އަނިޔާގެ ބިރު ކުޑަކުރުމަށް މެސީއަށް ހާއްސަ ފަރިތަކުރުންތަކެއް

އާދިއްތަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕުގެ ކުރިން، އާކެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް އަނިޔާވެ، ކުޅުމާއި ދުރަށްދާން ޖެހުމުގެ ބިރު ކުޑަކުރުމުގެ ގޮތުން އޭނާއަށް ހާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ގަތަރުގައި އާޖެންޓީނާއިން ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގައި، ފަރިތަކުރުންތައް ފެށިއިރު މުޅި ޓީމާއިއެކު މެސީ ބައިވެރިވެފައެއް ނުވެއެވެ.

މި ފަރިތަކުރުންތަކުގައި މެސީ ދެކިލުމަށް، ނުވަތަ އޭނާއާއި ގުޅޭ ޚަބަރުތައް ރިޕޯޓުކުރުމަށް 100 އަށްވުރެ ގިނަ ނޫސްވެރިން ދިޔަކަމަށްވެއެވެ.

އެހެންނަމަވެސް ޓްރެއިނިންގ ގްރައުންޑު ދޫކޮށް ނޫސްވެރިން ދިއުމާއި ހަމައަށް ފަރިތަކުރުންތަކުގައި މެސީ ބައިވެރިވެފައެއް ނުވެއެވެ.

އާޖެންޓީނާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މެސީ ފަރިތަކުރުންތައް ފެށީ ޓީމާއި ވަކިން، ޖިމުގައެވެ. އަދި ޓްރެއިނިންގ ގްރައުންޑުން ނޫސްވެރިން ދިޔަފަހުން މެސީ ވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ޓީމާއިއެކު ބައިވެރިވެފައެވެ.

މިމަހުގެ 16 ވަނަ ދުވަހު އާޖެންޓީނާއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި މެސީއަށް މައްސަލައެއް ދިމާވިތަން ފެނުމުން މެސީގެ ފިޓްނަސްއާ މެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.

ހާއްސަކޮށް މިއީ މެސީގެ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑުކަމުން، އަދި މެސީއަށް މިހާތަނަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައި ނުވުމުން، މިފަހަރުގެ ވޯލްޑް ކަޕުގައި މެސީގެ އެންމެ ފުރިހަމަ ކުޅުން ނުފެނިދާނެފަދަ ކަމެއް ނުވަތަ މުބާރާތުގައި ނުކުޅެވޭވަރުގެ އަނިޔާގެ މައްސަލައެއް ކުރިމަތިވެދާނެތީ އާޖެންޓީނާގެ ގައުމީ ޓީމުން އެކަމަށް ހާއްސަ ސަމާލުކަމެއް ދެއެވެ.

މެސީ އަކީ އާޖެންޓީނާ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. ބައިނަލްއަގްވާމީ ފުޓުބޯޅައިގައި މިހާތަނަށް މެސީއަށް އާޖެންޓީނާ އާއިއެކު ހޯދުނު ބޮޑު ކާމިޔާބީ އަކީ ކޮޕާ އެމެރިކާ ކާމިޔާބު ކުރުމެވެ. މެސީ ވަނީ އާޖެންޓީނާ އާއިއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ރަނަރަޕް ކަން ހޯދާފައެވެ.

comment ކޮމެންޓް