އަލުން ޓްވިޓާ ބޭނުން ކުރަން ޖެހޭ ސަބަބެއް ނުވިސްނޭ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްްޑް ޓްރަމްޕް ---

ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ތުހުމަތުގައި ޓްވިޓާއިން ބޭރުކޮށްލި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް އިޢާދަކުރި ނަމަވެސް އެ ޕްލެޓްފޯމް އަލުން ބޭނުން ކުރަންވީ ސަބަބެއް ނުވިސްނޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ވިދާޅުވަނީ އަލުން ޓްވިޓާ ބޭނުންކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ ޓްވިޓާއަށް ދާންޖެހޭ އެއްވެސް ސަބަބެއް، ޓްވިޓާގައި ވަރަށް ގިނަ މައްސަލަތައް އެބަހުރި، ތިޔަ ފެންނަނީ ވާގޮތް،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ޓްވިޓާއިން ދާއިމީކޮށް ސަސްޕެންޑުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ހަޔެއްގައި، އޭނާއަށް ތާއިދު ކުރާ މީހުން ގާނޫނު ހަދާ މަޖިލީހަށް ވަދެގަތް މައްސަލައާ ގުޅިގެންނެވެ. އެގޮތުން އޭނާ ހަމަނުޖެހުމަށް އިތުރަށް ހިތްވަރު ދެއްވަފާނެ ކަމުގެ ނުރައްކާ އޮތް ކަމަށާއި ޓްރަމްޕް އަމަލުކުރައްވަނީ ޓްވިޓާގެ ގައިޑްލައިންތަކާ ޚިލާފަށް ކަމަށް އޭރު އެ ކުންފުނިން ބުންޏެވެ.

ޓްރަމްޕް ޓްވިޓާއިން ސަސްޕެންޑު ކުރި ފަހުން އޭނާ ވަނީ "ޓްރޫތު ސޯޝަލް"ގެ ނަމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމެއް އުފައްދަވާފައެވެ. އަދި އޭނާ ދެމިހުންނަވާނީ އެ ޕްލެޓްފޯމްގައި ކަމަށް ދޭހަވާ ގޮތަށް ވަނީ ވާހަކަދައްކަވާފައެވެ.

ޓްވިޓާގެ އާ ސީއީއޯ އީލޯން މަސްކް ވަނީ އެ ޕްލެޓްފޯމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ޓްރަމްޕްގެ އެކައުންޓް އަލުން ބޭނުން ކުރެވޭ ގޮތް ހަދައިފައެވެ. އެއީ އެކަމާ ބެހޭ ގޮތުން ޓްވީޓާ ޕޯލްއަކުން ނެގި ވޯޓަކަށް ފަހުގައެވެ.

އެ ޕޯލްގައި 15 މިލިއަނަށްވުރެ ގިނަ ވޯޓު ގުނާފައިވާއިރު 52 ޕަސެންޓް މީހުން ވޯޓު ދިނީ ޓްރަމްޕަށް ފުރުސަތު ދިނުމަށެވެ. އެއާ ދެކޮޅަށް ވޯޓު ދިނީ 48 ޕަސެންޓް މީހުންނެވެ.

ޓްރަމްޕްގެ އެކައުންޓް ޓްވިޓާއިން އަލުން ފެންނަން ފެށީ ހޮނިހިރު ދުވަހުއެވެ. އެގޮތުން މީގެ ކުރިން ޓްރަމްޕް ކުރެއްވި ޓްވީޓްތައް ވެސް މިހާރު ފެނެއެވެ.

ޓްވިޓާ ގަތުމަށް ފަހު މަސްކް ވަނީ އެ ކުންފުންޏަށް ބޮޑެތި ބަދަލުތައް ގެނެސްފައެވެ. އެގޮތުން އޭނާ ކުންފުންޏާ ހަވާލުވިތާ ފުރަތަމަ ހަފުތާގައި ވަނީ ޓްވިޓާގެ 7،500 މީހުން ވަޒީފާއިން ވަކިކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ ހަފުތާގައި މަސްކް ބާކީ ތިބި މުވައްޒަފުންނަށް "ހަރުކަށި" ގަވާއިދުތަކެއް ހެދުމުގެ ސަބަބުން ކުންފުނި ދޫކޮށްލުމަށް ފަހު، އިތުރު 1،200 ވަރަކަށް މުވައްޒަފުން ވަނީ ގޮސްފައެވެ.

އޭގެ ސަބަބުން ޓްވިޓާގެ މުސްތަގުބަލާއި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގެ ގާބިލްކަމާ މެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.

comment ކޮމެންޓް