ގަތަރަށް ފާޑުކިޔާއިރު، ހުޅަނގުގެ ގައުމުތަކަކީ އިންސާނީ ހައްގުތަކުގެ ނަމުގައި އަނގަވެސް ހުޅުވާލެވޭވަރުގެ ގައުމުތަކެއްނޫން!

ދެހާސް ބާވީސް ވަނަ އަހަރުގެ ވޯލްޑްކަޕް ގަތަރުގެ ވެރިރަށް ދައުޙާގައި މިއަދު ފެށޭއިރު މުޅި ދުނިޔޭގެ ނަޒަރު ވަނީ ގަތަރާ ދިމާއަށް ހުއްޓިފައެވެ.

މިއީ އަރަބި އިސްލާމީ ގައުމެއްގައި ވޯލްޑްކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. މިހާތަނަށް ވޯލްޑަކްޕް ބާއްވަމުން ގެންދިޔައީ މައިގަނޑު ގޮތެއްގައި ރަޝިއާ ހިމެނޭ ގޮތަށް ޔޫރަޕްގެ ގައުމުތަކުގައާއި އެމެރިކާގައެވެ. ނަމަވެސް އުރުގުއޭ، އާޖެންޓީނާ އަދި ބްރަޒީލް ފަދަ ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުގައާއި އެފްރިކާގެ ބައްރުން ދެކުނު އެފްރިކާގައިވެސް ވޯލްޑްކަޕްގެ މުބާރާތް ބާއްވާފައިވެއެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު އޭޝިއާއަށް ބަލާއިރު އޭޝިއާގައި ވޯލްޑްކަޕް ބައްވާފައިވަނީ ޖަޕާނާއި ދެކުނު ކޮރެއާ ގުޅިގެންނެވެ.

ގަތަރަކީ ވޯލްޑްކަޕް ބާއްވާ އެންމެ ކުޑަ ގައުމެވެ. އަދި މިއީ އެންމެ ފުރަތަމަ އަރަބި އިސްލާމީ ގައުމެއްގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރުކަމަށް ވުމުން މިއީ އަރަބި އިސްލާމީ އުންމަތުގެ އިތުރުން ތިން ވަނަ ދުނިޔޭގެ ގައުމުތަކަށްވެސް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެކެވެ.

ހުޅަނގުގެ ގައުމުތަކުން ޒަމާނުއްސުރެ ދެކެނީ އަދި އެގައުމުތަކަށް ހީވެފައިވެސް އޮންނަނީ ވޯލްޑް ކަޕަކީ އަރަބި އިސްލާމީ ގައުމުތަކަށް ނޫނީ ތިންވަނަ ދުނިޔޭގެ ގައުމުތަކާ އަރާފޯދިގެންނުވާ އަދި އެ ގައުމުތަކަށް ކުރެވޭ ވަރަށް ވުރެ މާބޮޑު ކަމެއްކަމުގައެވެ.

އެމެރިކާއާއި ޔޫރަޕްގެ ނަޒަރުގައި އެގައުމުތަކާ ހިސާބުން ދުނިޔޭގެ ސަރަހައްދު ނިމުނީއެވެ. ދެން ތިބި ގައުމުތަކަކީ ނަމެއްގައި ތިބޭ ގައުމުތަކެކެވެ. ޚާއްސަކޮށް އަރަބި އިސްލާމީ ގައުމެއްކަމަށްވާނަމަ އެއީ ޓެރަރިސްޓުންގެ ހާލިތަކެވެ. ހަރުކަށި އަދި ނާތަހުޒީބު މުޖްތަމައުތަކެވެ.

ހުޅަނގުން ދެކޭގޮތުގައި ދުނިޔޭގައި ތިބި ތަހުޒީބު ބަޔަކީ ހަމައެކަނި އެމީހުންނެވެ. މިވިސްނުމުގެ ދަށުން ހުޅަނގު ގެންދަނީ އެއީ ތަހުޒީބު ގައުމުތައްކަމާއި އެނޫންގައުމުތަކަކީ ނާތަހުޒީބު ގައުމުތަކުގެ ގޮތުގައި ސިފަކުރަމުންނެވެ.

