މަދުރް ބަންޑާރަކަރްގެ ފިލްމު ބައިނަލްއަޤްވާމީ ފިލްމު ފެސްޓިވަލަކަށް

ކޮވިޑް-19އާއި ގުޅިގެން އިންޑިއާގެ ރައްޔިތުން ފުރަބަންދުގައި ތިބި ދުވަސްވަރުގެ ތަޖުރިބާތައް ކިޔައިދޭ ފިލްމު "އިންޑިއާ ލޮކްޑައުން" ބައިނަލް އަޤްވާމީ ފިލްމު ފެސްޓިވަލެއްގައި ޕްރިމިއާކުރާގޮތަށް ނިންމައިފިއެވެ.

އަންނަ މަހުގެ ދެ ވަނަ ދުވަހު ޒީފައިވްއިން ދެއްކުމަށް ނިންމާފައިވާ މިފިލްމު ޕްރިމިއާކުރާނީ އިންޑިއާގެ ގޯއާގައި ބާއްވާ 53 ވަނަ ބައިނަލްއަޤްވާމީ ފިލްމު ފެސްޓިވަލުގައެވެ. މި ފިލްމަކީ، މަދުރް ބަންޑާރަކަރުގެ އަމިއްލަ ފިލްމު ކުންފުނީގެ އިތުރުން އިތުރު ދެ ކުންފުންޏަކާއި ގުޅިގެން އުފައްދާ ފިލްމެކެވެ.

މި ފިލްމުގެ ވާހަކަ މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ ކޮވިޑް-19އިގެ ބަލިމަޑުކަމާއެކު އިޤްތިޞާދީގޮތުން އިންޑިއާގެ ރައްޔިތުންނަށް ކުރިމަތިވި ގޮންޖެހުންތަކެވެ. މުޅި ދުނިޔެއަށް އިޤްތިޞާދީ ހީނަރުކަމެއްއައިއިރު އާބާދީ ބޮޑެތި ޤައުމުތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށްބޮޑަށް ވަނީ ކޮށްފައެވެ. އެގޮތުން ޚާއްޞަކޮށް އިންޑިއާގެ ފަޤީރު ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުން ތަޙައްމަލުކުރަމުން ދިޔަ ދަތި ދުވަސްތަކާއި އެމީހުންގެ ދިރިއުޅުން އޭރުހުރިގޮތް ފިލްމުން ދައްކުވައިދޭނެއެވެ.

ހަމައެއާއެކު ފުރަ ބަންދާއެކު ފިލްމު އިންޑަސްޓްރީ ހުއްޓުމަކަށްއައިސް ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަބަޔަކަށް މަސައްކަތް ގެއްލި ޙާލުގައި ޖެހުނުކަމަށް އޭރު ރިޕޯޓުތަކުންވެސް ފެނިގެންދިޔައެވެ. އެފަދަ މީހުންގެ ދިރިއުޅުން ބަދަލުވެގެން ދިޔަގޮތް ވެސް މި ފިލްމުގައި ވަރަށް ތަފްސީލުކޮށް ފެނިގެންދާނެއެވެ.

ފިލްމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ޑައިރެކްޓަރު މަދުރް ބުނެފައި ވަނީ މި ފިލްމަކީ، އޭނާގެ ފުރަބަންދުގެ ނުވަތަ "ލޮކްޑައުން ބޭބީ"ކަމުގައެވެ. އިންޑިއާގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމާވެސް ދާދި އެއްކަހަލަ ވާހަކަތަކެއް މިފިލްމުން ފެނިގެންދާނެކަމަށް މަދުރްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮވިޑް-19އިގެ ބަލިމަޑުކަމާއެކު ގިނަ ބަޔަކަށް ވަރަށް ހެޔޮ ބަދަލުތަކެއް އައިކަން ފާހަގަކޮށް އެއްބަޔަކު އަނެއް ބަޔަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރެވުނު ކަމަށް ވެސް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ. ޚުދް މަދުރް ބަންޑާރްކަރް ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތް ކުރާ މި ފިލްމުން ފެނިގެންދާ ޚާއްޞަ ތަރިންނަކީ، ޕްރަތީކް ބައްބަރު، ސައީ ތަމްހާކަރް، ޝްވޭތާ ބާސޫ ޕްރަސާދު އަދި އަހާނާ ކުމާރްއެވެ.

comment ކޮމެންޓް