ވޯލްޑް ކަޕް ބަލަން މުޅި ރާއްޖޭގައި ބޮޑު ސްކްރީންތައް، ވަރަށް ފޯރި ގަދަވާނެ!

ވޯލްޑް ކަޕް ފޯރި --- ސަން ފޮޓޯ: މުހައްމަދު ހައްޔާން

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ފޯލްޑް ކަޕް، ގަތަރުގެ އަލް ބައިތު ސްޓޭޑިއަމަށް ވަންނަ 60,000 ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ ފަށާނެއެވެ.

ހަތަރު އަހަރުގެ ދިގު އިންތިޒާރަކަށްފަހު މިރޭ ވޯލްޑް ކަޕް ފަށާއިރު، މިއީ ދިވެހިންނަށް ޚާއްސަ ވޯލްޑް ކަޕެކެވެ. އެއީ މި ވޯލްޑް ކަޕަކީ ރާއްޖެއާ އެންމެ ކައިރިން ކުޅެވޭ ވޯލްޑް ކަޕަށް ވުމެވެ.

މި ހުރިހާ ޚާއްސަ ކަމަކާއެކު، ރާއްޖެ ވޯލްޑް ކަޕަށް ވަރަށް ތައްޔާރެވެ. ތުރާކުރުން ފެށިގެން އައްޑޫ ސިޓީ ފޭދޫއާ ހަމައަށް ނަޒަރު ހިންގާލިނަމަވެސް، ވޯލްޑް ކަޕަށް ތައްޔާރުނުވާ ރަށެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ބޮޑު ސްކްރީންގައި ވޯލްޑް ކަޕް ބެލުމާއި، ދިދަ ފަތިތައް ދެމުމާއި، ފާރުތަކުގައި ކުރެހުން ފަދަ ކަންކަން ވޯލްޑް ކަޕަށް ތައްޔާރު ވުމުގައި އެކި ރަށްރަށުގައި އެކި ގޮތްގޮތުން އަންނަނީ ކުރަމުންނެވެ.

ރަށްޓެހިންނާއި އާއިލާ މެމްބަރުންގެ އިތުރުން މި ފޯރީގައި ބައިވެރިވާން ބޭނުންވާ ހުރިހާ އެންމެންނަށްވެސް މިކަމުގައި ޝާމިލުވެވޭނެހެން މިކަމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

ސަރުކާރާއި، ވިޔަފާރިވެރިންގެ އިތުރުން ކުލަބު ޖަމިއްޔާތަށްވެސް ޝާމިލުވާހެން މިފަހަރުގެ ވޯލްޑް ކަޕަކީ ގިނަ ބަޔަކަށް އެކަމުގެ އުފާ ލިއްބައިދޭނެ ވޯލްޑް ކަޕަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ވޯލްޑް ކަޕްގެ ފޯރި، އައްޑޫ ސިޓީގެ ގެއެއްގައި ކުރަހާފަ --- ފޮޓޯ: މުހައްމަދު ހަސަން ރަޝީދު

ގްރޭޓާ މާލެ ރީޖަންގައި ވޯލްޑް ކަޕްގެ ފޯރި ވަރަށް ގަދަ!

ގްރޭޓާ މާލެ ސަރަހައްދު ވޯލްޑް ކަޕަށް ވަރަށް ތައްޔާރެވެ. އެގޮތުން މާލެ ސަރަހައްދުގައި ބެހެއްޓޭ އެންމެ ބޮޑު ލެޑް ސްކްރީންތައް ހުޅުމާލޭގައި ގާއިމް ކުރުމުގެ މަސައްކަތް އެޗްޑީސީއާ ގުޅިގެން ޔޫތް މިނިސްޓްރީ އަދި ސްޓެލްކޯ އިން ދަނީ ކުރަމުންނެވެ. މީގެ ދެ ސްކްރީނެއް ހުޅުމާލޭގައި ހުންނާނެއެވެ.

އެގޮތުން ހުޅުމާލެ ފޭސް އެކެއްގެ ސިންތެޓިކް ސްޓޭޑިއަމްގައި އެއް ލެޑް ސްކްރީން ހުންނައިރު، ދެވަނަ ލެޑް ސްކްރީން ހުންނާނީ ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓްތަކާ އިންވެގެން އޮންނަ، ބިދޭސީން ކްރިކެޓު ކުޅެން ބޭނުންކުރާ ދަނޑުގައެވެ.