ނަމަވެސް މިހާތަނަށް ދުނިޔޭގައި ހިންގާފައިވާ އެންމެ ބޮޑެތި ލާއިންސާނީ ޖަރީމާތަކާއި އިންސާނުން އަޅުވެތިކުރުމާއި އަޅުން ގެންގުޅުމާއި އިންސާނުންނާ ދެކޮޅަށް އަނިޔާކުރުމާއި ދޮނާއި ކަޅު ތަފާތުކޮށް ނަސްލީ އިމްތިޔާޒު ހިންގުމާއި ގައުމުތަކަށް އަރައިގަނެ ހަނގުރާމަތައް ކޮށްގެން މިލިޔަނުން މީހުން މެރުން ފަދަ ހުރިހާ ނުބައި ޖަރީމާތަކެއް ހިންގާފައިވަނީ ހުޅަނގުގެ ގައުމުތަކުންނެވެ. އެމެރިކާއާއި އިނގިރޭސީންނާއި ފަރަންސޭސީންނާއި ޖަރުމަނު މީހުންނަކީ މިފަދަ ޖަރީމާތައް ހިންގުމުގެ އެންމެ އިސް މާސްޓަރުންނެވެ.

މިހާރު ވެސް ހުޅަނގުން ދެކޭ ގޮތުގައި ދޮން މީހުން އުޅޭ ގައުމުތައް ނޫން އެހެން ގައުމުތަކަކީ ވޯލްޑްކަޕް ބޮޑެތި އިވެންޓްތަކަށް ގާބިލުނޫން ގައުމުތަކެވެ. ދެހާސް ދިހަ ވަނަ އަހަރު ވޯލްޑް ކަޕަށް ގަތަރު ހޮވުމާއެކުވެސް ޔޫރަޕުން މިއަޑުތައް އަރުވައި ނަސްލީ އިމްތިޔާޒުގެ ޕްރޮޕަގެންޑާތައް ފަތުރަމުން ގެންދިޔައެވެ. ގަތަރުގެ މައްޗަށް ރިޝްވަތުގެ ތުހުމަތު ކުރުމުން ސްވިސްޓްޒަލޭންޑްގެ ކޯޓަކުން އެމައްސަލަވެސް ބެލިއެވެ. ނަމަވެސް މައްސަލަ ނިމިފައިވަނީ ހުޅަނގުގެ ޕްރޮޕަގެންޑާތަކާ ދިމާ އިދިކޮޅަށެވެ. ގަތަރާ ދެކޮޅަށް ކުރި ރިޝްވަތުގު ތުހުމަތުތައް ސާބިތެއް ނުވިއެވެ.

ވޯލްޑްކަޕް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ގަތަރުން 240 ބިލިޔަން ޑޮލަރާ ގާތްކުރާ މިންވަރަކަށް ޚަރަދުކޮށްފައިވެއެވެ. މިއީ ވޯލްޑްކަޕް ބޭއްވި އެއްވެސް ގައުމަކުން އެކަމަށް ތައްޔާރުވުމަށް މިހާތަނަށް ކޮށްފައިނުވާވަރުގެ ބޮޑު ޚަރަދެކެވެ. ގަތަރު ފިޔަވައި ވޯލްޑްކަޕަށް އެންމެ ބޮޑު ޚަރަދެއްކުރީ ރަޝިއާއިންނެވެ. އެއީ 14 ބިލިޔަން ޑޮލަރެވެ.

ގަތަރުން 240 ބިލިޔަން ޑޮލަރު ޚަރަދުކުރީ ހަމައެކަނި ވޯލްޑްކަޕްގެ ތައްޔާރީތަކަށް އެކަންޏެއްނޫނެވެ. އެޚަރަދުކުރީ އެގައުމުން އިއުލާނުކޮށްފައިވާ ވިޝަން 2030ގެ ދަށުން ބިނާކުރުމަށް ރާވާފައިވާ ޒަމާނީ އިންފްރާސްޓްރަކްޗާ ބިނާކުރުންވެސް ހިމެނޭގޮތަށެވެ.

މީގެތެރޭގައި ކަނޑާއި ވައިގެ ބަނދަރުތަކާއި ހައިވޭތަކާއި މަގުތަކާއި ބްރިޖްތަކާއި އިލެކްޓްރިކް ރޭލު ނުވަތަ މެޓްރޯއާއި ހޮޓާތަކާއި ރެސްޓޯރެންޓްތަކާއި ބީޗްތަކާއި ރެސޯޓްތަކާއި ޝޮޕިންމޯލްތަކާއި ރިޔަލް އެސްޓޭޓް އިމާރާތްތަކާއި ޕާކުތަކާއި ތީމްޕާކު ފަދަ ތަންތަން ބިނާކުރުންވެސް ހިމެނެއެވެ.

