ވަޓްސްއެޕް ޑެސްކްޓޮޕަށް ސްކްރީން ލޮކް ފީޗާއެއް އިތުރުކުރަނީ

ވަޓްސްއެޕްއަށް އިތުރު ސެކިއުރިޓީ ފީޗާއެއްގެ ގޮތުގައި، ޑެސްކްޓޮޕް ސްކްރީން ލޮކް ފީޗާއެއް ތައާރަފު ކުރަން އުޅޭ ކަމަށް ޚަބަރު ފެތުރިއްޖެއެވެ.

ވަޓްސްއެޕްގެ ޚަބަރުތައް ގެނެސްދޭ ޚާއްޞަ ވެބްސައިޓް 'ޑަބްލިޔުއޭބީޓޭއިންފޯ'އިން ބުނި ގޮތުގައި ވަޓްސްއެޕް އިން ދަނީ ޑެސްކްޓޮޕްގައި ވެބް ޕްލެޓްފޯމްއަށް ސްކްރީން ލޮކް ފީޗާއެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ސަބަބުން ޕާސްވޯޑެއް ޖަހަން ޖެހޭ ގޮތަށް، ވަޓްސްއެޕް ވެބް ލޮކް ކުރެވޭނެއެވެ.

އެއީ މިހާރުވެސް ވަޓްސްއެޕް މޯބައިލް ޑިވައިސްތަކުގައި ބޭނުން ކުރެވޭ ފީޗާއެކެވެ. އެގޮތުން އެންޑްރޮއިޑާއި އައިއޯއެސް ޑިވައިސްތަކުގައި އެ ފީޗާ ބޭނުން ކުރެވޭތާ ތިން އަހަރުވެއްޖެއެވެ.

ރިޕޯޓްތަކުގައިވާ ގޮތުން ވަރަށް ކައިރި މުސްތަގުބަލެއްގައި ޑެސްކްޓޮޕް ނުވަތަ ވެބް ޕްލެޓްފޯމަށްވެސް އެ ޚިދުމަތް ލިބޭނެއެވެ.

ނަމަވެސް އެ ފީޗާ ރިލީޒް ކުރާނެ ތާރީޚެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. މި ފީޗާ ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ބީޓާ ޕްލެޓްފޯމްތަކުގައިވެސް އަދި މިފީޗާ ލިބޭކަށްނެތެވެ. އެހެންކަމުން އެ ފީޗާ އެންމެންނަށް ލިބެން ގިނަ ދުވަސްތަކެއް ނެގުން އެކަށީގެންވެއެވެ.

ދާދި ފަހުން ވަޓްސްއެޕްއިން ވަނީ "ބްލާ ފީޗާ"އާއެކު ވެބް ޕްލެޓްފޯމް އަޕްޑޭޓްކޮށްފައެވެ. މި ފީޗާ ބޭނުންކޮށްގެން، ވަޓްސްއެޕްއިން ފޮޓޯއެއް ފެނުވުމުގެ ކުރިން އޭގެ ބައެއް ތަންތަން ނުފެންނަ ގޮތަށް، ބްލާ ކުރެވޭނެއެވެ. މި ފީޗާ އަދި މޯބައިލް ޑިވައިސްތަކަށް ނުލިބޭ ނަމަވެސް ކުރިއަށް ދުވަސްތަކުގައި ފޯންތަކުން ވެސް އެ ފީޗާ ބޭނުން ކުރެވޭނެ ގޮތް ހަދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީގެ އިތުރުން، ވަޓްސްއެޕްއިން އެންޑްރޮއިޑްއަށް އާ ކޮމްޕެނިއަން މޯޑްވެސް ޓެސްޓް ކުރަމުންދާ ކަމަށް ޚަބަރު ފެތުރިފައިވެއެވެ. މި ފީޗާގެ ސަބަބުން އެއްފަހަރާ ހަތަރު ޑިވައިސްއެއްގައި ވަޓްސްއެޕް ބޭނުން ކުރެވޭނެއެވެ.

އެ ފީޗާގެ އެންމެ ޚާއްޞަ ކަމަކީ ސެކަންޑަރީ ޑިވައިސްއަކީ ކޮންމެހެން ޕީސީއެއް ނުވަތަ ލެޕްޓޮޕެއް ނުވަތަ ޓެބްލެޓަކަށް ވާކަށް ނުޖެހޭކަމެވެ. އޭގެ ބަދަލުގައި ސެކަންޑަރީ ޑިވައިސްއަކަށް ފޯނު ބޭނުން ކުރެވޭނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ފީޗާ ޓެސްޓް ކުރަމުންދަނީ ވަޓްސްއެޕް ބީޓާ ވާޝަން 2.22.23.18 ގައެވެ.

އެތައް ޑިވައިސްއެއްގައި އެއްފަހަރާ ވަޓްސްއެޕް ބޭނުން ކުރަން ދޫކޮށްލި ނަމަވެސް އެންޑް ޓު އެންޑް އެންކްރިޕްޝަން އަދިވެސް މަސައްކަތް ކުރާނެއެވެ. މި ފީޗާ މިހާރުވެސް ޓެލެގްރާމް ފަދަ ވާދަވެރި އެޕްތަކުން ލިބެން ހުރެއެވެ.

comment ކޮމެންޓް