ވޯލްޑް ކަޕުގެ ތެރެއިން ގަތަރުގައި އިސްލާމް ދީނަށް ގޮވާލަނީ، އެތައް ބަޔަކު ދީނަށް ވަދެއްޖެ

އަލް ތައުމާމާ ސްޓޭޑިއަމް / ގަތަރު -- ފޮޓޯ/ގެޓީ އިމޭޖަސް

ގަތަރުގައި އިއްޔެ ފެށި ދުނިޔޭގެ އެންމެ ހައިބަތު ބޮޑު ކުޅިވަރު ހަރަކާތް، ފީފާ ވޯލްޑް ކަޕަކީ ގަތަރަށް ވަރަށް ހާއްސަ ހަރަކާތެކެވެ.

އިސްލާމީ ދައުލަތަކުން ވެރިކަން ކުރާ ގައުމެއްގައި މި މުބާރާތް ފުރަތަމަ ފަހަރަށް ބޭއްވޭ ކަމީ، މި މުބާރާތް މުޅި އިސްލާމީ އުންމަތަށްވެސް ހާއްސަވާ ސަބަބެކެވެ.

މުބާރާތުގެ ހޯސްޓަކަށް ގަތަރު ކަނޑައަޅާ އެކަން އިއުލާންކުރި ހިސާބުން ފަށައިގެން ހުޅަނގުގެ ގައުމުތަކުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރިއެވެ. ގަތަރަކީ ބަވަނަވެފައިވާ ދުނިޔެއަށް ލޯ ހުޅުވިފައިވާ ގައުމެއް ނޫން ކަމަށާއި، މި ގަރުނުގައި މިކިޔާ "ޒަމާނަށް ފެތޭ" ގައުމެއް ނޫން ކަމަށް ބުނެއެވެ.

މުބާރާތް ފެށެން ގާތްވަމުން ދިޔަވަރަކަށް މި ފާޑުކިޔުންތަކުގެ އަޑު ދިޔައީ ގަދަވަމުންނެވެ. ގަތަރަށް ބޮޑެތި ފިއްތުންތަކެއް ދިޔައީ ކުރިމަތިވަމުންނެވެ.

މިއާއެކު ގިނަބަޔަކު ގަބޫލުކުރީ އެހެން ބައެއް އިސްލާމީ ގައުމުތަކެކޭ އެއްފަދައިން، މިފަދަ ފާޑުކިޔުންތަކާއި ގުޅިގެން ގަތަރުންވެސް ހުޅަނގުގެ ނުފޫޒަށް ދޫދީ، އެ މީހުންގެ ކުރިމަތީގައި އަމާން ދޭނެކަމަށެވެ.

އެހެންނަމަވެސް ކަންވީ މުޅިން އެއާ ހިލާފަށެވެ. ގަތަރުން ދެއްކީ ސާބިތުކަމެވެ. ކޮންމެ ފަދަ ހާލަތެއްގައިވެސް އިސްލާމީ ރިވެތި އުސޫލާއި، ދީނުގެ ހަމަތަކުގެ މަތީގައި ދެމި ހުންނާނެކަން އެގައުމުގެ ވެރިން މިވަނީ ސާބިތުކޮށްދީފައެވެ.

އެއްޖިންސުން ގުޅުންހިންގުން ޕްރޮމޯޓު ކުރުމުގެ ފުރުސަތު ނުދިނެވެ. ދަނޑަށް ވަންނަ ސަޕޯޓަރުންނަށް، ރަލުގެ ބާވަތްތައް ދަނޑަށް ނުވެއްދޭނެކަން އެންގިއެވެ. ފާޑުކިޔާ މީހުންނަށް ވަރުގަދަ ރައްދެއް ދިނީއެވެ. "އެންމެ 29 ދުވަހަށްޓަކައި އަހަރުމެންގެ ދީން ދޫކޮށް ނުލާނަން" ކަމަށް ބުނީއެވެ.

މިއާއެކު ފެނިގެންދިޔައީ ފީފާގެ އެންމެ އިސްވެރިންވެސް ގަތަރުގެ ފަހަތަށް އެރިތަނެވެ. ފީފާއިން ގަތަރު "ބެކް" ކުރިތަނެވެ. "ތިން ގަޑިއިރަށް ރާ ނުބުޔަސް މަރުނުވާނެ" ކަމަށް ބުނެ ފީފާގެ ރައީސް، ޖިއާން އިންފަންޓީނޯވެސް ގަތަރުގެ ނިންމުމަށް ތާއީދުކުރީއެވެ.

ގަތަރަށް ފާޑުކީ އެތައް ބަޔަކަށް އެންމެ ރަނގަޅު ޖަވާބެއް ދިނީ ފްރާންސްގެ ގައުމީ ޓީމުގެ ކެޕްޓަން އަދި ކީޕަރު ހޫގޯ ލޮރިސް އެވެ.

