ވޯލްޑް ކަޕުގެ މެޗުތައް ކުޅޭނެ ޗާލު ދަނޑުތައް

ދުނިޔޭގައި އެންމެ ގިނަބަޔަކު އެ ކުޅިވަރަކަށް ޝައުގުވެރިވާ ފުޓުބޯޅައިގެ އެންމެ ހައިބަތުބޮޑު ޝަރަފުވެރި މުބާރާތް، ފީފާ ވޯލްޑް ކަޕުގެ 22 ވަނަ އެޑިޝަން ގަތަރުގައި ބާއްވާއިރު، މި މުބާރާތަށް އެގައުމުން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

އެތައް ބިލިއަން ޑޮލަރަކާއި، އެތައް ބައެއްގެ މިންނެތް މަސައްކަތުން ވޯލްޑް ކަޕް ފެށެން އެއް ދުވަހަށްވެފައިވާއިރު، މުބާރާތަށް އެގައުމުން ވެފައިވާ ތައްޔާރީތައް ފުރިހަމަކަން ފެނިގެންދެއެވެ.

ވޯލްޑް ކަޕުގެ ދިގު ތާރީހުގައިވެސް މިހާތަނަށް އަރަބި ގައުމެއްގައި މުބާރާތް ބާއްވާފައިނުވާއިރު މިއީ އާބާދީގައި، މުސްލިމުން ގިނަ ޤަައުމެއްގައި މި މުބާރާތް ކުޅޭނެ ފުރަތަމަ ފަހަރުވެސްމެއެވެ.

މި މުބާރާތް ވެގެންދާނީ އޭޝިއާ ބައްރުގައި މުޅި މުބާރާތް ބާއްވާނެ ދެވަނަ ފަހަރަށެވެ. މީގެކުރިން 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ޖަޕާނާއި ސައުތް ކޮރެއާއިން ވަނީ ގުޅިގެން ބާއްވާފައެވެ.

މުބާރާތް ބޭއްވުމަށް ގަތަރުން ވަނީ ރީތި ހިތްގައިމު ދަނޑުތަކެއް އިމާރާތްކޮށްފައެވެ. އަދި ދަނޑުތައް ހުންނާނެ ގޮތާއި ދަނޑުތަކުގައި ކުޅޭނީ ކޮން މެޗުތަކެއްކަންވެސް ކަނޑައަޅާ ދައްކާލާފައެވެ.

ޙަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް

ކެޕޭސިޓީ: 45،416

އަލުން ހުޅުވި ތާރީހް: 19 މެއި 2017

ގަތަރުގެ ވެރިރަށް ދޯހާގައި 1976 ވަނަ އަހަރު ހުޅުވި ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމަކީ ތާރީޙީ ސްޓޭޑިއަމްއެކެވެ. ވޯލްޑް ކަޕަށް އައު ސްޓޭޑިއަމްތައް އިމާރާތްކުރުމާއި ހަމައަށް މި ސްޓޭޑިއަމަކީ ގަތަރުގައި ހުރި އެންމެ ބޮޑު ސްޓޭޑިއަމަކީ މިއީއެވެ. ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މި ސްޓޭޑިއަމް މަރާމާތުކޮށް އަލުން ހުޅުވާލައިފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހުގައެވެ.

45،416 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްގައި އަށް މެޗެއް ކުޅޭނެއެވެ. އޭގެ ތެރޭގައި މުބާރާތުގެ ތިންވަނަ ހޮވާ މެޗުވެސް ހިމެނެއެވެ.

މި ސްޓޭޑިއަމްގައި އޭޝިއަން ގޭމްސް، ގަލްފް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ފަދަ ބައިނަލްއަގްވާމީ ބޮޑެތި އިވެންޓްތަކާއި މެޗުތައް ވަނީ ހޯސްޓްކޮށްފައެވެ.

އެޑިއުކޭޝަނަލް ސްޓޭޑިއަމް ސިޓީ

ކެޕޭސިޓީ: 45,350

ހުޅުވި ތާރީހް: 15 ޖޫން 2020

ގަތަރުގެ އަލް ރައްޔާނުގައި 45،350 މީހުންނަށް ވަދެވޭ ގޮތަށް ހަދާފައިވާ އެޑިއުކޭޝަނަލް ސްޓޭޑިއަމް ހުޅުވާފައިވަނީ 2020 ވަނަ އަހަރު ޑިޖިޓަލް ހަފްލާއަކުންނެވެ.

ފީފާ އަރަބް ކަޕް 2021 އަދި ފީފާ ވޯލްޑް ކަފް 2020ގެ ބައެއް މެޗްތައް މި ސްޓޭޑިއަމްގައި ކުޅެފައިވެއެވެ. މީގެ އިތުރުން މި ސްޓޭޑިއަމްގައި ޖުމްލަ އަށް މެޗު ކުޅޭނެއެވެ.

