ސަރުކާރަށް ހަތަރު އަހަރު: ކުޅިވަރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް!

ޖުލައި 29، 2019: މޮރިޝަސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން އެތްލީޓުން މާލެ އައުމުން ހޫނު މަރުހަބާއެއް ކިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރަށް ހަތަރު އަހަރު ފުރިގެން ދިޔަ އިރު، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ގިނަ އަދަދެއްގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މިޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ގިނައިން ނިންމާފައިވަނީ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫއުތަކެވެ. ރައީސް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމުގެ 113 މަޝރޫއެއް ވަނީ އެއްކޮށް ނިންމާލާފައެވެ. މިހާރު އަމަލީ މަސައްކަތް ކުރިއަށްދާ 101 މަޝްރުއެއް ވާއިރު، 47 މަޝްރޫއެއްގެ ކޮންޓްރެކްޓް ހަވާލުކޮށް، 1 މަޝްރޫއު އެވޯޑް ކޮށްފައިވެއެވެ.

ކުޅިވަރުގެ ދާއިރާއަށް ބަލާއިރު ހުރިހާ ކުޅިވަރެއް ކުރިއެރުވުމަށްވެސް އަދުގެ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިވެއެވެ. އެގޮތުން، ގަލޮޅު ރަސްމީ ދަނޑު ތަރައްގީ ކުރުމާއި، ގައުމީ ޓޭބަލް ޓެނިސް، ބާސްކެޓް، ވޮލީ، ހޭންޑްބޯލް އަދި ނެޓްބޯލް ކޮމްޕްލެކްސްތައް މާލޭގައި ތަރައްގީކުރުމަށް ބިޑް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އަންނަ އަހަރު މި ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

މާޗް 1، 2021: މޮޓޯ ޖީޕީ ސައިކަލް ރޭސް ޗެމްޕިއަން ޖޯޖް ލޮރެންޒޯ ގަރޭރޯ ރާއްޖެއައުން: ލޮރެންޒޯއަށް މަރުހަބާ ކިއުއްވީ ޔޫތް މިނިސްޓަރ މަހްލޫފް އާއި ޓޫރިޒަމް މިނިސްޓަރ މައުސޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެއިތުރުން، މުޅިން އައު ކުޅިވަރުތަކަށް ފުރުސަތުދީ އެކުޅިވަރުތައް ރާއްޖޭގައި ކުރިއަރުވައި އާލާކުރުމަށް މަސައްކަތް ކޮށްފައިވާއިރު، ފާއިތުވި ހަތަރު އަހަރު ފާހަގަކުރެވިގެންގޮސްފައިވަނީ ބައިނަލްއަގްވާމީ ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި ވާދަކުރުމުގެ ފުރުސަތު ކުޅުންތެރިންނަށް ލިބިގެން ދިޔަ އަދި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުނު ހަތަރު އަހަރުގެ ގޮތުގައެވެ.

އެގޮތުން ހަމައެކަނި މިއަހަރުވެސް ޖުމްލަ ހަތް ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖޭގެ ކުޅުންތެރިން ވާދަކޮށްފައިވާއިރު، އޭގެތެރޭގައި ކޮމަން ވެލްތު ގޭމްސް، ކެރަމް ވޯލްޑް ޗެމްޕިއަންޝިޕް އަދި ސާފް ވިމަން ޗެމްޕިއަންޝިޕް ފަދަ މުބާރާތްތައް ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 -- ސަން ފޮޓޯ: ހައްޔާން

މީގެއިތުރުން ޔޫތު މިނިސްޓްރީން ވަނީ މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް އަންހެން އަދި ފިރިހެން ގައުމީ ޓީމްތަކަށް ދޭ އެލެވެންސްގައި ހުރި ފަރަގު ނައްތާލާފައެވެ.

ކުޅުންތެރިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ގައުމީ ޓީމުތަކަށް ކުޅޭ ކުޅުންތެރިންނަށް އަމާޒުކޮށްގެން ޓްރެއިނިން އާއު ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.

ދެވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއެވެ. އެފަދަ 58 މަޝްރޫއުގެ މަސައްކަތް މުޅީން ނިންމާލާފައިވާއިރު، 18 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރުވެސް ކުރިއަށް ދެއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ހިމެނެނީ މާލެ ހުޅުމާލެ ހައިވޭ މެދުގައި މިހާރު ގާއިމްކުރަމުން އަންނަ ފަސް މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމްގެ މަޝްރޫއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މާރޗް މަހު އެއްކޮށް ނިންމާލެވޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ.

އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމްކުރުމުގެ އަމަލީ މަސައްކަތް އައްޑޫ ސިޓީގައި ފެށުމުގެ ގޮތުން އެ ސިޓީގެ ހިތަދޫ ސްކޫލުގެ ފުރާޅު މަތީގައި ސޯލާ ޕެނަލް ހަރުކުރަނީ --- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

ތިމާވެއްޓަށް އިސްކަން ދީގެން މިސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ގޮނޑުދޮށް ހިމާޔަތްކުރުމުގެ 12 މަޝްރޫއެއް އަދި، ކުނި މެނޭޖްކުރުމުގެ 23 މަޝްރޫއެއްގެ އަމަލީ މަސައްކަތް ވަނި އެއްކޮށް ނިމިފައެވެ.

ރައްޔިތުންނާއި ސީދާ ގުޅިފައިވާ މަޝްރޫއުތަކަށް ބަލާއިރު، ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ 29 މަޝްރޫއެއް ނިންމާލާފައިވާއިރު، އެފަދަ 35 ޕްރޮޖެކްޓެއް މިހާރުވެސް ކުރިއަށްދެއެވެ. މިސަރުކާރަކީ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެސްދިން ސަރުކާރެއް ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދާއިރު، ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީގެ 28 މަޝްރޫއުގެ މަސައްކަތް މުޅިން ނިންމާލާފައިވެއެވެ. އޭގެ ތެރޭގައި ގިނަ ރަށްރަށުގެ ސްކޫލްތަކުގެ ކިޔެވުންތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރި މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ކްލާސްރޫމްތަކެއް އިމާރާތްކޮށްފައިވެއެވެ. ތައުލީމީ ދާއިރާގެ 91 މަޝްރޫއެއް މިހާރުވެސް ކުރިއަށްދާއިރު، 16 މަޝްރޫއެއްގެ ކޮންޓްރެކްޓް ހަވާލުކޮށް ދެ މަޝްރޫއެއް އެވޯޑްކޮށްފައިވެއެވެ.

ހެނބަދޫ ބަނދަރު ނިންމާލާފައި -- ފޮޓޯ/ އެމްޓީސީސީ

މީގެއިތުރުން، ރަށްރަށުގެ ބަނދަރު/ޖެޓީ ހެދުމުގެ 46 މަޝްރޫއަކާއި މަގު ހެދުމުގެ ފަސް މަޝްރޫއެއް ނިމިފައިވާއިރު، ބަނދަރު ހެދުމުގެ 35 މަސައްކަތާއި މަގުހެދުމުގެ 21 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދެއެވެ. އަދި، 12 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ 12 މަޝްރޫއެއް ނިމިފައިވާއިރު، 119 ރަށެއްގައި އެކި މަރުހަލާތަކުގައި މިމަސައްކަތް މިހާރުވެސް ކުރިއަށްދެއެވެ.

ރައީސް އިބްރްހީމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން 90 އިންސައްތަ މަސައްކަތް ފެށި، އެކި މަރުހަލާތަކުގައި އެމަސައްކަތްތައް ކުރިއަށްދާކަމަށާއި، ބާކީހުރި މަޝްރޫޢުތައް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ދެކޭގޮތުގައި އަތޮޅުތެރޭގެ ތަރައްގީއާއެކު ރައްޔިތުންނަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައި ވައުދުފުޅުތަކަކީ ފުއްދޭނެ އަދި އެކަމުގެ ނަތީޖާ ފެނިގެންދާނެ ކަންތައްތަކެއް ކަމަށެވެ.

comment ކޮމެންޓް