ވޯލްޑްކަޕްގެ ނަލަ ތަށީގެ ޝައުގުވެރި ވާހަކަތަކެއް

ވޯލްޑްކަޕްގެ ތަށި---

ދުނިޔޭގެ ކުޅިވަރުގައިދޭ އެންމެ މަޝްހޫރު އަދި އެންމެ ޝަރަފުވެރި އިނާމަކީ، ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތް ނުވަތަ ފީފާ ވޯލްޑް ކަޕްގެ ތަށި ކަމުގައި ބުނެވިދާނެއެވެ.

ވޯލްޑް ކަޕްގެ ތަށްޓަކީ ޝައުގުވެރި ތާރީހެއްވެސް އޮތް އެއްޗެކެވެ. އެ ތާރީހު، 1930 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ވޯލްޑްކަޕާ އެކު ވަނީ ފެށިފައެވެ.

ވޯލްޑްކަޕްގެ ފުރަތަމަ ތަށި

ވޯލްޑްކަޕްގެ ތަށްޓަށް ފުރަތަމަ ދެވުނު ނަމަކީ "ވިކްޓްރީ" އެވެ. ފުރަތަމަ ތިން ވޯލްޑް ކަޕް ބޭއްވިފަހުން، 1946 ވަނަ އަހަރުގެ ތެރޭގައި ފީފާއިން ތަށީގެ ނަން "ޖޫލްސް ރީމޭ ޓްރޮފީ" އަށް ބަދަލު ކުރިއެވެ.

ޖޫލްސް ރީމޭ އަކީ ފީފާގެ ރައީސެއްގެ ގޮތުގައި ހުރެ، ވޯރލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ޚިޔާލު ހުށައަޅައި މުބާރާތް ފެށުމުގެ އެންމެ މުހިއްމު މަސައްކަތްތައް ކުރި، ވޯލްޑް ކަޕްގެ ބާނީގެ ނަމެވެ.

ޖޫލްސް ރީމޭ ޓްރޮފީ --- ފޮޓޯ/ ގެޓީ އިމޭޖްސް

އެންމެފުރަތަމަ ވޯލްޑްކަޕަށް 1930 ވަނަ އަހަރު، މުބާރާތުގެ ތަށި އެންމެ ފުރަތަމަ ފަހަރަށް ފަރުމާ ކުރީ ފަރަންސޭސި ތިމްސާލުވެރިއެއް ކަމުގައިވާ އެއިބެލް ލެފްލިޔާއެވެ.

އެ ތަށީގެ ދިގުމިނަކީ 14 އިންޗިއެވެ. ބަރުދަނުގައި ހުންނަނީ 3.8 ކިލޯގުރާމެވެ. ތަށި ހަދާފައި ވަނީ ސްޓާލިން ރިހީގައި ރަން ޕްލޭޓު އަޅައިގެންނެވެ. ތަށީގެ ބުޑު ހެދީ ލާޒަވަރުދު ހިލައިންނެވެ.

ތަށި މިލްކު ކުރުން

ވޯލްޑް ކަޕްގެ ޕްލޭންތައް އެކަށައެޅުނު އިރު، ކަނޑައަޅާފައި އޮތީ، މުބާރާތް ކާމިޔާބު ކުރާ ޓީމަކަށް ތަށި ދިނުމުގެ ރަސްމިއްޔާތެއް ބޭއްވުމަށްފަހު، ރަސްމިއްޔާތު ނިމުމުން ތަށި އަނބުރާ ހޯދައި ފީފާގެ ބެލުމުގެ ދަށުގައި ތަށި ބެހެއްޓުމަށެވެ.

ތިން ފަހަރު އެއް ޓީމެއް ތަށި ކާމިޔާބު ކޮށްފިނަމަ، އެ ޓީމަކަށް ތަށި ދާއިމީކޮށް ދިނުމަށެވެ. އެގޮތުގެ މަތީން، ފުރަތަމަ ފަހަރަށް ތިން މުބާރާތް ކާމިޔާބު ކޮށްގެން ވޯލްޑްކަޕް ތަށި މިލްކު ކުރި ޓީމަކީ ބްރެޒިލެވެ. އެއީ 1970 ވަނަ އަހަރުއެވެ.