އަލް ތައުމާމާ ސްޓޭޑިއަމް

ކެޕޭސިޓީ: 400000

ހުޅުވި ތާރީހް: 22 އޮކްޓޯބަރު 2021

2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ގަތަރުގެ އަލް ތައުމާމާގައި ބިނާކުރެވުނު އަލް ތައުމާމާ ސްޓޭޑިއަމް އަކީ 40،000 މީހުންނަށް ވަދެވޭ ގޮތަށް ހަދާފައިވާ ސްޓޭޑިއަމް އެކެވެ. މި ސްޓޭޑިއަމްގައި ފީފާ ވޯލްޑް ކަޕްގެ 8 މެޗެއް ކުޅެން ވަނީ ހަމަޖެހިފައެވެ.

އަލް ތައުމާމާ ސްޓޭޑިއަމް ހާއްސަވެގެންދާ އެއް ސަބަބަކީ އެ ސްޓޭޑިއަމްގައި މުބާރާތް ހުޅުވާ ރަސްމިއްޔާތު ކުރިއަށް ގެންދާތިއެވެ.

އާކިޓެކްޓް އިބްރާހީމް ޖައިދާގެ ކުރެހުމަކަށް ބޮލުގައި އަޅާ "ގާފިޔާ" ސިފަވާގޮތަށް އަޅާ މި ސްޓޭޑިއަމްގެ މަސައްކަތް ކުރިޔަށްދާއިރު މިއީ ގަތަރުގެ ތާރީހާއި، ސަގާފަތާއި، އިސްލާމްދީން ރަމްޒުކޮށްދޭ ގޮތަށް ތައްޔާރުކުރާ ސްޓޭޑިއަމެއް ކަމަށް ގަތަރު ފުޓުބޯޅަ އިދާރާއިން މައުލޫމާތުދެއެވެ.

ސްޓޭޑިއަމް 974

ކެޕޭސިޓީ: 40,000

ހުޅުވި ތާރީހް: 20 ނޮވެންބަރު 2021

40،000 މީހުންގެ ކެޕޭސިޓީއެއް ހުންނަ ސްޓޭޑިއަމް 974 ހުޅުވާފައިވަނީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. މި ސްޓޭޑިއަމް ފަރުމާކޮށްފައި ވަނީ ފެންވިކް އިރިބަރެންއެވެ.

ޝިޕިން ކޮންޓެއިނަރުތަކުން ފަރުމާ ކޮށްފައިވާ މި ސްޓޭޑިއަމްގައި ފީފާ ވޯލްޑް ކަޕްގެ 7 މެޗެއް ކުޅެން ވަނީ ހަމަޖެހިފައެވެ. މީގެއިތުރުންވެސް 2021 ވަނަ އަހަރު ފީފާ އަރަބް ކަޕްގެ ބައެއް މެޗްތައް މި ސްޓޭޑިއަމްގައި ކުޅެފައިވާކަން ފާހަގަކޮށްލެވެއެވެ.

އަލް ޖަނޫބް ސްޓޭޑިއަމް

ކެޕޭސިޓީ: 40000

ހުޅުވި ތާރީހް: 16 މޭ 2019

ގަތަރުގެ އަލް ވަކްރާގައި ހުންނަ އަލް ޖަނޫބް ސްޓޭޑިއަމް ރަސްމީކޮށް އިފްތިތާހް ކުރީ 2019 ވަނަ އަހަރު ބޭއްވި އާމިރު ކަޕްގެ ފައިނަލް މެޗްގެ ކުރިންނެވެ. 40،000 މީހުންގެ ޖާގަ އޮންނަ މި ސްޓޭޑިއަމް ފަރުމާކޮށްފައިވަނީ އިރާގު އަދި އިނގެރޭސި ވިލާތަށް ނިސްބަތްވާ މަޝްހޫރު އާކިޓެކްޓް ޒަހާ ހަޑިޑްއެވެ.

މި ސްޓޭޑިއަމްގެ ފަރުމާކޮށްފައިވަނީ އެ ސަރަހައްދުގައި ދުއްވާ ބޯޓުގެ ރިޔާތަށް އަސްލަކަށް ބަލައިގެންނެވެ. މީގެއިތުރުން ސްޓޭޑިއަމްގެ ފުރާޅު ފަރުމާކޮށްފައިވަނީ އަލް ވަކްރާޙްގެ ކަނޑުދަރުކުރުމުގެ ތާރިޙަށް އަލިއަޅުވާލައިގެންނެވެ. މި ދަނޑުގައި މި އަހަރުގެ ވޯލްޑް ކަޕްގެ 7 މެޗެއް ކުޅެން ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި ރައުންޑް އޮފް 16 ގެ މެޗުތައްވެސް ހިމެނެއެވެ.

