މި ސަރުކާރަށްވުރެ ބޮޑަށް ރައްޔިތުންނަށް އަނިޔާވެރިވި ސަރުކާރެއް ނެތް: އަދުރޭ

ފެބްރުއަރީ 28، 2020: ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި "މީ މަގޭ ރާއްޖެ" ޖަލްސާގެ ތެރެއިން: މި ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރުގެ ސަރުކާރަށްވުރެ ބޮޑަށް ރައްޔިތުންނަށް އަނިޔާވެރިވި ސަރުކާރެއް ނެތްކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވީ ޕީޕީއެމްގެ އޮފީހުގައި ރޭ އޮތް ޖަގަހަ ޖަލްސާގައި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ރައްދުދެއްވަމުންނެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފައްޔާޒުވަނީ މި ސަރުކާރަކީ އަނިޔާވެރިކަން އެންމެ ކުޑަ ސަރުކާރުކަމަށް ވިދާޅުވެފައެވެ. އެ ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވީ މީގެ ކުރީގެ އެކި ސަރުކާރުތައް އޭނާ ދުށްކަމަށެވެ.

"ރައްޔިތުންނަށް އަނިޔާވެރިނުވާނަމޭ ވިދާޅުވާއިރު މި ސަރުކާރު އައިސްގެން އެންމެ ފުރަތަމަ އަޅުގަނޑުމެން ސިއްސުވާލި ޚަބަރަކީ އެމްޑީއެން ކިޔާ ޖަމާއަތަކުން ނެރުނީ ރިޕޯޓެއް. އެ ރިޕޯޓުގައި ހުރީ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށްފައި. ކީރިތި ރަސޫލާއަށް ހަޖޫ ޖަހައިފައި،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަން ކުރި މީހުންނަށް އެކަށީގެންވާ އަދަބެއް ދީފައިނުވާކަމަށެވެ. އެގޮތުން އެ ރިޕޯޓު ލިޔުނު ބައެއް މީހުން ސަރުކާރުން އިސްވެ ފުރުވައިލިކަމުގެ ތުހުމަތު އޭނާ ކުރެއްވިއެވެ. އަދި އެ ކަމުގައި ހިމެނޭ ބައެއް އިސް މީހުންނަށް ސަރުކާރުގެ މަގާމުތައް ދީފައިވާކަމަށް ވެސް ވިދާޅުވިއެވެ.

"އެހެންނަމަވެސް މި ފަސްގަނޑުގައި ޝިރުކު ހުއްޓުވަން ނިކުތީމާ އެ މީހުންނާ މެދު މި ކުރި ކަމަކީ އެ މީހުން ހިފައި ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލީ،" އޭނާ ވިދާޅުވިއެވެ.

އަދުރޭވަނީ އަނިޔާވެރިކަން ފައްޔާޒު މާނަކުރައްވަނީ ކޮން ގޮތަކަށްތޯ ސުވާލު އުފައްދަވައިފައެވެ. އަދި ފައްޔާޒަކީ މި ސަރުކާރުގެ އަނިޔާވެރިކަމަށް ވާގިވެރިވާ ބޭފުޅެއްކަމަށް ވެސް ވިދާޅުވިއެވެ.

އަދި ގައުމުގެ ހާލަތު ދަށްވެފައިވާކަމަށް ވިދާޅުވެ، އަދުރޭވަނީ މިއަދު ގައުމުގައި ޑިމަކުރަސީގެ އެންމެ އަސާސީ ސިފަތައް ހުރިތޯ ވެސް ސުވާލު އުފައްދަވައިފައެވެ.

comment ކޮމެންޓް