1970 ވަނަ އަހަރުގެ ވޯލްޑްކަޕް ތަށި ބްރެޒިލްގެ ޕެލޭ އުފުލާލަނީ ---

ނަވާރަ ސަތޭކަ ތިރީސް ނުވަވަނަ އަހަރު ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ފެށި، އެ ހަނގުރާމަ މުޅި ޔޫރަޕަށް ފެތުރިގެން ދިޔުމުން، ފީފާގެ ނާއިބު ރައީސްކަމުގައި އަދި އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސްގެ ގޮތުގައި ހުރި އޮޓޮރީނޯ ބަރާސީ ގަސްތު ކުރީ ޖަރުމަނުގެ ނާޒީންގެ އަތްދަށަށް ތަށި ދިޔަނުދީ ރައްކާ ކުރުމަށެވެ.

އެގޮތުން މި މަސައްކަތުގައި އޮޓޮރީނޯ ވަނީ، ބާ ބޫޓުފޮށްޓަކަށް ތަށި ލައި، އެ ފޮށި އޭނާ ނިދާ އެނދު ތަންދޮށުގައި ބަހައްޓާފައެވެ. ހަނގުރާމަ ނިމޭންދެން ތަށި ރައްކައުތެރި ކޮށްފައި އޮތީ އެގޮތުގައެވެ.

ތަށި ވަގަށް ނެގުން

ދެ ފަހަރެއްގެ މަތީން ދުނިޔޭގެ އެންމެ ގަދަރުވެރި ތަށި ވަގަށް ނަގައިފައި ވެސް ވެއެވެ. ފުރަތަމަ ފަހަރު ތަށި ވަގަށް ނެގީ 1966 ވަނަ އަހަރު އިނގިރޭސި ވިލާތުގައި އޮތް ވޯލްޑް ކަޕްގެ ދުވަސްކޮޅެއް ކުރިން، އެއަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހުއެވެ.

ތަށި ވަގަށް ނެގީ ލަންޑަނުގެ ވެސްޓްމިންސްޓާ ސެންޓްރަލް ހޯލުގައި އާއްމުކޮށް ދައްކައިލުމަށް ބަހައްޓައިފައި ހުއްޓައެވެ. އޭގެ ހަފުތާއެއް ފަހުން ތަށި ފެނުނީ ބައު ނޫސް ކަރުދާސްގަނޑެއް ތަށީގެ ވަށައިގެން އޮޅައިފައި، ދެކުނު ލަންޑަނުގެ މަގެއްގައި ހުރި ގަސްބޮނޑިތަކެއްގެ ތެރޭގައި ބާއްވައިފައި އޮއްވައެވެ.

އެތަނުން ތަށި ފެނިގެން ތުނބުލައިގެން ހިފައިގެން ނުކުތީ ޑޭވިޑް ކޯބެޓް ނަމަކަށް ކިޔާ މީހެއްގެ ކުއްތާއެވެ. އެ ކުއްތާގެ ނަމަކީ "ޕިކްލްސް" އެވެ. މިއީ ދުނިޔޭގެ ތާރީހުގައި އެންމެ މަޝްހޫރު އެއް ކުއްތާ ކަމުގައި ބެލެވިދާނެއެވެ. ތަށި ފެނުމުން، އިނާމެއްގެ ގޮތުގައި ޑޭވިޑް ކޯބެޓަށް 3000 އިނގިރޭސި ޕައުންޑު ދެވުނެވެ.

ޑޭވިޑް ކޯބެޓް އަދި އޭނާގެ ކުއްޓާ ޕިކެލްސް ----

ދެވަނަ ފަހަރަށް ޖޫލްސް ރީމޭ ތަށި ވަގަށް ނަގައިފައި ވަނީ، 1970 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ބްރެޒިލަށް ތަށި މިލްކު ވެގެން، ބްރެޒިލުގައި ހުއްޓައެވެ.

ބްރެޒިލްގެ ވެރިރަށް ރިއޯ ޑި ޖެނީރޯގައި ހުންނަ ބްރެޒިލުގެ ފުޓުބޯޅަ ފެޑެރޭޝަނުގެ މައި މަރުކަޒުގެ މައުރަޒު މާލަމުގައި، ވަޒަން ނާރާ ޒާތުގެ ބިއްލޫރި ފޮށްޓެއްގައި ބަހައްޓައިފައި ހުއްޓައި ވަގުން ތަށި ގެންދިޔައީއެވެ.

ތަށި ވަގަށް ނެގިކަމުގެ ކުށުގައި ހަތަރު މީހެއްގެ މައްޗަށް ބްރެޒިލުގެ ކޯޓެއްގައި ޝަރީއަތް ކުރެވި، އެމީހުން ޖަލަށްވެސް ލިއެވެ. ނަމަވެސް ތަށި ފެންނަ ގޮތެއް ނުވިއެވެ. ދިރާސާވެރީން ދެކޭ ގޮތުގައި ތަށި ވަނީ އޭގައި ހުރި ރަނާއި ރިހީގެ ބޭނުމުގައި ވިރުވާލާފައެވެ.