އަދި ހަމަ އެހެންމެ މާލޭގައި ވެސް ޔޫތް މިނިސްޓްރީން ޔޫތް ސެންޓަރުގެ ގޯތި ތެރޭގައި ވަނީ ލެޑް ސްކްރީނެއް ހަރުކޮށް، އެތަނުގައި ދިދަތައް ދަމާ ތައްޔާރުވެފައެވެ.

މާލެ އާއި ހުޅުމާލޭގެ އިތުރުން، ވިލިމާލޭގެ ހަތަރު ސަރަހައްދެއްގައި ވެސް ވޯލްޑް ކަޕުގެ މެޗުތައް ބަލާނެ ސްކްރީންތައް ހުންނާނެއެވެ. އެގޮތުން ވިލިމާލެ ކައުންސިލް މެމްބަރު ނަހުލާގެ ހެޔޮ އެދުންތަކާއެކު އާންމުންނަށް ފެންނާނެހެން ވިލިމާލެ ބީއެމްއެލް ބްރާންޗާ ޖެހިގެން އޮންނަ ހުސް ބިމުގައި ބޮޑު ސްކްރީންގައި މެޗުތައް ބެލޭނެއެވެ. ބާކީ ތިން ސަރަހައްދުތަކަކީ ކްލަބް އަދި ޖަމިއްޔާތަކުން ކަނޑައަޅާ ތަންތަނެވެ.

ވޯލްޑް ކަޕްގެ ފޯރި ---- ސަން ފޮޓޯ: މުހައްމަދު ހައްޔާން

މީގެ އިތުރުންވެސް މާލޭ އޭރިއާގައި އަމިއްލަ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުންވެސް ސްކްރީން ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މާލޭގެ ބައެއް ގޯޅި ތަކާއި ފިހާރަ އަދި ރެސްޓޯރެންޓުތަކުގައި ވޯލްޑް ކަޕުގެ ފޯރި ގަދަކުރުމުގެ ގޮތުން ދިދަ ފަތިތައްވެސް ވަނީ ދަމާފައެވެ.

މުޅި ރާއްޖޭގައި ވެސް ވޯލްޑް ކަޕްގެ ފޯރި ވަރަށް ގަދަ!

ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކެއްގައިވެސް ވޯލްޑް ކަޕުގެ ފޯރި ވަރަށް ގަދައެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އަދި އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުންވެސް ބޮޑު ސްކްރީން ބެހެއްޓުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.

ވޯލްޑް ކަޕްގެ ފޯރި ---- ސަން ފޮޓޯ: މުހައްމަދު ހައްޔާން

މިގޮތުން ބަލާއިރު، ރާއްޖޭގެ އެންމެ އުތުރުން ހއ އިން ފެށިގެން އެންމެ ދެކުނަށް އައްޑޫއާ ހަމައަށްވެސް ވޯލްޑް ކަޕްގެ ފޯރި ވަރަށް ގަދައެވެ.

ވޯލްޑް ކަޕަށް އުތުރުގެ ފޯރި އުތުރި އަރަނީ!

ހއ. ދިއްދޫގައި އެކި ސަރަހައްދު ތަކުގައި ކްލަބްތަކުން ސްކްރީން ބަހައްޓަން ނިންމާފައިވާއިރު، ށ. ފުނަދޫގައި ޒުވާނުން ނުކުމެ ބަހައްޓާ ބޮޑު ސްކްރީނަކާއި ވިޔަފާރިވެރިން ބަހައްޓާ ބޮޑު ސްކްރީނެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ނ އަތޮޅުން ވެރިކަން ކުރާ މަނަދޫގައި ވޯލްޑް ކަޕުގެ ފޯރި މާ ގަދައެވެ. އެރަށުގެ ކޯލް ސެންޓަރ ހޯލް ނުވަތަ އަސްވާރުގައި 200 މީހުންނަށް ބޮޑު ސްރީންގައި ވޯލްޑް ކަޕް ބެލޭނެހެން ސްކްރީން ބެހެއްޓުމުގެ މަސައްކަތް ކައުންސިލުން، ރައްޔިތުންނާ ގުޅިގެން ކުރަމުން އަންނަ އިރު، އޫރީދޫގެ އެހީތެރިކަމާއެކު އެތަނުގައި ފޭންޒޯނެއް ގާއިމް ކުރުމުގެ މަސައްކަތްވެސް ކައުންސިލާއި ރައްޔިތުން ދަނީ ކުރަމުންނެވެ.

