މިފަހަރު އޭއެމްއޭ އެވޯޑުތައް ގެންދިޔައީ ޓޭލާ!

މިއުޒިކުގެ ދާއިރާއިން ދޭ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ، އެމެރިކަން މިއުޒިކް އެވޯޑްސް (އޭއެމްއޭ)ގެ މިފަހަރުގެ އެންމެ ބޮޑެތި އެވޯޑުތައް ޕޮޕް ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓު ހޯދައިފިއެވެ.

މިފަހަރުގެ އެވޯޑު ހަފުލާއަށް ޓޭލާ ގޮސްފައިވަނީ ޖުމްލަ ހަ ނޯމިނޭޝަނާއެކުގައެވެ. އެ ހުރިހާ ނޯމިނޭޝަނެއްގެ އެވޯޑުތައް ހޯދާފައިވަނީ ޓޭލާއެވެ. އެ އެވޯޑުތަކަކީ އަހަރުގެ އެންމެ މޮޅު އާޓިސްޓުގެ އެވޯޑާއި އެންމެ މޮޅު މިއުޒިކް ވީޑިއޯގެ އެވޯޑާއި އެންމެ މޮޅު އަންހެން ޕޮޕްސްޓާގެ އެވޯޑުގެ އިތުރުން އެންމެ މޮޅު ޕޮޕް އަލްބަމްގެ އެވޯޑާއި އެންމެ މޮޅު އަންހެން ކަންޓްރީ އާޓިސްޓުގެ އެވޯޑެވެ.

ޓޭލާ އެވޯޑުތަކަށް ވާދަކޮށްފައިވަނީ ޕޮޕްގެ އެންމެ ބޮޑެތި ނަންތަކާއެކުގައެވެ. އޭގެތެރޭގައި ހެރީ ސްޓައިލްސް އާއި ބިޔޯންސޭ އަދި ބޭޑް ބަނީގެ އިތުރުން އެޑެލް ވެސް ހިމެނެއެވެ.

މި އެވޯޑުތަކާއެކު ޓޭލާ ވަނީ އޭއެމްއޭގެ ތާރީހުގެ ތެރޭގައި ހިމެނިފައެވެ. އެގޮތުން އޭއެމްއޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް 40 އެވޯޑު ކާމިޔާބުކޮށްފައިވާ އާޓިސްޓަކަށް ޓޭލާ ވަނީ މިހާރު ވެފައެވެ.

އެވޯޑު ހަފުލާގައި ވާހަކަ ދައްކަމުން ޓޭލާ ބުނެފައިވަނީ މި ހުރިހާ ކަމެއް ވެސް ކާމިޔާބު ވެފައިވަނީ އޭނާގެ ފޭނުންގެ ސަޕޯޓުގެ ސަބަބުން ކަމަށެވެ. އެގޮތުން ފޭނުންގެ ސަޕޯޓުގެ ސަބަބުން ގިނަ މިއުޒިކް އުފެއްދުމަށް ޓޭލާ އަށް ހިތްވަރު ލިބޭ ކަމަށް އޭނާ ބުންޏެވެ.

ފާއިތުވި ތިން އަހަރުގެ ތެރޭގައި ޓޭލާ ވަނީ ދުވަހަކު ވެސް ނެރެފައި ނުވާ ވަރަށް މިއުޒިކް ނެރެފައެވެ. އެގޮތުން ކޮވިޑްގެ ތެރޭގައި 2020 ވަނަ އަހަރު އެކަނި ވެސް އޭނާ ވަނީ މުޅީން އާ ދެ ސްޓޫޑިއޯ އަލްބަމް ނެރެފައެވެ.

comment ކޮމެންޓް