ޙަބީބާ ޙުސައިން ޙަބީބް އަވަހާރަވުމަކީ، ދިވެހި ގައުމަށް ލިބުނު ފުން ހިތާމައެއް: ރައީސް

ހަބީބާ ޙުސައިން ހަބީބް --

ދައުލަތަށް 49 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚުލާސްތެރި ޚިދުމަތްތަކެއް ކުރެއްވި ނިޝާން ދިޔަމިގިލީ އިއްޒަތުގެ ވެރިޔާ ޙަބީބާ ޙުސައިން ޙަބީބް، އަވަހާރަވުމާ ގުޅިގެން، އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޙަބީބާއަކީ، ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިތުރުން، ތަފާތު އެކި ރޮނގުތަކުން ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެ، ދިވެހި އަދަބިއްޔާތަށާއި ދިވެހި ތާރީޚަށް އެ ކަމަނާ ކޮށްދެއްވި ޚިދުމަތްތައް ޚާއްޞަ ގޮތެއްގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި ޙަބީބާ އަވަހާރަވުމަކީ، ދިވެހި ގައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޙަބީބާ އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހަވީރު އޭޑީކޭ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.

ޙަބީބާ، ފުރަތަމަ އަދާކުރެއްވީ މަދްރަސަތުއް ސަނިއްޔާގެ މުއާވިނާކަމެވެ. އޭގެފަހުން، ދެ ނަންބަރު މުދައްރިސާ ކަމާއި، ޚާއްސަ މުދައްރިސްކަމާއި، މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ސެކްރެޓަރީ ކަމާއި، ވޯލްޑް ހެލްތު އޯގަނައިޒޭޝަނާބެހޭ ބައިގެ ސެކްރެޓަރީކަން ކުރައްވާފައިވެއެވެ.

ސަރުކާރުގެ ޚިދުމަތުގައި އެންމެ ގިނަދުވަހު ޙަބީބާ މަސައްކަތްޕުޅު ކުރައްވާފައިވަނީ ގައުމީ ކުތުބުޚާނާގައެވެ. އެގޮތުން 29 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ގައުމީ ކުތުބުޚާނާގައި ޚިދުމަތް ކުރެއްވިއިރު، ތަފާތު މަގާމުތައް ފުރުއްވިއެވެ.

ގައުމީ ކުތުބުޚާނާގައި ޙަބީބާ ފުރުއްވި މަގާމުތަކުގެ ތެރޭގައި، ލައިބްރޭރިއަންގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، ޑިރެކްޓަރު ކަމުގެ މަގާމާއި، ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމު ހިމެނެއެވެ.

ޙަބީބާ އަކީ، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެ ކަމަނާއަކީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ގައުމީ މަރުކަޒަށް ލަފާދޭ މަޖިލީހުގެ މެންބަރުކަމާއި، ތާރީޚު ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ހަމައެހެންމެ، ގަރުނު ފޮތް ލިޔުމުގައި ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެއިތުރުން، ސްކޫލް ކުދިންނަށް ތާރީޚާބެހޭ މައުލޫމާތު ދެއްވައި، ރޭޑިއޯ މެދުވެރިކުރައްވައި ތާރީޚާއި ސަގަފަތާބެހޭ މައުލޫމާތު އިނގިރޭސިބަހުން ދެއްވިއެވެ.

ޙަބީބާ ކިޔަވާ ވިދާޅުވީ، ހައިދަރުއާބާދުންނާއި، ސްރީލަންކާއިންނެވެ. ރާއްޖޭގެ ތާރީޚަށް ސަމާލުކަން ދެއްވައި، ތާރީޚުގެ ތެރެއަށް އެ ކަމަނާ ވެދެވަޑައިގެންނެވީ، 1955ން ފެށިގެން އައި އަހަރުތަކުގައި މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލްގެ މުދައްރިސާއެއްގެ ވަޒީފާގައި ހުންނެވި ދުވަސްވަރު، ތާރީޚު އުނގަންނަވައިދެއްވަން ފެއްޓެވުމާ ހިސާބުންނެވެ.

ލިޔުންތެރިކަމުގެ މަސައްކަތް، ޙަބީބާ ފެއްޓެވީ 1954 ވަނަ އަހަރުއެވެ. އެ މަސައްކަތް ފެށިގެން އައީ އެ އަހަރު ނުކުތް "މުންނާރު" ނޫހުންނެވެ. އޭގެފަހުން 1958 ވަނަ އަހަރު "ވިޔަފާރި މިއަދު"ންނެވެ. މިނޫނަސް އެދުވަސްވަރު ނުކުތް ވަރަށްގިނަ ނޫސް މަޖައްލާތަކުގައި ޙަބީބާގެ ލިޔުއްވުންތައް ޝާއިއު ކުރައްވާފައިވެއެވެ.

"އަދަބީ ޝުއޫރު" އާއި، "ޖިންސުއްލަތީފް" އާއި، "ހުވަނދު" އާއި، "މޫންލައިޓް" އާއި،"އަމާޒު" އާއި، "ހިޔަލަ" ފަދަ ނޫސް މަޖައްލާތަކަށް ޙަބީބާ ލިޔުއްވާފައިވެއެވެ. އަދި 1980 ވަނަ އަހަރުން ފެށިގެން "ފަތްތޫރަ" މަޖައްލާއަށް ލިޔުއްވަމުން ގެންދެވިއެވެ. ޙަބީބާ ވަނީ ވަރަށްގިނަ ވާހަކަތައް ލިޔުއްވާފައެވެ. އަދި ވަރަށް ގިނަ ވާހަކަތައް ތަރުޖަމާ ވެސް ކުރައްވާފައެވެ.

ބޮޑުތަކުރުފާނު ވާހަކައިން މައުލޫމާތު ހޯއްދަވައި "މުޙައްމަދު ތަކުރުފާނު ދަ ގްރޭޓް"ގެ ނަމުގައި އެ ތަކުރުފާނުގެ ހަޔާތްޕުޅާ ބެހޭގޮތުން އިނގިރޭސިބަހުން ޙަބީބާ ވަނީ ފޮތެއް ލިޔުއްވާފައެވެ. އަދި "ދިވެހި ތާރީޚަށް އަވަސް ކަޅިއެއް" މިނަމުގައި ދިވެހިބަހުން ތާރީޚު ފޮތެއް އެކުލަވައިލައްވާފައިވެއެވެ.

މީގެއިތުރުން، "އިސްލާމީ ތާރީޚު 1" އާއި، "އިސްލާމީ ތާރީޚު 2" ވަނީ އެކިއެކި ދިރާސާ ކުރެއްވުމަށްފަހު، އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާ ކުރައްވައި ނިންމަވާފައެވެ. އަދި "ފޯކްލޯ"އާ ބެހޭގޮތުން އެކި މަޒުމޫނުތައް ވަނީ ލިޔުއްވާފައެވެ.

ޙަބީބާއަށް ވަނީ ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމު، 2007 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، 1981 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.

އެކަމަނާއަށް "މިނިވަން 25"ގެ އިނާމު ވެސް ވަނީ ލިބިވަޑައިގެންފައެވެ. މީގެއިތުރުން، "ނޫސްވެރިކަމުގެ ރަން ގަލަން" ވެސް އެ ކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ. ޙަބީބާއަށް "ނިޝާން ދިޔަމިގިލީގެ ޝަރަފްގެ އިއްޒަތް" އެރުވީ، 2011 ވަނަ އަހަރުގެ މިނިވަން ދުވަހުއެވެ.

comment ކޮމެންޓް