ވޯލްޑް ކަޕް ފޯރި --- ފޮޓޯ: ށ. ފުނަދޫ

ރ އަތޮޅުން އުނގޫފާރުގައި ކްލަބް ޖަމިއްޔާތަކުން އެރަށުގެ ޖަގަހައެއްގައި ވޯލްޑް ކަޕް ބެލުމަށް ބޮޑު ސްކްރީން ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބ ދަރަވަންދޫގައި ވެސް އެރަށު ރައްޔިތުން ނުކުމެ ދެ ސަރައްހެއްދަގައި ސްކްރީން ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޅ ހިންވަރުގައި އެރަށު ކައުންސިލުން ކޮމިއުނިޓީ ސެންޓަރުގައި ވޯލްޑް ކަޕް ބެލުމަށް ބޮޑު ސްކްރީން ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކުން 10 އަށްވުރެ ގިނަ ސަރަހައްދުގައި ސްކްރީން ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މެދު ރާއްޖެއަށް އައީ ފުޓްބޯޅައިގެ ޢީދެއް!

އއ ރަސްދޫގައި އުރީދޫ އާއި ސްޓެލްކޯގެ އެހީގައި ދެ ޖަމިއްޔާއެއްގެ ފަރާތުން ބޮޑު ސްކްރީން ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާއިރު، އދ މަހިބަދޫގެ ކައުންސިލުން އެރަށުގެ ސޯޝަލް ސެންޓަރުގެ ގޯތިތެރޭގައި ސްކްރީން ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އެރަށުގެ ކްލަބް ޖަމިއްޔާ ޖަމާއަތްތަކުން ސްކްރީން ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ވެސް ކުރަމުންނެވެ.

ވޯލްޑް ކަޕް ފޯރި --- ފޮޓޯ: އދ. މަހިބަދޫ

ވ. ފެލިދޫގެ ކައުންސިލާއި އެރަށުގެ އެހެން ފަރާތްތަކާ ގުޅިގެން ވޯލްޑް ކަޕް ބެލުމަށް ޓީވީ އަދި ދެ ސްކްރީނެއްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން މ. މުލަކުގައި ކައުންސިލުން ބޮޑު ސްކްރީނެއް އެ އިދާރާގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެރަށުގެ ޖަމިއްޔާތަކުން އިތުރު ދެ ސްކްރީނެއް، ރަށުގެ ދެ ސަރަހެއްދެއްގައި ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ފ އަތޮޅުގެ މައި ރަށް ކަމުގައިވާ ނިލަންދޫގެ ކައުންސިލުން އެރަށުގެ މެދުގައި ހުންނަ ކައުންސިލްގެ އިމާރާތެއްގައި ބޮޑު ސްކްރީނެއް ގާއިމް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި ދ ކުޑަހުވަދޫގައި އެރަށު ކައުންސިލާއި އަދި ކްލަބު ޖަމިއްޔާތަކުން ވޯލްޑް ކަޕަށް ތައްޔާރުވުމަށްވެސް ސްކްރީންތައް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މީގެ އިތުރުން ތ ތިމަރަފުށީގައި އެރަށު ޖަމިއްޔާތަކުން ހަތަރު ސަރަހެއްދެއްގައި ހަތަރު ސްކްރީން ބެހެއްޓުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ލ. ގަމުގައިވެސް ވޯލްޑް ކަޕްގެ ފޯރި ވަރަށް ގަދައެވެ. އެގޮތުން އެ ރަށުގެ އަށް ސަރަހައްދެއްގައި ރަށު ކައުންސިލާއި ޖަމިއްޔާތަކާއި އަދި ޕާޓީތައް ގުޅިގެން ވޯލްޑް ކަޕް ބެލުމަށް ބޮޑު ސްކްރީން އަދި ބޮޑެތި ޓީވީ ބެހެއްޓުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ވޯލްޑް ކަޕްގެ ފޯރި --- ސަން ފޮޓޯ: މުހައްމަދު ހައްޔާން

ވޯލްޑް ކަޕަށް ދެކުނުގެ ފޯރި މާ ގަދަ!

