.

comment ކޮމެންޓް