ފްރާންސަށް އިތުރު ނުތަނަވަސްކަމެއް، ބެންޒެމާއަށްވެސް ވޯލްޑް ކަޕުގައި ނުކުޅެވޭނެ

ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް އަދި ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރިމް ބެންޒެމާ- ފޮޓޯ:- ގެޓީ އިމޭޖަސް

ވޯލްޑް ކަޕު ފެށެން ކުޑަތަންވެފައި ވަނިކޮށް ރެއާލް މެޑްރިޑާއި ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް، އަދި އެންމެފަހުގެ ބެލަންޑޯ އެވޯޑު ހާސިލްކުރި ތަރި ކަރިމް ބެންޒެމާއަށް އަނިޔާވެ، މިފަހަރުގެ ވޯލްޑް ކަޕުގައި ނުކުޅެވޭ ގޮތް ވެއްޖެއެވެ.

ފްރާންސްގެ ގައުމީ ޓީމުން ނެރުނު އިއުލާނެއްގައި ބުނީ، ބެންޒެމާއަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެކަން މިހާރު ޔަގީންވެފައިވާއިރު، ބެންޒެމާއަށް އަނިޔާވެފައިވަނީ ފްރާންސްގެ ގައުމީ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އަދި އަނިޔާ ވެފައިވަނީ އޭނާގެ ފަލަމަސްގަނޑަށް ކަމަށާއި އެ އަނިޔާއިން ރަނގަޅުވެ އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ތިން ހަފްތާ ނަގާނެކަމަށް އެމްއާރްއައި ރިޕޯޓަށް ރިއާޔަތްކޮށް އިއުލާނުގައި ބުނެފައިވެއެވެ.

މިއީ ބެންޒެމާގެ އިތުރުން މުޅި ޓީމަށްވެސް ލިބުނު ބޮޑު ދެރެއެއް ކަމަށާއި، އޭނާއަށް މުޅި ޓީމުގެ ފަރާތުން އަވަސް ޝިފާއަކަށް އެދޭކަމަށްވެސް ފްރާންސްގެ ގައުމީ ޓީމުން ބުނެފައިވެއެވެ.

ގަތަރުގައި މިއަހަރު ކުޅޭ ވޯލްޑް ކަޕަކީ އުމުރުން 34 އަހަރުގެ ބެންޒެމާގެ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން އަނިޔާގެ ސަބަބުން މިފަހަރުގެ ވޯލްޑް ކަޕް ގެއްލުން އެއީ އޭނާއަށް ބޮޑު ހިތްދަތިކަމެއް ލިބޭނެ ކަމެކެވެ.

ޓީމާއި ދުރަށްދާން ޖެހުމުން ބެންޒެމާ ބުނީ، ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް، ދުވަހަކުވެސް ފުރަގަސްދީ ގިވަޕް ނުކުރާ ކަމަށާއި، އެހެންނަމަވެސް ޓީމުގެ ފައިދާއަށް ވިސްނުމަށްފަހުގައި މިފަހަރު ވޯލްޑް ކަޕަށް ފްރާންސް އިން ނެރުނު ސްކޮޑުން ވަކިވާން ނިންމާފައިވާ ކަމަށެވެ.

ސަބަބަކީ ޓީމަށް ބޮޑަށް ފައިދާ ވާނީ އޭނާއަށް ނުކުޅެވި ބެންޗުގައި އިނުމަށްވުރެ، މެޗުތަކުގައި ކުޅެވޭނެ ކުޅުންތެރިއަކަށް ފުރުސަތު ދިނުމުން ކަމަށް ބެންޒެމާ ބުނެފައިވެއެވެ.

ބޮޑެތި ތުހުމަތުތަކެއްގެ ސަބަބުން ގާތްގަނޑަކަށް 6 އަހަރުދުވަހު ގައުމީ ސްކޮޑުން ފުރުސަތު ނުލިބިހުރުމަށްފަހު ބެންޒެމާއަށް ގައުމީ ސްކޮޑުން ފުރުސަތު ދީފައިވަނީ 2021 ވަނަ އަހަރު ކުޅުނު ޔޫރޯ 2020 ފުޓުބޯޅަ މުބާރާތުގައެވެ.

2015 ވަނަ އަހަރު ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ބެންޒެމާއަށް ފުރުސަތު ގެއްލުނީ އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާއަށް ބިރުދައްކައި، ލާރި ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމާ ގުޅިގެންނެވެ.

ބެންޒެމާއަށް މިފަހަރުގެ ވޯލްޑް ކަޕުގައި ނުކުޅެވޭއިރު އޭނާ ވަނީ 2021/2022 ވަނަ އަހަރުގެ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ، ރެއާލް މެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން ރެއާލް މެޑްރިޑުން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ބެންޒެމާ އެވެ.

ރެއާލްގެ ކާމިޔާބީތަކުގައި ބެންޒެމާ އަދާކުރި ބޮޑު ދައުރުގެ ސަބަބުން އޭނާއަށް ވަނީ ފާއިތުވީ ސީޒަނުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާގެ ގޮތުގައި ބަލާ، ވަކިވަކި ކުޅުންތެރިންނަށްދޭ އެންމެ ޝަރަފުވެރި ފުޓުބޯޅަ އެވޯޑު، ބެލަންޑޯ އެވޯޑު ހާސިލްކޮށްފައެވެ.

ވޯލްޑް ކަޕަށް ފްރާންސް އިން އެކުލަވާލި ސްކޮޑުން ފަހުވަގުތު ބެންޒެމާ ވަކިވާން ޖެހުނުއިރު އޭނާ ވަނީ މިހާތަނަށް ފްރާންސް އަށް ކުޅެދިން 97 މެޗުން 37 ލަނޑު ޖަހާފައެވެ.

ބެންޒެމާގެ އިތުރުންވެސް ފްރާންސްގެ މޮޅެތި އެހެން ކުޅުންތެރިންތަކަކަށްވެސް އަނިޔާގެ މައްސަލަތަކާއި ގުޅިގެން މިފަހަރުގެ ވޯލްޑް ކަޕް ގެއްލިފައިވެއެވެ. އެގޮތުން ޕައުލް ޕޮގްބާ، އަދި އެންގޯލޯ ކާންޓޭގެ ނަން ފާހަގަކޮށްލެވެއެވެ.

ވޯލްޑް ކަޕުގައި ފްރާންސް ހިމެނެނީ ގްރޫޕް ޑީގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ ޑެންމާކާއި އޮސްޓްރޭލިއާގެ އިތުރުން ޓިއުނީޝިއާ އެވެ. ފްރާންސްއިން ވޯލްޑް ކަޕުގައި ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 23 ވަނަ ދުވަހު ބައްދަލުކުރާނީ އޮސްޓްރޭލިއާ އާއިއެވެ.

comment ކޮމެންޓް