ގއ. ވިލިނގިލީގައި ޔޫތު ސެންޓަރުގައި ކައުންސިލުން ބޮޑު ސްކްރީން ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާއިރު، އެރަށުގެ އިތުރު ޖަމިއްޔާތަކުންވެސް ވޯލްޑް ކަޕްގެ ފޯރި ގަދަކުރުމަށް ބޮޑު ސްކްރީން ބެހެއްޓުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ގދ. ތިނަދޫގައި އެ ރަށު ކައުންސިލާ ގުޅިގެން ރަށުގެ ޒުވާނުން ވޯލްޑް ކަޕުގެ ފޯރި ނެގުމަށްޓަކައި ބޮޑު ސްކްރީން ބެހެއްޓުމުގެ ގިނަ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން ރަށުގެ ހަތަރު ސަރަހައްދެއްގައި ސްކްރީން ބެހެއްޓުމުގެ މަަސައްކަތް އެރަށު ކައުންސިލާއި، ޖަމިއްޔާތައް އަދި އާންމުން ގުޅިގެން ދަނީ ކުރަމުންނެވެ.

ފުވައްމުލަކު ސިޓީގައިވެސް ވޯލްޑް ކަޕްގެ ފޯރި ނެގުމަށްޓަކައި ސްކްރީނެއް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މި ސްކްރީންތައް އެ ސިޓީގެ ޕޮލިސް ސްޓޭޝަނާއޮ، މަޝްހޫރު ބާބަ ގާޑިޔާގައި ހުންނާނެއެވެ.

ވޯލްޑް ކަޕްގެ ފޯރި މުޅި ރާއްޖޭގައި ---- ސަން ފޮޓޯ: މުހައްމަދު ހައްޔާން

ރާއްޖޭ އެންމެ ދެކުނުން އައްޑޫ ސިޓީގައި ވޯލްޑް ކަޕް ފާހަގަ ކުރަނީ ވަރަށްވެސް ތަފާތުކޮށެވެ. އެ އެސީޓީގައި ބެހެއްޓިފައިވާ ގާޑިޔާތަކުގެ ކައިރީގައި ވޯލްޑް ކަޕް ބެލުމަށް ބޮޑު ސްކްރީންތައް ވަނީ ހަރުކޮށްފައެވެ. އަދި މެޗުތައް ކުޅޭ ވަގުތު އެ ގާޑިޔާތަކުން ވަގުތުން ބާބަކިއު ހެދުމާއި ރޭގަނޑުގެ ކެއުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އެސިޓީގެ ޢާންމު ތަންތަނުގައިވެސް މެޗު ބެލެމުގެ ފުރުސަތު ފަހި ކޮށްދިނުމަށްޓަކައި ޖަގަހަތައް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ޖަގަހަ ތަކުގައި ވޯލްޑް ކަޕްގެ ލެޖެންޑުންގެ ކުރެހުންތައްވެސް ކުރަހާފައިވެއެވެ.

އާންމު ތަންތަނުގެ އިތުރުން އައްޑޫ ސިޓީގެ ޔޫތު ސެންޓަރ ތަކުގައިވެސް މެޗުތައް ބެލުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މި ހުރިހާ ކަމަކުންވެސް ދައްކުވައިދެނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވޯލްޑް ކަޕަށް ދިވެހިންގެ މެދުގައި އޮތް ފޯރިއެވެ. ފުޓްބޯޅައަށް އޮތް ލޯތްބާއި ގަދަރެވެ. ފުޓްބޯޅައިގެ އީދަށް ދިވެހީން ތައްޔާރުވެފައިވާ މިންވަރެވެ. ވޯލްޑް ކަޕް ގަތަރުގައި މިރޭ ފަށާއިރު، މި މުބާރާތުގައި ރާއްޖެއިން ފޯރި ނަގާނެ މިންވަރެވެ.

ގަތަރުގައި، ދަނޑުތަކަށް މެޗު ބަލަން ނުވަދެވުނު ނަމަވެސް، އަމިއްލަ ގައުމުގައި މި ފޯރި ނެގުމަށް ދިވެހިން ކުޅަދާނަކަން ހުރި މިންވަރެވެ.

މި ވޯލްޑް ކަޕުގެ އެންމެފަހުގެ އަދާހަމަތައް ސަން އޮންލައިންގެ ވޯލްޑް ކަޕަށް ޚާއްސަ ވެބްސައިޓް އިން ފެންނަން ހުންނާނެއެވެ.

comment ކޮމެންޓް