އިންޑިއާގައި ވޯލްޑް ކަޕް ލައިވް ސްޓްރީމް ކުރި އިރު މައްސަލަތަކެއް، ޖިއޯއިން މަޢާފަށް އެދިއްޖެ

ގަތަރު ފީފާ ވޯލްޑުކަޕް 2022 - އިކުއަޑޯ އަދި ގަތަރު ބައްދަލުކުރި މެޗު - ވެލެންސިއާގެ ދެވަނަ ލަނޑާއެކު އިކުއަޑޯގެ ސަޕޯޓަރުން އުފާ ފާޅުކުރަނީ -- ފޮޓޯ/ ގެޓީ އިމޭޖަސް

އިންޑިއާގައި ފީފާ ވޯލްޑް ކަޕް ހިލޭ ލައިވް ސްޓްރީމް ކުރުމުގެ ރައިޓްސް ނަގާފައިވާ ޖިއޯ ސިނަމާއިން މިރޭ އެ މުބާރާތް ލައިވް ކުރި އިރު މައްސަލަތަކެއް ޖެހުމުން އެކަމަށް މަޢާފަށް އެދިއްޖެއެވެ.

ގަތަރުގެ 60،000 މީހުންގެ ޖާގައިގެ އަލް ބައިތު ސްޓޭޑިއަމްގައި ކުރިއަށްދިޔަ ފީފާ ފުޓްބޯޅަ ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތާއި މުބާރާތުގެ ފުރަތަމަ މެޗު ރިލަޔަންސް ޖިއޯ ކުންފުނީގެ ޖިއޯ ސިނަމާ އެޕްލިކޭޝަނާއި ވެބްސައިޓުންވެސް މިރޭ ދިޔައީ ލައިވް ކުރަމުންނެވެ. ނަމަވެސް އެ އެޕްލިކޭޝަނާއި ވެބްސައިޓަށް ވެސް ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ލައިވް ސްޓްރީމް ޚިދުމަތަށް ބުރޫއެރިއެވެ.

އެ މައްސަލަ ދިމާވީ ގިނަ ބަޔަކު އެއްފަހަރާ އެ ޚިދުމަތް ބޭނުންކުރަމުން ދިޔުމުގެ ސަބަބުން ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ.

އެ މައްސަލަ ދިމާވުމުން ގިނަ އަދަދެއްގެ މީހުން ވަނީ ޖިއޯގެ ޚިދުމަތާ ބެހޭ ގޮތުން ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން އެކަށީގެންވާ ފެންވަރުގެ އިންޓަނެޓް ކަނެކްޓިވިޓީ ހުރި ނަމަވެސް ބަފަރިން ނުވަތަ ވީޑިއޯ ހުއްޓުމުގެ މައްސަލަ ދިމާވި ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުން ޝަކުވާ ކުރިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް އިންޑިއާގެ ބައެއް މީހުން ވަނީ އެ މައްސަލަ ދިމާވުމުން އެ މީހުންނަށް ވޯލްޑް ކަޕް ބެލުމުގެ އުފާ ގެއްލިފައިވާ ކަމަށް ބުނެފައެވެ. އެފަދަ ޝަކުވާތަކުން ޓްވިޓާ ފުރާލުމާއެކު ޖިއޯއިން ވަނީ ކުށް ގަބޫލުކޮށްފައެވެ. އަދި ބަފަރިންގެ މައްސަލަތައް ހައްލުކުރުމަށް އެ ކުންފުނީގެ ޓީމުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެ ބަޔާނެއް ނެރުނެވެ.

އޭގެ ފަހުން ޖިއޯއިން ވަނީ މައްސަލައަށް ހައްލެއް ދެނެގަނެވިފައިވާ ކަމަށް ބުނެފައެވެ. އަދި ވޯލްޑް ކަޕް ބެލުމަށް ޓަކައި ޖިއޯ ސިނަމާ އަޕްޑޭޓް ކުރުމަށް އެ ކުންފުނިން އެދުނެވެ.

މީގެ އިތުރުން އެ ކުންފުނިން ވަނީ ޖިއޯ ސިނަމާގެ ސަޕޯޓަރުންނަށް ވަރަށް ރަނގަޅު ތަޖުރިބާއެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ. އަދި ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.

ނަމަވެސް އެޕްލިކޭޝަނަށް އަޕްޑޭޓް ކުރުމުންވެސް މާ ބޮޑު ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް މައްސަލަ ދިމާވި ފަރާތްތަކުން ބުނަމުން ދިޔައެވެ. ބައެއް މީހުންގެ ޑިވައިސްތަކުން އެ އެޕްލިކޭޝަން މެދުވެރިކޮށް ވަރަށް ފަސޭހައިން މެޗު ބެލޭ ކަމަށް ބުނި ނަމަވެސް ގިނަ ބަޔަކަށް ފަހުންވެސް އެ މައްސަލަ ދިމާވިކަމަށް ބުނެފައިވެއެވެ. އެގޮތުން މެޗްގެ ފަހު ހާފާ ހިސާބަށް ދިޔައިރު ވެސް އިންޑިއާގެ ބައެއް ސަޕޯޓަރުން ދިޔައީ ސްޓްރީމިން މައްސަލަތަކެއް ދިމާވާ ކަމުގެ ޝަކުވާތައް ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ޝަކުވާ ކުރި އެކަކު ވަނީ 300 އެމްބީޕީއެސް ބްރޯޑްބޭންޑް ކަނެކްޝަނެއް ބޭނުން ކުރި ނަމަވެސް ލައިވް ސްޓްރީމް ހުއްޓެމުން ދިޔަ ކަމަށް ބުނެފައެވެ.

އިތުރު މީހަކު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެއީ ޚިދުމަތް ބޭނުން ކުރާ މީހުންގެ މައްސަލައެއް ކަމަށް ދައްކަން މަސައްކަތް ނުކުރުމަށް ޖިއޯއަށް ގޮވާލާފައެވެ. އަދި އޭނާއަކީ ވެސް ހައި ސްޕީޑް ބްރޯޑް ބޭންޑް ބޭނުން ކުރާ މީހެއް ނަމަވެސް ޖިއޯގެ ވެބްސައިޓުގައާއި އެޕްގައި ވެސް ބަފަރިން މައްސަލަ ޖެހުނު ކަމަށް އޭނާ ބުނެފައިވެއެވެ.

އިންޑިއާގައި ވޯލްޑް ކަޕް ލައިވް ސްޓްރީމިން ރައިޓްސް ޖިއޯގެ އަތުގައި އޮތް އިރު ލައިވްކޮށް ބްރޯޑްކާސްޓް ކުރަނީ ސްޕޯޓްސް 18 އާއި ސްޕޯޓްސް އެޗްޑީ ޓީވީއިންނެވެ.

comment ކޮމެންޓް