ރޯހިތް ޝެޓީގެ ފިލްމު ''އިންޑިއަން ޕޮލިސް ފޯސް''އަށް އެކްޓަރު ވިވެކްގެ ތަޢުރީފު

ރޯހިތް ޝެޓީގެ ފިލްމު "އިންޑިއަން ޕޮލިސް ފޯސް"އަށް އެކްޓަރު ވިވެކްގެ ތަޢުރީފު

ޕްރޮޑިއުސަރު ރޯހިތް ޝެޓީގެ ކުރިޔަށް އޮތް ވެބް ސީރީސް "އިންޑިއަން ޕޮލިސް ފޯސް"އަކީ ފިލްމު އިންޑަސްޓްރީގައި ބެންޗް މާކެއް ޤާއިމުކުރާނެ ވެބް ސީރީސްއެއްކަމަށް އެކްޓަރު ވިވެކް އޮބްރޯއި ބުނެފިއެވެ.

ވިވެކް މި މޭރުމުން ވާހަކަ ދައްކާފައިވަނީ، ދާދިފަހުން މީޑިއާ ރިޕޯޓަރުންނަށް ދިން ޚާއްޞަ އިންޓަވިއުއެއްގައެވެ. މީޑިއާއަށް މަޢުލޫމާތު ދެމުން ވިވެކް ބުނެފައިވަނީ، ޕްރޮޑިއުސަރު ރޯހިތްއަކީ އަބަދުވެސް އެ އުފައްދާ ފިލްމެއްގެ މަންޒަރުތައް އަސްލާ އެއްގޮތަށް ގެނެސްދިނުމަށް އިސްކަންދޭ ފަންނާނެއްކަމުގައެވެ. ޚާއްޞަކޮށް ރޯހިތްގެ ފިލްމުތަކުގައި ހިމެނޭ އެކްޝަން ސީންތަކުން މިކަން ވަރަށް ރަގަޅަށް އެނގިގެންދާނެކަމަށް ވެސް ވިވެކް ވަނީ ބުނެފައެވެ.

މިވެބް ސީރީސްއަށް ސޮއިކުރުމާ ގުޅިގެން ވިވެކް ބުނެފައިވަނީ، ރޯހިތް ޝެޓީ މި ވެބް ސީރީސްއަށް ތައްޔާރުވާތާ ހަތަރު އަހަރު ވެފައިވާ ކަމަށެވެ. އަދި ފުރަތަމަ ސްކްރިޕްޓް ތައްޔާރުކުރިއިރުވެސް ވިވެކްގެ ނަން ސިކުނޑީގައި ހަރުލާފައިވާކަމަށް ރޯހިތް ޝެޓީ ބުނުމާއެކު މި ސީރީސްއަށް ޝައުޤުވެރިކަން އުފެދުނީކަމަށް ވިވެކް ވަނީ ބުނެފައެވެ.

"އިންޑިއަން ޕޮލިސް ފޯސް"ގެ ސްކްރިޕްޓް ވިވެކްއާ ޙަވާލުކުރުމަށްފަހު އެއްވެސް އުނިއިތުރެއް ސްކްރިޕްޓަށް ގެންނަން ބޭނުންވެއްޖެނަމަ އެ ފުރުޞަތު ވެސް ރޯހިތް އެކްޓަރު ވިވެކްއަށް ދިންކަމަށް ވެސް މީޑިއާއަށް ދިން އިންޓަވިއުގައި ވިވެކް ވަނީ ބުނެފައެވެ.

ފިލްމު "ސިންގްހަމް"، "ސިމްބާ" އަދި "ސޫރްޔަވަންޝީ"ފަދަ މޮޅު އެކްޝަން ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރުގެ ފުރަތަމަ ވެބް ސީރީސް "އިންޑިއަން ފޯސް" 2023ވަނަ އަހަރު ރިލީޒްކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެކްޓަރު ވިވެކް އޮބްރޯއީގެ އިތުރުން އެކްޓަރު ސިދާތް މަލްހޯތްރާ އަދި ބަތަލާ ޝިލްޕާ ޝެޓީވެސް މިސީރީސްގައި މުހިއްމު ރޯލްތައް ކުޅޭނެއެވެ. ރޯހިތް ޝެޓީގެ އަމިއްލަ ފިލްމު ކުންފުންޏާއި ރިލަޔަންސް އެންޓަޓެއިންއާ ގުޅިގެން އުފައްދާ މި ވެބް ސީރީސް ޕްރިމިއަކުރާނީ އެމޭޒަން ޕްރައިމްގައެވެ.

comment ކޮމެންޓް