ކަނޑު ފަޅު ނަފާ ލޯނުން ދޯނީގައި ފެން ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގެ މަސްވެރިން -- އެމްބީއާރު ފޮޓޯ

"ކަނޑުފަޅުގެ ނަފާ" ލޯނު ޕްރޮގްރާމުގެ ދަށުން މަސްދޯނި ފަހަރުގައި ލޮނު ފެނުން މަސްފިނިކުރާ ނިޒާމު ގާއިމުކުރުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

ކަނޑުފަޅު ނަފާ ލޯނުގެ ދަށުން ޖުމްލަ 3.1 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ. މަސް ދޯނި ފަހަރުގައި ލޮނު ފެނުން މަސްފިނިކުރާ ނިޒާމް ގާއިމްކުރުމަށް ލުއި ލޯނު ދޫކޮށްދިނުމަކީ މިސަރުކާރުގެ ވައުދެކެވެ.

ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި މަދުވެގެން 68 ދޯނީގައި ލޮނު ފެން ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ލޯނު ޖުމްލަ 34 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އާ ގުޅިގެން ކުރިއަށް ގެންދާ މިލޯނު ޕްރޮގްރާމުގައި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެޕްލިކޭޝަން ވަޒަންކުރުމަށްފަހުގައި ކަމަށެވެ.

އެސްޑީއެފްސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް މި ލޯނަށް އެދި ހުށަހަޅަން ޖެހޭނީ އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

"ކަނޑުފަޅު ނަފާ" ލޯނަކީ އަތޮޅުތަކުގައި ގާއިމްކޮށްފައި ހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭ މައްސަލައާއި އައިސް ހޯދުމަށް ކުރާންޖެހޭ ހޭދަ ކުޑަކޮށް އަދި މަސްވެރިން ބާނާ މަސް ގިނަ ވަގުތު ތާޒާކަންމަތީ ރައްކާތެރިކޮށް ދިނުމުގެ ބޭނުމުގައި ދޫކުރަން ފެށި ލޯނެކެވެ.

މި ލޯނަކީ އެސްއެމްއީ ބޭންކް މެދުވެރިކޮށް ދޫކުރާ ލޯނެކެވެ.

comment ކޮމެންޓް