2020ގެ ފަހުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ކްރޫސް ލައިނާއެއް

2020 ވަނަ އަހަރުގެ ފުރަބަންދުގެ ފަހުން ރާއްޖެ އައި ފުރަތަމަ ކްރޫސް ޝިޕް --- ފޮޓޯ: މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)

ދެހާސް ވިހި ވަނަ އަހަރު ރާއްޖޭ ފުރަބަންދުވި ފަހުން ފުރަތަމަ ކްރޫޒް ލައިނާ ރާއްޖެ އައިސްފިއެވެ.

ރާއްޖެއަށް އައިސްފައި ވަނީ ޖަރުމަނުގެ ހަޕަގް-ލޮއިޑް ކްރޫޒެސްއަށް ނިސްބަތްވާ "ޔޫރަޕާ 2"އެވެ.

ހުއްޓިފައި އޮތް ކްރޫޒް ލައިނާގެ ވިޔަފާރި މިއަދު އަލުން ރާއްޖޭގައި ފެށުނުއިރު، މި ބޯޓުން ރާއްޖެ އައި ފަތުރުވެރިންނަށް މާލެ އެރުމުގެ ފުރުސަތެއް އަދިވެސް ނެތެވެ. އެހެންކަމުން އެ ކްރޫޒް ލައިނާ ރާއްޖެ އައިސްފައިވަނީ މާލެ ކައިރީގައި އޮތް ދެ ރަށަކަށެވެ.

ސީޝެލްސުގެ ޕޯޓް ވިކްޓޯރިއާއިން ރާއްޖެ އައި ކްރޫޒްއާ ބެހޭ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)އިން ބުނީ މި ކްރޫޒް ދެ ދުވަހު ރާއްޖޭގައި އޮންނާނެ ކަމަށެވެ.

މީގެ ކުރިން ކްރޫޒްތައް މާލެ އައުމުގައި ދިމާވާ ދަތިތައް ފާހަގަ ކުރަމުން މާޔާ އިން ބުނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ބައެއް އުސޫލުތަކުގެ ސަބަބުން އަދިވެސް ދަތިތަކާ ކުރިމަތިވާކަމަށާއި، މީގެ ތެރޭގައި އެ ކްރޫޒެއްގެ އެންމެ މީހަކު ފައްސި ވުމުން، މުޅި ކްރޫޒްއަށް ރާއްޖެ އައުން މަނާވާކަން ހިމެނޭ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެހެން ނަމަވެސް، މި އަންނަ މަހު އިތުރު ތިން ކްރޫޒް ރާއްޖެ އަންނާނެ ކަމަށްވެސް މާޔާއިން ބުންޏެވެ.

ކްރޫޒް ލައިނާތައް އައުމަކީ ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބޭ ކަމެއް ކަމުގައިވީ ނަމަވެސް، ރާއްޖެ އައުމުގައި މި ލައިނާތަކަށް ގޮންޖެހުންތަކެއް ހުރެއެވެ. މީގެ ތެރޭގައި ކޮވިޑްގެ ސަބަބުން ރާއްޖެއިން ކަނޑައަޅާފައިވާ ބައެއް ސިޔާސަތުތަކާއި އެމްޕީއެލްއިން ނަގަމުން އައި ޕައިލޮޓޭޖް ފީ 2020 ވަނަ އަހަރު ތެރޭގައި ބޮޑުކުރުން ހިމެނެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޕީއެލްއިން އެ ފީ ކުޑަ ކުރުމުން ބައެއް ކުރޫޒް ލައިނާތަކުން ރާއްޖެ އަންނަން ޝައުގުވެރިކަން ފާޅުކުރިއެވެ. ނަމަވެސް އެފަދަ ބޯޓެއް ރާއްޖެ އައިސްފައި ވަނީ އަދި ކިރިޔާއެވެ.

މީގެ ކުރިން ރާއްޖެ އަކީ ކުރޫޒް ލައިނާތަކަށް ޓޫރިސްޓުން އެރުވުމަށާއި ބޭލުމަށް ބޭނުން ކުރި މައި ބަނދަރެކެވެ. އަދި ކުރޫޒް ލައިނާތައް މާލެ ކައިރި އޮންނަ ދުވަސްތަކުގައި އެހެނިހެން ގޮތްގޮތުން ވެސް ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބެއެވެ. ނަމަވެސް މި ދާއިރާ މަޑުމަޑުން ވަޅުޖެހުނީ ކޮވިޑާ އެކުއެވެ.

ކުރިން އަހަރެއްގެ މައްޗަށް ރާއްޖެއަށް 60 އެއްހާ ކުރޫޒް ލައިނާ އާދެއެވެ. އެ ބޯޓްތަކުން އެކަނި އަހަރަކު 60،000 އެއްހާ ޓޫރިސްޓުން ރާއްޖެއާދެއެވެ. މިއާއެކު ރާއްޖޭގެ އިގްތިސާދަށް ބޮޑު މަންފާއެއް ލިބެއެވެ.

comment ކޮމެންޓް