ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް ޖަލު އޮފިސަރަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލަށް މަސްތުވާތަކެތި ވައްދާކަމަށް ޝައްކުކުރެވިގެން ފުލުހުންނާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަރެކްޝަންގެ އޮފިސަރެއް މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ހައްޔަރު ކުރި އޮފިސަރާ ބެހޭ އިތުރު ތަފުސީލް ސީޕީ ހާމައެއް ނުކުރައްވައެވެ.
"މިސާވިސްގެ އޮފިސަރެއް މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންދެވިފަ. މިކަމާ ގުޅިގެން މި އޮފިސަރު ވާނީ ވަޒީފާއިން ސަސްޕެންޑު ކުރެވިފައި،" ސީޕީ ވިދާޅުވިއެވެ.
އިތުބާރު ހިފޭ މަސްދަރަކުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އެ އޮފިސަރު މަސްތުވާތަކެތި ވައްދަން އުޅުނީ މާފުށީ ޖަލަށެވެ.
ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އޮފިސަރެއް ހައްޔަރުކޮށްފައިވާއިރު ޖަލުތަކަށް މަނާ ތަކެތި ވެއްދުމުގައި އޮފިސަރުން ތަފާތު ގޮތްގޮތަށް އެހީވެދޭ ކަމުގެ ތުހުމަތު ބައެއް މީހުން ކުރެއެވެ.