އަޙްމަދު ބިން އަލީ ސްޓޭޑިއަމް

ކެޕޭސިޓީ: 40000

ހުޅުވި ތާރީހް: 18 ޑިސެންބަރު 2020

ގަތަރުގެ އަލް ރަޔާން ސީޓީގައި ހުންނަ އަޙްމަދު ބިން އަލީ ސްޓޭޑިއަމް އެންމެ ފުރަތަމަ ބިނާކުރީ 2003 ވަނަ އަހަރުއެވެ.

ނަމަވެސް މި އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރު ވުމުގެގޮތުން 2016 ވަނަ އަހަރު މި ސްޓޭޑިއަމް އަލުން މަރާމާތުކޮށް ގަތަރުގެ ޤައުމީ ދުވަހުގައި އަލުން ހުޅުވިއެވެ.

40،000 މީހުން ވަނުމުގެ ޖާގަ އޮންނަ މި ސްޓޭޑިއަމަށް ނަން ދީފައިވަނީ ގަތަރުގެ އަމީރު އަހްމަދު ބިން އަލީ އަލް ޘާނީގެ ނަމުންނެވެ. ވޯލްޑް ކަޕްގެ ހަތް މެޗެއް މި ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ 6 މެޗެއް ހިމެނެއެވެ.

އަލް ބަޔަތު ސްޓޭޑިއަމް

ކެޕޭސިޓީ: 60000

ހުޅުވި ތާރީހް: 30 ނޮވެންބަރު 2021

60،000 މީހުންގެ ޖާގަ އޮންނަ މި ސްޓޭޑިއަމަކީ އަރަބި ކަޕްގައި ކުޅުނު އެންމެ ބޮޑު އެއް ސްޓޭޑިއަމްއެވެ.

މި ސްޓޭޑިއަމަކީ ވޯލްޑް ކަޕަށްޓަކައި އަލުން މަރާމާތު ކުރި ސްޓޭޑިއަމްތަކުގެ ތެރޭގައި ހިމެނޭ ސްޓޭޑިއަމެކެވެ. އަލް ބަޔަތު ސްޓޭޑިއަމް ފަރުމާކޮށްދީފައިވަނީ ދާރުލް ހަންދާސްއެވެ.

ޓެންޓެއްގެ ސިފައިގައި ފަރުމާކުރެވިފައިވާ މި ސްޓޭޑިއަމްގައި ހަތަރު ސްޓޭންޑް ހުރެއެވެ. އޭގެތެރެއިން ކޮންމެ ސްޓޭންޑެއްގެ ބޭރު ފާރުތަކާއި ފުރާޅުތަށް ފަރުމާކޮށްފައިވަނީ ޕޮލިޓެޓްރާފްލޮރޯތެލީން (ޕީޓީއެފްއީ) އިންނެވެ.

މި ސްޓޭޑިއަމް ހާއްސަވެގެންދާ އެއް ސަބަބަކީ ވޯލްޑް ކަޕްގެ ނުވަ މެޗެއް މި ސްޓޭޑިއަމްގައި ކުޅޭތީއެވެ. އޭގެ ތެރޭގައި ކުއާޓާ ފައިނަލްގެ މެޗަކާއި ސެމީ ފައިނަލްގެ މެޗެއް ހިމެނެއެވެ.

ލުސައިލް ސްޓޭޑިއަމް

ކެޕޭސިޓީ: 80،000

ހުޅުވި ތާރީހް: އޭޕްރިލް 2021

އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން، އެންމެ އަގުބޮޑުކޮށް އިމާރާތްކުރާ މި ސްޓޭޑިއަމަކީ މުބާރާތުގެ އެންމެ މުހިންމު މެޗު ކުޅޭނެ ތަނެވެ.

އަރަބިންގެ ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ތައްޔާރުކުރާ މި ތަނަކީ މުބާރާތައް ތައްޔާރުކުރާ އެންމެ ބޮޑު ސްޓޭޑިއަމެވެ.

މި ސްޓޭޑިއަމާއި ހަ ބުރިޖަކުން ގުޅުވާފައިވާއިރު، ކާރު ޕާކު ކުރާނެ ސަރަހައްދެއްގެ އިތުރުން ސްޓޭޭޑިއަމް ވަށައިގެން ރީތި ފެންގަނޑެއްވެސް އޮންނާނެއެވެ. ޖުމްލަ 80،000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްގައި މުބާރާތުގެ ފައިނަލް މެޗުގެ އިތުރުން ގްރޫޕް ސްޓޭޖުގެ ފަސް މެޗާއި ގަދަ ސޯޅައިގެ އެއް މެޗު، ކުއާޓާ ފައިނަލުގެ އެއް މެޗު އަދި ސެމީފައިނަލުގެ އެއް މެޗުވެސް ކުޅޭނެއެވެ.

comment ކޮމެންޓް