ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ މަސްބޯޓެއް ހިފަހައްޓައިފި

ކޯސްޓުގާޑުގެ އުޅަނދެއް --- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަވައްޓެރި ސްރީލަންކާގެ މަސް ބޯޓެއް އެމްއެންޑީއެފްގެ ކޯސްޓްގާޑްއިން އިއްޔެ ހިފަހައްޓައިފިއެވެ.

މި ބޯޓް ހިފަހައްޓާފައިވަނީ ކ. ދިށްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުންނެވެ.

އިއްޔެ ހަވީރު ހިފެހެއްޓި މި ލަންކާގެ ބޯޓު ދިއްފުށީ ކައިރިން ފެނިގެން އެމްއެންޑީއެފްއަށް ރިޕޯޓް ކޮށްފައި ވަނީ އަސަރީ ނަމަކަށް ކިޔާ ދިވެހި ދޯންޏަކުންނެވެ. އެ މައުލޫމާތު ކޯސްޓް ގާޑަށް ލިބުމާއެކު އެ މަސްބޯޓު ހޯދުމަށްފަހު އެމްއެންޑީއެފްއިން އެ ބޯޓް އެމީހުންގެ ބެލުމުގެ ދަށަށް ގެނައެވެ.

މިބޯޓާ ބެހޭ ގޮތުން އެމްއެންޑީއެފްއިން ބުނީ އެ ބޯޓް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި އަދި އެމައްސަލަ ފުލުހުން މިހާރު ބަލަމުން ދާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުންގެ ފަރާތުން އިތުރު މައުލޫމާތެއް ނުލިބެއެވެ.

އަދި ސްރީލަންކާގެ ބޯޓް ސިފައިންނަށް ރިޕޯޓް ކުރުމުގައި "އަސަރީ" ދޯނިން ކޮށްދިން މަސައްކަތްތަކަށް ސިފައިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރު ގައުމު ތަކުގެ ބޯޓުތައް މަދުން ނަމަވެސް ފެނެއެވެ. މިގޮތުން ސްރީލަންކާގެ ބޯޓުތަކުގެ އިތުރުން އީރާންގެ ބޯޓުތައްވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނެއެވެ. އެބޯޓްތައް ހިފަހައްޓައި އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރެއެވެ.

comment ކޮމެންޓް