އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ހ. ކަރަންކާގޭ ކުރިމަތީގައި ހުރި ގެއެއްގެ ގްރައުންޑް ފްލޯގައި ކަމަށް -- ސަން ފޮޓޯ

މިމަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

ނިރުފެހީގައި ހިންގި ގަރާޖެއްގައި އަލިފާން ރޯވެ، އެތަނުގެ މަތީ ފްލޯގައި ދިރިއުޅުނު ބިދޭސީންގެ ތެރެއިން 10 މީހުންގެ ފުރާނަ ނެތް ހަށިގަނޑު ވަނީ ނެރެފައެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުންނާއި ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެކެވެ.

ފުލުހުން މިއަދު ބުނީ އެހާދިސާގައި މަރުވި ހުރިހާ ބިދޭސީންގެ ހަށިގަނޑު މިހާރު ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.

އެހާދިސާގައި މަރުވި އަށް އިންޑިއާ މީހުންގެ ހަށިގަނޑު މިދިޔަ ހޯމަ ދުވަހު ގައުމަށް ފޮނުވާލާފައިވާއިރު، މިއަދު ފޮނުވާލާފައިވަނީ މަރުވި ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެއްގެ ހަށިގަނޑެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާގައި ވަރަށް ބޮޑަށް ފިހުނު މީހަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު އަދިވެސް ކްރިޓިކަލްއެވެ.

ފުރަމާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި މި ހާދިސާގައި ފުރަތަމަ ރޯވި ގަރާޖަކީ ހުޅުމާލޭގައި ހިންގަން ހުއްދަ ދީފައި އޮތް ގަރާޖަކަށް ވީއިރު، އެތަން މާލޭގައި ހިންގަމުން އައީ ގާނޫނާ ޚިލާފަށް ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހާދިސާ ހިނގާފައިވަނީ ގޭސް ކަޓަރު ބޭނުން ކުރުމުގައި އިހުމާލު ވުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހާދިސާ ހިނގި ގޭގެ ދެ ފްލޯގެ އެޕާޓްމެންޓްގައި 38 ބިދޭސީން އުޅެމުންދިޔައިރު ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މިއީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ.

comment ކޮމެންޓް