އިންޑިއާގެ ޓްރެވަލް ޕްލަސް ލެއިޝާއިން ދޭ ބެސްޓު ރޮމޭންޓިކް ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް

އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ޑެޒިގްނޭޓް އިބްރާހީމް ޝަހީބު އެވޯޑާ ހަވާލުވުން -- ފޮޓޯ: އެމްއެމްޕީއާރްސީ

ޓްރެވަލް ޕްލަސް ލެއިޝާ މެގަޒިންގެ އިންޑިއާސް ބެސްޓް އެވޯޑްސް 2022ގެ އިންޓަނޭޝަނަލް ކެޓަގަރީއިން "ބެސްޓް ރޮމޭންޓިކް ޑެސްޓިނޭޝަން"ގެ އެވޯޑު ރާއްޖެއަށް ލިބިއްޖެއެވެ.

މި އެވޯޑު ރާއްޖެއަށް ލިބި އެކަން އިއުލާން ކުރީ މިދިޔަ ބުދަ ދުވަހެވެ. އެވޯޑު ދިނުން އޮތީ ނިއުދިއްލީގެ އައިޓީސީ މައުރިޔާ ހޮޓެލްގައި ބޭއްވި ރީޑާސް ޗޮއިސް ޓްރެވަލް ޕްލަސް ލެއިޝާ އިންޑިއާގެ ބެސްޓް އެވޯޑްސް 2022ގެ 11ވަނަ އެޑިޝަންގައެވެ.

މި އެވޯޑާ ހަވާލުވީ އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ޑެޒިގްނޭޓް އިބްރާހީމް ޝަހީބެވެ.

މި އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ކުންފުނިތަކުގެ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މި އެވޯޑަށް ވަނަތައް ހޮވަނީ 60 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އޮންލައިން ވޯޓިން ޕްލެޓްފޯމެއް މެދުވެރިކޮށެވެ. މި އެވޯޑްތައް އިއުލާންކޮށްފައިވަނީ ޓްރެވަލް ކޮމިއުނިޓީ އެއްކޮށް ޚާއްސަ ގާލާއެއްގައެވެ.

ރާއްޖެއަށް ލިބުނު އެވޯޑް -- ފޮޓޯ: އެމްއެމްޕީއާރްސީ

މި އެވޯޑަކީ އިންޑިއާގައި ރާއްޖެ ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީއިން ކުރަމުންދާ މާކެޓިންގެ އެކިއެކި ހަރަކާތްތަކުގެ ތެރެއިން ލިބުނު ކާމިޔާބެއްކަމަށް އެ ކުންފުނިން ބުނެއެވެ.

ފާއިތުވި ހަތަރު އަހަރު ތެރޭ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އެއް ގައުމަކީ އިންޑިއާއެވެ. އެގޮތުން މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް އިންޑިއާ މާކެޓުން 195،015 ފަތުރުވެރިން ޒިޔާރަރްކޮށްފައިވާއިރު އެއީ ރާއްޖެ އައި ފަތުރުވެރިންގެ 14 ޕަސެންޓެވެ.

ދެހާސް ވިހިވަނަ ވަނަ އަހަރު ވެސް އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.

މި އަހަރު ރާއްޖެއިން ވަނީ ވިދިވިދިގެން ތިން ވަނަ ފަހަރަށް ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑު ހާސިލްކޮށްފައެވެ.

މީގެ އިތުރުން، އެ އެވޯޑް ޝޯގައި "ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑް" އެވޯޑް އެމްއެމްޕީއާރުސީއިން ވަނީ ރާއްޖެއަށް ފުރަތަމަ ފަހަރަށް ހޯދައި ދީފައެވެ.

comment ކޮމެންޓް