"އަހަރުމެންގެ ގައުމަށް މީހަކު ޒިޔާރަތްކުރާނަމަ އަހަރުމެންވެސް އެދޭނީ އެމީހުން އަހަރުމެންގެ ސަގާފަތާއި ގަބޫލުކުރުންތަކަށް އިހްތިރާމް ކުރަން. ހަމަ އެފަދައިން އެމީހުންވެސް އުންމީދު ކުރާނީ އެގޮތަށް،" ވޯލްޑް ކަޕުގެ މެޗުތަކުގައި ވިއްސާރަދުނީގެ ކުލަތަކުގެ ކެޕްޓަން ބޭންޑު ނުވަތަ "ވަން ލަވް" ކެޕްޓަން ބޭންޑު ނާޅާނެކަން ހާމަކޮށް ލޮރިސް ބުންޏެވެ.

ދީނުގެ މަތީގައި ސާބިތުކަމާއެކު ހުންނާނެކަން ސާބިތުކޮށްދިނުމުގެ އިތުރުން މިފަހަރުގެ ވޯލްޑް ކަޕުގައި ގަތަރުގެ އެންމެ ބޮޑު އެއް އަމާޒަކީ މުބާރާތަށް އަންނަ މެހުމާނުންނަށް އިސްލާމް ދީނުގެ ރީތި އުސޫލުތައް ކިޔައިދީ، އެ މީހުންގެ ހިތުގައި މި ސާދާ ދީނަށް ލޯބި ޖައްސާ، މި ދީނަށް ދައުވަތު ދިނުމެވެ.

މި އަޒުމު ހާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު އަދިވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މުބާރާތުގެ މެޗުތައް ކުޅޭ ހުރިހާ ދަނޑެއްގައިވެސް ވުލޫ ކުރެވޭނެ ޖާގަ އާއި، ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.

މީގެއިތުރުން ދަނޑުގައާއި، ސަޕޯޓަރުން ތިބޭ ފޭން ޒޯންތައް ހިމެނޭ ސަރަހައްދުގައި އަދި މަގުތަކުގައިވެސް، އިސްލާމް ދީން ޕްރޮމޯޓުކުރާ ލިޔުންތަކާއި، ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅުތައް ލިޔެފައިވާ ލިޔުންތައް ހަރުކޮށްފައިވެއެވެ.

މީގެއިތުރުން މި ޓާގެޓަށް ވާޞިލްވުމަށް ކުރާ އެންމެ ބޮޑު މަސައްކަތަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން، މަޝްހޫރު އިލްމުވެރިންނަށް ގަތަރަށް އައުމަށް ދައުވަތުތީ، އެބޭފުޅުންގެ ދަރުސްތައް ބޭއްވުމެވެ.

މިކަންވީ ވަރަށް ކާމިޔާބު ނަތީޖާތަކެއް ނެރެދިން ކަމަކަށެވެ. ޝައިޙް ޑރ. ފައިސަލް އަލް ހާޝިމީ އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި މަސައްކަތުގެ ތެރެއިން ވޯލްޑް ކަޕް ފެށުމާއި ހަމައަށް 558 މީހަކު އިސްލާމް ދީނުގެ ހިދާޔަތު އަލިކަން ލިބި، މި މާތް ދީނަށް ވަނެވެ.

އަދި އިންޑިއާއަށް ނިސްބަތްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރް ނައިކު، އިއްޔެގެ ވަގުތެއްގައި ގަތަރުގައި ދިން ދަރުހެއްގެ ތެރެއިން ހަތަރު މީހަކު އިސްލާމް ދީނަށް ވަދެފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

މީގެއިތުރުންވެސް މީހުންގެ ހިތުގައި އިސްލާމް ދީނާމެދު ލޯބި ޖެއްސުމަށް، މި ވޯލްޑް ކަޕުގެ ތެރެއިން ގަތަރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މުޅި އިސްލާމީ އުންމަތުގެ ތައުރީފާއި ސަނާގެ ބަސްތައް އެގައުމަށާއި ގައުމުގެ ވެރިންނަށް އަންނަނީ ލިބެމުންނެވެ.

ވޯލްޑް ކަޕުގެ ތެރެއިން ގަތަރު ވެގެން މިދިޔައީ އިސްލާމީ ގައުމުތަކަށް އެންމެ ރަނގަޅު މިސާލަށެވެ. ގަތަރުގެ ވެރިން މިވީ، އިސްލާމީ ދައުލަތްތަކުގެ ވެރިންނަށް ހުރި ނަމޫނާ އަކަށެވެ.

comment ކޮމެންޓް