ގަތަރުން ބިނާކުރި ފުޓްބޯޅައިގެ ވަސީލަތްތަކުގެ ތެރޭގައި އެންމެ ޒަމާނީ ފެންވަރުގެ އަށް ސްޓޭޑިޔަމާއި ފުޓްބޯޅަ ފަރިތަކުރުމަށް ބޭނުންވާ 140 ދަނޑާއި ވޯލްޑްކަޕަށް ބޭނުންވާ އެނޫން އިންފްރާސްޓްރަކްޗާ ވެސް ހިމެނެއެވެ. ޒަމާނީ ފެންވަރުގެ އަށް ސްޓޭޑިޔަމް ބިނާކުރުމަށް އެކަނިވެސް ނުވަ ބިލިޔަން ޑޮލަރު ޚަރަދުކުރިއެވެ.

ގަތަރުގެ ތައްޔާރީތަކުން އެނގެނީ ހުޅަނގުގެ ޕްރޮޕަގެންޑާތަކަކީ މުނާފިގު ކަމާއި އަމިއްލަ އެދުމާއި ޒަމާނާ ނުގުޅޭ ނާތަހުޒީބީ ބޮޑާކަން ކަންފިޔަވައި އެހެންކަމެއް ނޫންކަމެވެ. ކުދި ގައުމުތަކަށްވެސް މިވަރުގެ ބޮޑެތި ކަންކަން ކުރެވިދާނެކަމެވެ. ހުޅަނގުން ދެކޭގޮތުގައި ބޮޑު އަދި މަތީފެންވަރުގެ ކޮންމެ ކަމަކީވެސް އެގައުމުތަކަށް ޚާއްސަ ކަމެކެވެ. އެގައުމުތަކަށް މޮނޮޕޮލީ އޮންނަންޖެހޭނެ ކަންކަމެވެ.

ނިއުކްލިޔާ ހަތިޔާރަށް ބެލިނަމަވެސް ހުޅަނގުން ދެކޭގޮތުގައި އެއީ ހަމައެކަނި ދޮންމީހުންގެ ގައުމުތަކަށް ނޫނީ އަރައި އަރަފޯދިގެންނުވާ ހަތިޔާރެކެވެ. ދޮން ނޫން ގައުމަކުން އެފަދަ ހަތިޔާރެއް އުފައްދަން އުޅޭނަމަ އެއީ ދުނިޔެއަށްހުރި ނުރައްކަލެއްކަމުގެ އަޑުތައް ފަތުރާލައެވެ. ނަމަވެސް ހުޅަނގުން ނިއުކްލިޔާ އުފެއްދުމުން އެއީ ދުނިޔޭގެ ބާރުގެ ތިލަފަތް ބެލެންސްވާނެ އަދި ދުނިޔެ އަމާންވާނެ ކަމެއްގެ ގޮތުގައި ސިފަކުރެއެވެ. ނަމަވެސް މިހާތަނަށް ނިއުކްލިޔާ ހަތިޔާރު ބޭނުންކޮށްގެން މިލިޔަނުން މީހުން މަރާފައިވަނީވެސް ހުޅަނގުންނެވެ.

ހުޅަނގުން ވޯލްޑްކަޕާމެދުވެސް ދެކެނީ މިގޮތަށެވެ. އެއީ ވަކި ގައުމުތަކަކަށް ކުރެވޭނެ ކަމެއްގެ ގޮތުގައެވެ. ގަތަރުގައި ވޯލްޑްކަޕް ބާއްވާތީ ހުޅަނގުގެ ގައުމުތަކުން ގެންދަނީ އެކިގޮތްގޮތަށް ގަތަރަށް ބަހުގެ ހަމަލާތައް ދެމުންނެވެ. މީގެތެރޭގައި ގަތަރުގެ ސްޓޭޑިއަމްތަކުގައި ބަނގުރަލާއި ބިޔަރު ބުއިން މަނާކުރި މައްސަލަ ހިމެނެއެވެ.

އަދި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުން ގަތަރުން މަނާކުރި މައްސަލައާއި ގަތަރުން ލޭބަރުންގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށްބުނާ މައްސަލަ ހިމެނެއެވެ. ހުޅަނގުން މިތުހުމަތުތައް ގަތަރުގެ މައްޗަށްކުރާއިރު ޚުދު ހުޅަނގުގެ ގައުމުތަކަކީ ހާލުގައިޖެހިގެން އެގައުމުތަކަށް ދާ ރެފިއުޖީންނަށް ވަރަށް އިހާނާތްކޮށް އެމީހުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ގައުމުތަކެކެވެ.

