ބޮބް ޑިލަންގެ ލޯބީގެ ސިޓީތަކެއް 670،000 ޑޮލަރަށް ވިއްކާލައިފި

މަޝްހޫރު ލަވަކިޔުންތެރިޔާ ބޮބް ޑިލަން ލިޔެފައިވާ ލޯބީގެ ސިޓީތަކެއް ބޮޑު އަގުގައި ނީލަމުގައި ވިއްކާލައިފިއެވެ.

މިހާރު 81 އަހަރުގެ ބޮބް ޑިލަން އޭނާގެ ކުޑައިރުގެ ލޯބިވެރިޔާ އަށް ލިޔެފައިވާ އަމިއްލަ ގިނަ ވާހަކަތައް ހިމެނޭ ލޯބީގެ ސިޓީތަކެއް ވިއްކާލާފައިވަނީ 670،000 ޑޮލަރާ ގާތް އަގަކަށް ނީލަމުގައެވެ. މި ސިޓީތައް ވިއްކާލީ ޕޯޗުގަލްގައި ހުންނަ ފޮތް ފިހާރައެއްގައެވެ.

ހޮލީވުޑް ރިޕޯޓަރ ގައި ބުނެފައިވާ ގޮތުގައި، ޕޯޗުގަލްގައި ހުންނަ 'ދަ ލިވްރާރިއާ ލެލޯ' ފޮތް ފިހާރަ ނުވަތަ މަޝްހޫރު ނަމުން ނަމަ، އެންމެ ރީތި ފޮތް ފިހާރައިގައި ބޮބް ޑިލަން ލިޔެފައިވާ 42 ސިޓީ ވެއެވެ. މި ސިޓީތަކުގައި 150 ގަނޑު ހިމެނޭ އިރު މިއީ ހުސް ލޯބީގެ ސިޓީއެވެ. ބޮބް ޑިލަން މި ސިޓީތައް ލިޔެފައިވަނީ 1957 ވަނަ އަހަރާއި 1959 ވަނަ އަހަރާ ދެމެދު ބާބްރާ އޭން ހެވިޓް (އެ ދުވަސްވަރު އޭނާގެ ލޯބިވެރިޔާ) އަށެވެ.

މި ސިޓީތަކުގައި ބޮބް ޑިލަންގެ އަމިއްލަ ދިރިއުޅުމުގެ ބައެއް ކަންކަން ވެސް ހިމަނާފައިވާއިރު މިއީ އޭނާގެ ފޭނުންނާއި ސްކޮލަރުންނަށް ވެސް ބޭނުންކުރެވޭނެ ސިޓީތަކެއް ކަމަށްވެއެވެ. އެގޮތުން، އެއް ސިޓީގައި އޭނާ ނަން ބަދަލުކުރަން ބޭނުންވާ ވާހަކައާއި ކޮންމެވެސް ދުވަހަކުން އޭނާގެ ލަވަތައް މިލިއަނުން ވިއްކާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށްބުނެފައިވެއެވެ. ލިޓްރޭޗަރ ނުވަތަ އަދަބީ ރޮނގުން ނޮބެލް ޕްރައިޒް ހޯދާފައިވާ ބޮބް ޑިލަން އޭނާގެ ލަވަތައް 125 މިލިއަން ޑޮލަރަށް މިހާރު ވަނީ ވިއްކައިފައެވެ.

މި ސިޓީތަކުގައި ހައިސްކޫލް ދެމީހުންގެ މެދުގައި ދެކެވޭނެ ވާހަކަތައް ވެސް ހިމަނާފައިވެއެވެ. އެގޮތުން، ކާރާއި މިއުޒިކް އަދި ހެދުމުގެ ވާހަކަ ދެކެވިފައިވެއެވެ. އަދި ބައެއް ސިޓީތަކުގައި ޅެންބައިތުތައް ހިމަނާފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ސިޓީތައް ފެނުނީ 2020 ވަނަ އަހަރު ހެވިޓްގެ މަންމަ މަރުވުމުންނެވެ. އެ ސިޓީތައް ފޮނުވާފައި ހުރީ ހެވިޓް ކުރިން އުޅުނު ގެއަށް އެޑްރެސް ކޮށްފައެވެ.

މި ނީލަމުގައި ބޮބް ޑިލަންގެ އިތުރު ލިޔުންތައްވެސް ވަނީ ވިއްކާލާފައެވެ. އެގޮތުން، 'ޕޮއެމްސް ވިތައުޓު ޓައިޓްލްސް' (ސުރުހީ އެއް ނެތް ޅެންތައް) އާއި އޭނާ ސޮއިކޮށްފައިވާ ފޮޓޯ އެއްވެސް ވަނީ ވިއްކާލާފައެވެ.

comment ކޮމެންޓް