މިހެންވުމުން، 1984 ގައި ބްރެޒިލުގެ ފުޓުބޯޅަ ފެޑެރޭޝަނުގެ އިސްނެގުމަށް 1984 ވަނަ އަހަރު ޖޫލްސް ރީމޭ ތަށީގެ ނަކަލެއް ތައްޔާރު ކުރެވުނެވެ. ބްރެޒިލުގައި މިހާރު ހުރީ އެ ނަކަލެވެ.

އަލުން ތަށި ފަރުމާކުރުން

1970 ގެ އަހަރުތައް ފެށުމަށް ފަހު، އައު ފަރުމާއަކަށް ވޯލްޑްކަޕްގެ ތަށި ހެދުމަށް ފީފާއިން ގަސްދުކުރިއެވެ. މި މަސައްކަތުގައި، ހަތް ގައުމެއްގެ ފަންސާސް ތިން ތަމްސާލުވެރީންގެ ފަރުމާތައް ބަލާފައިވެއެވެ. އޭގެތެރެއިން އިހްތިޔާރު ކުރެވުނު ފަރުމާ އަކީ އިޓަލީގެ ފަންނުވެރިޔާ ސިލްވިއޯ ގެޒަނިގާގެ ފަރުމާއެވެ.

އެ ފަރުމާއަށް ތަށި ތައްޔާރު ކުރީ އިޓަލީގެ މިލާނުގެ ކުންފުންޏެއް ކަމުގައިވާ ބެރްތޯނީ މިލާނޯއިންނެވެ. އެއީ މެޑެއްޔާއި އިނާމު ތަށި އުފެއްދުމުގައި ތަޖުރިބާކާރު އަދި މަޝްހޫރު ކުންފުންޏެކެވެ.

މިއަދާ ހަމަޔަށްވެސް ވޯލްޑްކަޕް މުބާރާތް ކާމިޔާބުކުރާ ޓީމަށްދޭ ތަށްޓަކީ ގެޒަނިގާގެ ފަރުމާއަށް ބެރްތޯނީން ހެދި ތަށްޓެވެ. އޭގެ ދިގުމިނުގައި ހުންނަނީ 14.4 އިންޗިއެވެ.

މިހާރު ބޭނުންކުރަމުންދާ ވޯލްޑްކަޕްގެ ތަށި --- ފޮޓޯ/ ގެޓީ އިމޭޖްސް

ތަށި ހަދައިފައި ހުންނަނީ 6.175 ކިލޯގުރާމުގެ ބަރުދަނުގައި، 18 ކެރެޓު ރަނުންނެވެ. އެތެރެ އޮންނަނީ ހޮއިކޮށެވެ. ބުޑުގައި މާލާކީތު ހިލައިގެ ދެ ފަށް ހުރެއެވެ. ބުޑުގެ ޑައިމީޓަރަކީ 13 ސެންޓިމީޓަރެވެ.

2018 ވަނަ އަހަރުގެ އަގުން ނަމަ، ތަށީގެ އަގަކީ ގާތްގަނޑަކަށް 160،000 ޔޫއެސް ޑޮލަރެވެ. ބުޑުގައި "ފީފާ ވޯލްޑް ކަޕް" މިހެން ލިޔެފައި އޮވެއެވެ. ކޮންމެ މުބާރާތަކަށްފަހު، ތަށީގެ ބުޑުގައި އެ އަހަރަކު މުބާރާތް ކާމިޔާބު ކުރި ޓީމެއްގެ ނަންވެސް ކަނޑައިނަގައިގެން ލިޔެއެވެ.

ފީފާގެ ފަހުގެ ޤަވާއިދު ބުނާގޮތުން، ވޯލްޑް ކަޕް ތަށި ދާއިމީ ސިފައެއްގައި އެއްވެސް ޓީމަކަށް ނުދޭނެއެވެ. މުބާރާތުގެ ފައިނަލަށް ފަހު، މުބާރާތް ކާމިޔާބު ކުރާ ޓީމަކަށް އަސްލު ތަށި ރަސްމިއްޔާތުގައި ހަވާލު ކުރިޔަސް، ފަހުން ފީފާއިން ތަށި އަތުލައެވެ. އަދި ދާއިމީ ސިފައެއްގައި ދޭނީ ލޮއިން ހަދައި ރަން ޕްލޭޓް ކޮށްފައި ހުންނަ ނަކަލެކެވެ. އަސްލު ތަށި ހުންނާނީ ފީފާގެ މައި މަރުކަޒުގައެވެ.

comment ކޮމެންޓް