ހުޅަނގުގެ އެތައް ގައުމެއްގައި މުސްލިމް އަންހެނުން ބުރުގާއެޅުމާއި މޫނު ބުރުގާ އެޅުން މަނާކޮށްފައިވެއެވެ. ނަމަވެސް ގަތަރުފަދަ އިސްލާމީ ގައުމަކުން ބަނގުރާ މަނާކުރުމަކީ މައްސަލައެއްކަމަށް ހުޅަނގުން ދެކެއެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ހުޅަނގުގައި އާންމު ކަމެކެވެ. ނަމަވެސް އެކަން ޕްރޮމޯޓްކުރުމަކީ ހުޅަނގުގެ ނަސާރާއިންގެ ބައެއްމީހުންގެ މެދުގައިވެސް ޚިޔާލުތަފާތު މައްސަލައެކެވެ. އަނެއްކޮޅުން މިއީ ވޯލްޑްކަޕާ ގުޅުމެއްހުރި ކަމެއްވެސް ނޫނެވެ.

ހުޅަނގުގެ މިވާހަކަތަކަށް ރައްދުދެއްވަމުން ފީފާގެ ރައީސް ގިއަންނީ އިންފަންޓީނޯ ވިދާޅުވީ ސްޓޭޑިއަމަށް ބިޔަރު ހިފައިގެން ވަނުމަކީ ވޯލްޑްކަޕް ބޭއްވި ގައުމުތައް ކަމަށްވާ ފަރަންސޭސިވިލާތާއި ސްޕެއިން އަދި ޕޯޗުގަލްގެ އިތުރުން ސްކޮޓްލޭންޑްގައި ވެސް މަނާކުރި ކަމެއްކަމުގައެވެ. އިންސާނީ ހައްގުތަކުގެ މައްސަލާގައި އިންފަންޓީނޯ ވިދާޅުވީ ހުޅަނގުން އަރައިގެންފައިނުވާ އިންސާނީ ހައްގުތަކަކަށް އެހެން ގައުމަކަށް އަރައިގަނެވިދާނެކަމަށް ގަބޫލު ނުކުރެވޭ ކަމުގައެވެ.

އިންފަންޓީނޯ ވިދާޅުވިގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިންހާހަށްވުރެ ގިނަ އަހަރު ވަންދެން ހުޅަނގުގެ ގައުމުތަކުން އިސްތިއުމާރީ ހަރަކާތްތައް ހިންގައި އިންސާނުން އަޅުވެތިކޮށް އިންސާނުން މަރައި އެމީހުންގެ ހައްގުތަކަށް އަރައިގެންފައިވާ ކަމުގައެވެ. އެހެންކަމުން ހުޅަނގުގެ ގައުމުތަކަކީ މިކަމުގައި އެހެން ގައުމަކަށް ފިލާވަޅު ދެވޭވަރުގެ ގައުމުތަކެއްނޫންކަމަށާ ހުޅަނގުން ހިންގާފައިވާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކަކީ ކުރިއަށް އޮތް ތިންހާސްއަހަރު ވަންދެން ހުޅަނގުން މާފަށް އެދެންޖެހޭ ވަރުގެ އަނިޔާވެރި އަމަލުތަކެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިންފަންޓީނޯ ވަނީ ހުޅަނގުގެ ގައުމުތަކުގައި މިހާރުވެސް އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ޓަކައި އިސްލާހުކުރަންޖެހޭ އެތައް ކަމެއް ހުރިކަން ފާހަގަކުރައްވާފައެވެ. އޭނާ ވަނީ ގަތަރުންވެސް ގޯސްކަންކަން އިސްލާހުކޮށްފައިވާކަން ބަލައިގަތުމަށާއި ގަތަރުން ތަރައްގީއަށްޓަކައި ކޮށްފައިވާ މަސައްކަތްތައް ބަލައިގަތުމަށް ހުޅަނގަށް ގޮވާލައްވާފައެވެ.

ހުޅަނގުގެ ގައުމުތަކުގެ މައްސަލައަކީ އެގައުމުތަކަށް ޗެލެންޖަކަށްވާ ބޮޑެތި ކަންކަން އަރަބި އިސްލާމީ ގައުމަކުން ނޫނީ ތިންވަނަ ދުނިޔޭގެ ގައުމަކުން ކުރުމުން އެކަން ހަޖަމުނުވާ މައްސަލައެވެ. ކޮލޯނިއަލް މެންޓަލިޓީން އަދިވެސް އެމީހުން މިނިވަން ނުވާ މައްސަލައެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕް 2022 އިފްތިތާހުކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ ރާއްޖެ ގަޑިން 7:30 ގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް