ވަޓްސްއެޕްއިން ވީޑިއޯ ރެކޯޑް ކުރެވޭނެ ފަސޭހަ ގޮތެއް ތައާރަފުކުރަނީ

ވަޓްސްއެޕް --

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ މެސެޖިން ޕްރޮގްރާމަކީ ވަޓްސްއެޕް ކަމަށް ތަފާސްހިސާބުތަކުން ދައްކާ ނަމަވެސް އެ އެޕްލެޓްފޯމްގައި ވީޑިއޯ ރެކޯޑް ކުރުމަށް ވަކިން ފީޗާއެއް ނުހުރެއެވެ. ނަމަވެސް ވަޓްސްއެޕްއިން މިހާރު ދަނީ އެފަދަ ފީޗާއެއް ޓެސްޓު ކުރަމުންނެވެ.

ވަޓްސްއެޕްގެ މައުލޫމާތުތައް ގެނެސްދިނުމަށް ޚާއްޞަ 'ޑަބްލިޔުއޭބީޓާއިންފޯ'އިން އެންމެ ފަހުން ހާމަކުރި މައުލޫމާތަށް ބަލާއިރު، ވަޓްސްއެޕްއިން މިހާރު ދަނީ އެ އެޕްގައި ވީޑިއޯ ރެކޯޑް ކުރުމަށް ޚާއްސަ މޯޑެއް ގާއިމުކުރުމަށް އެފަދަ ފީޗާއެއް ޓެސްޓު ކުރަމުންނެވެ.

މިހާރު ވަޓްސްއެޕްއިން ވީޑިއޯއެއް ރެކޯޑް ކުރެވެނީ 'ކެމެރާ އައިކަން'އަށް ފިތުމަށް ފަހު، ފޮޓޯ ނަގަން ފިއްތާ ބަޓަންއަށް، ވީޑިއޯ ނަގާ ނިމެންދެން ފިއްތައިގެން ހުރުމުންނެވެ. ނަމަވެސް އެގޮތަށް ވީޑިއޯ ރެކޯޑް ކުރާއިރު އެއް އަތުން އިތުރު ހަރަކާތެއް ނުކުރެވި ހުރުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ.

އެހެންކަމުން ވަޓްސްއެޕްއިން މިހާރު މަސައްކަތް ކުރަމުން ދަނީ ފޯނުގައި ހުންނަ ކެމެރާ އެޕުން ވީޑިއޯ ނަގާ ގޮތާ އެއްގޮތަށް، ވަޓްސްއެޕްއިން ވެސް ވީޑިއޯ ރެކޯޑް ކުރެވޭ ގޮތް ހަދަން ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މި އާ ވީޑިއޯ މޯޑުގެ ސަބަބުން ވީޑިއޯއެއް ނަގަން ބަޓަންގައި އިނގިލި ޖައްސައިގެން ހުންނާކަށް ނުޖެހޭނެއެވެ. ވީޑިއޯއެއް ނަގަން ފެށުމަށްޓަކައި ޝަޓާ ބަޓަންއަށް އެއް ފަހަރު ފިތާލުމުން އެ ނިމުނީއެވެ. އަނެއްކާވެސް އެއް ފަހަރު ފިތާލުމުން ވީޑިއޯ ރެކޯޑިން ނިންމާލެވޭނެއެވެ.

އެހެންކަމުން ވީޑިއޯ ރެކޯޑް ކުރަން ފޯނު ދުރުގައި ބެހެއްޓޭނެއެވެ. އަދި ވީޑިއޯއެއް ރެކޯޑް ކުރަމުން ދަނިކޮށް، ފޯނުގެ ކުރިމަތީގައި ހުންނަ ކެމެރާއަށް ނުވަތަ ފަހަތުގައި ހުންނަ ކެމެރާއަށް ބަދަލު ކުރެވޭނެއެވެ.

ވަޓްސްއެޕްއިން އަދިވެސް މި ފީޗާ ޓެސްޓު ކުރަމުންދާތީ އަދި ގިނަ ބަޔަކަށް މި ފީޗާ ނުފެނިދާނެއެވެ. ނަމަވެސް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެންމެންނަށް ވެސް އެ ފީޗާ ބޭނުންކުރެވޭ ވަރު ވެދާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ވަޓްސްއެޕްގެ ވީޑިއޯ ރެކޯޑިން ފީޗާގެ އިތުރުން، ކޮމިއުނިޓީ ޓެބްއާއި، 32 މީހުން ހިމަނައިގެން ވީޑިއޯ ކޯލް ކުރެވުމާއި އެއް ގްރޫޕަކަށް 1024 މީހުން އިތުރު ކުރެވޭ ފަދަ ފީޗާތައް އެ ކުންފުނިން އަދި އިތުރުކުރާނެއެވެ.

comment ކޮމެންޓް