"މަދު ދުވަސްކޮޅެއްގެ އުފަލާއި އަރާމަށްޓަކާ ހެއްލި އާޚިރަތުގެ ބާއްޖަވެރިކަން ނަގާނުލާށެވެ.
***
"މަންމާ. ދޮންބެވެސް ދުވަސްކޮޅަކުން ޖިހާދަށް ސީރިޔާއަށް ފުރި ޚަބަރުލިބޭނީ. ކޮންމެވެސް ބަޔަކު ދޮންބެގެ ސިކުނޑި ދޮވެލައިފި. މިއުޒިކް ހުއްޓުވަން ކަން ނޭގޭ އުޅެނީ....." ހުސާމް ރިމޯޓް ސޯފާމައްޗަށް އެއްލާލާފައި ތެދުވުނެވެ. އޭނަގެ ހުރިހާ ދަރިން ނަފްސާނީ މައްސަލަޖެހެނީ ބާވައޭ ޝުވޭކާރުގެހިތަށް އެރިއެވެ. އައްޔާޝްއާއި ވާހަކަދައްކައިލަން ހިނގައިގަތްތަނާ އައި ފޯނުކޯލަކުން އޭނަގެ ފައިދަށުން ބިންގަނޑު ކަނޑައިގެން ދިޔަފަދައިހުސާސެއް ކުރެވުނެވެ.
އޭނަގެ ހަނގު ދަރިފުޅު މާކް ގޭންގެއްގެ ބަޔަކާއިއެކު ބިލިއާޑް ކުޅެން ހުއްޓާ ފެނިގެން އެކުވެރިޔާ ވަގުތުން ގުޅީއެވެ.
މާކްގެ ފޯނަށް ގުޅާގުޅާ ފޯނު ނުނެގުމުން ޝުވޭކާރު ވަގުތުން ކާރުގައި ދަރިފުޅު ބަލާ ދިޔައިރު އެތަނުގައިވެސް ފެންނާކަށް ނެތެވެ. ސުވާލުކުރުމުން ބުނީ އެމީހުން އެތާ ތިބިކަމަށާއި އިރުކޮޅެއް ކުރިން ކާރުގައި ހިގައްޖެކަމަށެވެ.
ޝުވޭކާރު ސިޓިންރޫމްގެ ސޯފާއެއްގައި އިށީދެލައިގެން އިނދެ މަސައްކަތްކުރަމުން ދިޔައީ މާކްއަށް ގުޅުމަށެވެ. ބިރުވެރިކަމާއި ހިތްދަތިކަމާއި ހާސްކަމުގައި ހޭދަކުރި ކޮންމެ ސިކުންތެއްވެސް ގަރުނަކަށް ދެމިގެން ދިޔައެވެ. މައިމޫންގެ އަވަދިނެތް ތާވަލުގެ ތެރެއަށް އިތުރު ބޮލުރިހުމެއް އިތުރުނުކޮށް އަމިއްލައަށް މައްސަލަ ހައްލުކުރަން އޭނަ ނިންމިއެވެ. ގަޑިއެއްހާއިރު ފަހުން މާކް ފުޓްބޯޅަ ޖޯޒީގައި ހުރެ ގެއަށް ވަނެވެ. މޫނުމަތުން ފެންނަނީ ތާޒާކަމެވެ.
"ދަރިފުޅު. ކުޅެން ދިޔަތާ ކޮންއިރެއް؟ ކޮންތާކު ހުރެފައި ތިއައީ؟" ޝުވޭކާރު ކެތްތެރިކަން އިސްކުރިއެވެ. މާކް ސޯފާގައި އިށީދެ ބޫޓު ބާލަންފެށިއެވެ. އުމުރުން ތޭރައަހަރުވީއިރު އިސްކޮޅުން ދެމިލިޔަސް މޫނުމަތިން އަދިވެސް ފެންނަން ހުރީ މައުސޫމްކަމެވެ.
"މްމް....ޔެސް. އަޅުގަނޑު ކުޅެ ނިމިގެން ޖޭޑްމެންނާއެކު ކޮފީއަކަށް ދިޔައީ....."
"އަބަދު ޖޭޑްއެއްގެ ވާހަކަ ތިދައްކަނީ އެއީ ކާކު؟"
"ޕަބްޖީއިން ދިމާވި ފްރެންޑެއް..."
"މަންމަ ބުނަން ވާހަކައެއް؟ މިގެއިން ހުރިހާ ބާވަތެއްގެ ކޮފީއެއް ލިބޭނެ. ކޮންމެ ރެއަކު ކައިގެން އެންމެން މިގޭގައިވެސ ބިލިއާޑްއާއި ޗެސްކުޅޭ. އިތުރުތަނަކަށް ދަރިފުޅު ދިޔުމަކީ ރަށުތެރެއަށް ވާހަކަ އުފަންވާނެކަމެއް. ތިއީ ކޮންމެ ކޮންމެ މީހެއްގެ ދަރިއެއްނޫން..ނާއިބު ރައީސްގެ ދަރިއެއް. ކުރާ ކޮންމެ ކަމެއް ދެކޭ ލޯތައް ގިނަވާނެ. ފްރެންޑުން ގޮވައިގެން މިގެއަށް އަޔަސް މަންމައަށް އޯކޭ. އެކަމަކު ތަންތަނަށް ނުދައްޗޭ.ބައްޕައަށް އެނގިލައްވައިފިއްޔާ ވަރަށް ކަންބޮޑުވާނެ..." ޝުވޭކާރު ދަރިފުޅުގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނެވެ.
"އޯލްރައިޓް........."
"ކުޅެންދާންވާނީ ކާރުގައި ޑްރައިވަރާއެކު. ނިމުނީމަ ލަސްނުކޮށް ބަލާ ދާނެ.."
"ހޫމް..."މާކް ހިތްހަމަނުޖެހޭގޮތްވިޔަސް އެކަން ނުދައްކައެވެ.
މާކްދެކުނު ގޮތުން އޭނައަކީ ކުޑަކުއްޖެއް ނޫނެވެ. ބޮޑުވުމުން މަންމަމެން އެގޮތަށް ހާއްޔަށް ލައިގެން ގެއިން ނުކުތަނުދީ ހިފެހެއްޓުމުން އޭނަގެ އުފާތަކާއި މިނިވަންކަމަށް ހުރަސްއެޅޭޭނެއެވެ. ނާއިބު ރައީސްގެ ދަރިއަކަށް ވުމުން އެެހެން ކުދިންފަދައިން "ނޯމަލް" ދިރިއުޅުމެއްގެ ހައްގާއި އުފާވެރިކަން ނިގުޅައިގަނެގެން ނުވާނެއެވެ.ނަމަވެސް މަންމައަށް ވިސްނާދިނުން ފަސޭހަކަމަކަށް ނުވާނެކަން އެނގުމުން މާކް ވަގުތުން އެއްބަސްވީއެވެ.
"މާކް. މަންމައަށް ފީލްވޭ. މިހެން ބުނީމަ އަޕްސެޓްވެފައިކަން. އެކަމަކު ބޭބެމެންނާއިއެކު ޑައިވިންއަށްވެސް ފޮނުވަމެއްނު. މަސްބާނަންވެސް ދެވޭ. ކުޅެންވެސް ދެވޭނެ. އެކަމަކު މަންމައަށް ދަރިފުޅު އެކީ އުޅެނީ ކޮންބަޔަކާއިކަން އެނގެންވާނެ. މާކްއަށް ނުގުޅުނީމަ އެކީގައި ހުރި ކުއްޖަކަށްވެސް ގުޅެންވާނެ..."
"ފްރެންޑް ގްރޫޕަށް މަންމަ އެޑްކޮށްލަންވީ ދޯ..."މާކް ހިނިގަނޑެއްޖަހައިލިއެވެ.
"ގުޑް އައިޑިއާ..."ޝުވޭކާރު ހެއްލުނެވެ.
އިރުގަނޑެއްފަހުން ޝުވޭކާރު އޭނަގެ އެކުވެރި ޑޮކްޓަރަކަށް ގުޅައިގެން ޚިޔާލު ހޯދިއެވެ. އޭނަބުނީ އޭނަގެ ފިރިހެން ދަރިން އުޅޭގޮތްތައް ގާތުން ބަލާކަމުގައެވެ. އެކުދިންގެ އެކުވެރިންނަކީ އޭނަގެވެސް އެކުވެރިންނެވެ. ދައުވަތުދީގެން ގެއަށް ގެނެސް ކެއުންތަކުގައި ބައިވެރިކޮށް ދަރިންފަދައިން އެކުދިންނާއި ގުޅިގެން އުޅޭކަމުގައި ބުނެލުމުން ޝުވޭކާރު ހައިރާންވިއެވެ. އެބުނާހެން ޒަމާން ބަދަލުވެއްޖެއެވެ. މި މުޖުތަމައުތެރެއަށް މިނިވަންކަމާއެކު ދޫކޮށްލެވިއްޖެއްޔާ ދަރިފުޅު އަތްދަށުން ބީވެގެން ހިނގައިދާނެއެވެ. ޕާޓީ ޑްރަގްގެ ޝިކާރައަކަށް ވެއްޖެއްޔާ ސަލާމަތްކުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. ޝުވޭކާރު އޭނަގެ ހުރިހާ ދަރިންނާއިމެދު ވިސްނިއެވެ. އެއްވެސް ކުއްޖަކީ އެންމެ ފުރިހަމަކުއްޖަކަށް ނުވިޔަސް އޭނަ ބޭނުންވާފަދަ މަޝްހޫރު އަދި މީހުންނާއި ގުޅޭ ހުނަރުވެރި ކުއްޖަކަށްވެފައިވަނީ ހުސާމްއެވެ. އައްޔާޝްގެ ހަރުދަނާ ކަން މަޑުމަޑުން އެހެން ގޯޅިއެއް އަޅާތަން ފެންނާތީ އޭނަގެ ހިތަށް ޝައްކާއި ވަހުމްވަދެފައިވެއެވެ. އަޅުވެރިކުއްޖަކަށް ވުން މައްސަލައެއް ނޫނެވެ. ބިރަކީ ހައްދުފަހަނަޅާގޮސް ދާނެތީއެވެ.
***
ރަނާއި ރިހިކުލައިން ޖަރީކޮށްފައިވާ ކޮޓަރިއަކީ މެހުމާނުންނާއި ބައްދަލުކުރަން ޚާއްސަކޮށްފައިވާ ކޮޓަރިއެކެވެ. ވަށައިގެން ސޯފާ ސެޓްތައް ބަހައްޓާފައިވާ ތަނުގައި އަޅާފައިވާ ދޫލަ އެހާ ބޯވެފައި މަޑެވެ. ހަވީރު ފަހެއް ޖަހާ އެހާކަށްހާއިރު އެ ކޮޓަރީގައި މައިމޫންގެ ދެމަފިރިންނާއި ދޮށީ ދަރިފުޅު މަޝްވަރާކުރަން ތިއްބެވެ. މައުޟޫއަކަށްވީ ދީނެވެ.
"ދީނީ މީހުންނާއި އެކު ވަގުތު ހޭދަކޮށް ދީނީ އިލްމު އުގެނުމަކީ މައްސަލައެއްނޫން. އެކަމަކު ދަރިފުޅު ތިއުޅެނީ ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުންނާއެކީގައި. ޔޯގާއާއި މިއުޒިކް މަނާކޮށް ޑިމޮކްރެސީއަކީ ޝިރުކުކަމަށް ބުނެ އެންމެން ކާފަރުކުރާ ބަޔަކާއި އެކީގައި. އެމީހުންނަށް ވެކްސިން ކަމަކު ނުދޭ. ސްކޫލަށް ކުދިން ފޮނުވަން ދެކޮޅު. އެހެން އުޅުނީމަ މި މެދުމިނުގެ ސާދާ ދީނަށް އުޅެން އޮތް ފަސޭހަ މަގު ގެއްލި އާއިލީ ގުޅުން ކެނޑި މުޖުތަމައު ފަސާދަވަނީ. އަޔާ އެމީހުންނާއެކު އުޅޭތަން ފެނުނީ އެހެން މީހަކު ބުނެގެނެއްނޫން. ބައްޕަގެ ލޮލުން ދެކުނީ. އެ މިސްކިތަކީ ހަރުކަށި ފިކުރުގެ އައްޑާއަކަށް ހަދައިފި....."މައިމޫންގެ ވާހަކަތައް އަޑުއަހަން އައްޔާޝް މަޑުމައިތިރިކަމާއެކު އިނެވެ.
"ދަރިފުޅަށް އެނގޭތަ؟ މަންމަވެސް ދީނީ ކިތަންމެ ފޮތެއް ކިޔަވައިފިން. ކިތަންމެ އިލްމުވެރިންނެއްގެ ފޮތްތައް ކީފައި ހުންނާނީ. މިއުޅޭ ބައެއް އިލްމުވެރިން ގުރުއާނުގައި ނެތް ހުކުމްތައްވެސް ހިންގަން ފަށައިފި. ލައިކް ރަޖަމްކުރާ ވާހަކަ. މަންމަ އެކަމާއި ސީދާ ދެކޮޅު.ގުރުއާނުގައި ރަޖަމްކުރުމާއި ބެހޭގޮތުން އާޔަތެއް ނޯވޭ..............."ޝުވޭކާރުގެ ޚިޔާލު ހިއްސާކުރިއެވެ.
"ގުރުއާނުގެ ހުކުމާއެކު ހަދީސްއަށްވެސް އަމަލުކުރަން ޖެހޭ. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތަށްވެސް އުޅެން ޖެހޭ..."
"ހަރުކަށި ފިކުރު ހުއްޓުވަން ސަރުކާރުން މަސައްކަތްކުރާއިރު އަޔާ ތިއުޅެނީ އެކަމަށް ސަޕޯޓްދޭންތަ؟" މައިމޫން އެހިއެވެ.
"ހަރުކަށި ފިކުރުގެ މާނަ އޮޅިއްޖެ. މިސާލަކަށް ދީނުގައި މަނާކަންތައް ރަލާއި ފާހިޝް އަމަލުތަކާއި ރިބާބޭންކްފަދަ ކަންތައް. އެކަމާއި ދުރުވުމަކީ ހަރުކަށި ފިކުރު؟ ގުރުއާނާއި ސުންނަތަށް އުޅެން މަސައްކަތްކުރުމަކީ ހަރުކަށި ފިކުރު؟ އައިމް ޓްރައިން ޓު ލާން މައި ރިލިޖަން. މިހުރިހާ ދުވަހު ޖާހިލުކަން މަތީގައި ހުރެވުނީ. އެހެންވެ އިލްމު އުނގެނެން އެފަދަ ޝޭޚުންނާއިއެކު އުޅެވެނީ..." އައްޔާޝް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ.
"ފަޓުލޫނު ކުރުކޮށްލާފައި ޖުއްބާލައިގެން އެހެން މީހުން ކާފަރުކުރަން އުޅޭޭ މީހުންގެ ވާހަކަ މަންމަމެން މިދައްކަނީ. ދަރިފުޅު ފެނުނީ ޝޭޚު ގާނިމްއާއެކު ހުއްޓާ......އޭނަ ސަރުކާރާއި ދެކޮޅަށް މީހުން އަނބުރައިލަންވެގެން ކެނޑިނޭޅި މަސައްކަތްކޮށް ޖެއްސުންކުރަނީ...އޭނަދެކޭގޮތުން ބައްޕަމެންގެ ސަރުކާރު ލާދީނީއެއްނު...އައްޔާޝްު އެވަރުގެ ބަޔަކާއި އެއްކޮޅަށް ތި ވަކާލާތުކުރަނީ؟" ޝުވޭކާރު ގެ އަޑު ތަންކޮޅެއް ހަރުކަށިވިއެވެ.
"އޯލް އައި ނޯ އިޒް...އިންސާނުންގެ ފިކުރު ތަފާތުކަން. މުސްލިމުންނަށްވިޔަސް ދީނީ އިލްމުވެރިންނަށްވިޔަސް ކިތަންމެ ރަގަޅުމީހުންގެ ތެރޭވެސް ޚިޔާލު ތަފާތުވުމާއި ބައިބައިވުން ހުރެދާނެ. އަޅުގަނޑު ވަކި ކޮޅަކަށް ހުރީއެއްނޫން. ހަމައެކަނި ބޭނުމަކީ ﷲގެ ރުހިވޮޑިގަތުން ހޯދުން..."
"މައިގޯޑް..."ޝުވޭކާރު ބިރުގަތީ އެންމެ ސަބަބަކާއިހުރެއެވެ.
އޭނަގެ ދަރިފުޅު ހަރުކަށި ފިކުރަށް ގޮސް ހުސްވާކަމުގައި ދެކެގެންނެވެ.
"އަޔާ...ބައްޕަ ބޭނުމެއްނުވޭ އަޔާ އެމީހުންނާއެކު އިތުރަށް ފެންނަން. އަޔާ ދީން އުނގެނެން ބޭނުމިއްުޔާ ރިސާޗް ހަދަންޏާ އިލްމުވެރިން ތިބިތަނަކަށް ދީނީ އިލްމު އުނގެނެން ފޮނުވާދެވިދާނެ. އެކަމަކު ދީން ހަތިޔާރަކަށް ހަދަައިގެން އުޅޭ ސިޔާސީ މީހުންނާއިއެކު އުޅެގެން މަގު އޮޅުން ނޫންކަމެއްނުވާނެ......."
"އޯލްރައިޓް..." އައްޔާޝް ފުންނޭވާއެއްދޫކޮށްލިއެވެ.
"ދަރިފުޅަށް އެނގޭތަ؟ މަންމަގެ އެކުވެރިންގެ ތެރޭގައި އުޅޭ ބުރުގާ އަޅައިގެން ފަސްވަގުތު ނަމާދުކޮށްގެން ތިބޭ އަޅުވެރިން. އެމީހުން ދެކޭގޮތުގައި އެއަށްވުރެ މާތް ރަގަޅު މުސްލިމުންނެއް ނެތް. އެކަމަކު އެވަރަށް ސުންނަތްކޮށް ހައްޖުވެ އުމްރާވެ ތިބެވެސް މިބުނަނީ ހެއްދެވި ފަރާތާއި ކަނެކްޓް ނުވާ ވާހަކަ. މަންމައަށް އެނގޭ އެއްޗަކީ ބައެއްފަހަރު ގުރުއާންގެ އާޔަތެއް އިވުމުން ގައިން ހީބިހި ނަގާ ލޮލަށް ކަރުނަ އަންނަކަން. އެއީ ހަމަ ކަނެކްޝަން އޮތީމައެއްނޫންތަ؟ އެހެންވެ މަންމަ މިބުނަނީ ބައެއްފަހަރު ދެއްކުންތެރިވެގެން ތިމާ މާ ދީންވެރިކަމަށް ހެދިގެން އުޅޭ މީހުންނަށްވުރެ މަންމަމެންވެސް މާ ރަގަޅު މުސްލިމުންނޭ...." ޝުވޭކާރު އައްޔާޝްގެ އަތުގައި ހިފަހައްޓައިލިއެވެ. "ކުއްލިއަކަށް އަޔާ މާ ބޮޑަށް ޗޭންޖުވީ ކޮން ކަމަކާއިތަ؟ ކޮބާ ސަބަބަކީ؟"
"އަޅުގަނޑު ނަންގަތީމެއްނު..."
"އިޓްސް އޯކޭ ނަމާދުގަޑި ޖެހެނީ. އަޔާ ދެން ނަމާދަށް ދޭ. މިގެ ކައިރީގައިވެސް މިސްކިތެއް އެބަހުރި..."މައިމޫންގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ.
"ޑޭޑް. އައި ހޭވް އެ ރިކުއެސްޓް. ހަމައެކަނި ހަރުކަށި ފިކުރު ނުހުއްޓުވާ ބައްޕަމެން ވައުދުވެލެއްވިގޮތަށް މިގައުމު ގަތަރުފަދަ އިސްލާމީ އުސޫލުތައް ހިފަހައްޓާ އިސްލާމީވަންތަ އަދި ކުރިއަށް އޮތް ޖީލުތަކަށް އަމާން އަދި މުސްލިމުންނަށް އުޅެވޭފަދަ ތަނަކަށް ހައްދަވާ. ނޫނީ އަޅުގަނޑަށް މިތާކު ނުހުރެވޭނެ........"
"ހަރުކަށި ފިކުރުގެ މާނަ އަޔާ އޮޅުވާނުލާ، ނަމާދުކޮށް ރަގަޅަށް އުޅޭ މުސްލިމުންގެ ވާހަކައެއް ނޫން މިދައްކަނީ. ތަނުގައި ބޮމް ގޮއްވާ މީހުންނަށް އަނިޔާދޭ ނިރުބަވެރި ޖަމާއަތްތަކުގެ ވާހަކައޭ މިދައްކަނީ. އަޔާއަށް އެކަމެއް ނުވިސްނޭތަ؟"
"ތިކަމާއި ވިސްނާނަން...."
އައްޔާޝް އެތަނުން ދިޔައީ އެދެމަފިރިން ސިއްސުވާލާފައެވެ. އައްޔާޝްފަދަ ހަރުދަނާ ޒުވާން ވިޔަފާރިވެރިއެއްގެ މަދީ ކޮން ނިއުމަތެއްހެއްޔެވެ؟ ފައިސާއާއި އިއްޒަތާއި ޝަރަފާއި ރީތިކަން އަދި ތައުލީމު ލިބިފައިވާ އެންމެންގެ ތެރޭ މަގުބޫލު ޒުވާނެކެވެ. އޭނަގެ ބޮލަށް ވެރިވެގަތީ އެބުނާ ގާނިމްހެއްޔެވެ؟ ގާނިމްގެ ކަމަކީ ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ފާޑުކިޔާ ދީނީ ފަތުވާ ނެރުމެވެ. އައްޔާޝްގެ ސިކުނޑި ދޮވެލާވަރުގެ މީހަކަށް ޝޭޚު ގާނިމް ވެދާނެކަމަށް އޭނަ ހީކޮށްފައެއްނެތެވެ. ސަބަބަކީ އައްޔާޝް ކުޑައިރުއްސުރެ ހުޅަގުގެ ވައްޓަފާޅިއަށް ބޮޑުވެ އެމީހުންނާއެކު އުޅޭ ޒުވާނަކަށްވުމެވެ. ނަމަވެސް އައްޔާޝް ކުޑައިރުއްސުރެ އިރުމަތީގެ އާދަކާދަތަކާއި އަންހެންކުދިންނަށް ލޯބިކުރާކަމީ ޝުވޭކާރުވެސް ދަންނަ ހަގީގަތެކެވެ.
***
އަދާރާ ޝުވޭކާރުގެ ކުރިމަތީގައިވެސް މޫނު ފޮތިކޮޅު ނަގަން ދެކޮޅުހެދުމުން ޝުވޭކާރު ހިތްހަމަނުޖެހޭގޮތްވިއެވެ. އައިޑިކާޑު ފެނުމުން ރީތި އަންހެންކުއްޖެއްކަން އެނގުނަސް އެފޮޓޯގައި ހުރީވެސް މޫނު ކުނިކޮށްލައިގެންނެވެ. ކަމަކާއި ފޫހިވެ ރުޅިގަދަވެފައި ހުރިގޮތަކަށެވެ. ޝުވޭކާރުއަށް އެކުވެރިންގެ ފަރާތުން މިފަދަ ކުދިންގެ ވާހަކަ އަޑުއިވިފައިވަނީއެވެ. ބައެއްކުދިން އާއިލީ އަންހެނަކު ހުއްޓަސް މޫނު ނުދައްކަނީއެވެ.
ޝުވޭކާރުއާއި އޭނަގެ އަންހެންކޮއްކޮ އުރުސުލާ އަދި އެކުވެރިއެއްކަމަށްވާ ފަރަހްނާޒް ސަންސްކްރީން ލުމަށްފަހު ބައިގަޑިއެއްހާއިރުފަހުން މޫދުގެ ގޮނޑުދޮށުގައި އިށީދެލައިގެން ތިއްބެވެ.
"މޫނުބުރުގާ އަޅައިގެން ރަގަޅުކުދިންވެސް ތިބޭ. އެންމެ މޮޑެސްޓް ހެދުމަކީ އެއީކަމަށް ގަބޫލުވެސްކުރަން. އެކަމަކު ޝުވޭ ތިބުނާފަދައިން ދުނިޔެއަށް ފިލަން ނޫނީ އެހެން ސަބަބަކާއިހުރެ ނިގާބު އަޅާ އަންހެނުންވެސް ތިބޭނެ..."ފަރަހްނާޒް ބުރުގާ އަޅާފައި ހުއްޓަސް ނިކަން ސްޓައިލިޝްއެވެ.
"އެގްޒެކްޓްލީ. ކިހިނެއް ތި އަދާރާ ކިޔާ ކުއްޖާގެ ގޮތް އެނގޭނީ؟ އާރިސް ޑިޕްރެޝަންގެ ސަބަބުން ކުއްލިއަކަށް ބުނި އެއްޗަކަށް ޝުވޭ ތި ގޮތްނޭގޭ އަންހެންކުއްޖާ ފެމިލީއަށް ވެއްދުން ރަގަޅެއްނޫން..." އުރުސުލާވެސް އެކައިވެންޏާއި ނުރުހޭގޮތްވިއެވެ.
"ބައެއްފަހަރު ހިތަށް އަރަނީ އެކުއްޖާ އަހަރެމެންނާއެކު އުޅުނީމަ ބަދަލުވެދާނެއޭ..."
"އެހެންވުން އެކަށީގެންވޭ..."
"އަރޫޝާއަކީ ލޯޔަލް އެކްޓިވިސްޓެއް އެކަމަކު އޭނަގެ ދަރިއަކާއި ނާއިބުު ރައީސްގެ ދަރިއަކު ގުޅުނީމަ ފާޑުކިޔުމާއި މަލާމާތްކުރުމުގެ ހައްދެއް ނޯންނާނެ.." ފަރަހްނާޒް އެކިގޮތްގޮތަށް ސެލްފީ ނަގަމުން ދިޔައެވެ.
"އާރިސްއަށް އެކުއްޖާ ކަމުދިޔައީ. ހަދަންވީގޮތެއް ނޭގޭ..."
"އާރިސްއަށް ވިސްނައިދީ..." އުރުސުލާ އެދުނެވެ.
އާރިސް އޭނަގެ ސިކުނޑީގައިވާ ޚިޔާލީ ފުރޭތަތަކާއި ހަގުރާމަކުރަމުންދާއިރު އޭނަގެ ސިކުނޑިއަށް އެއްޗެއް ވިސްނައިދެވޭނެހެއްޔެވެ؟ އެއަށްވުރެ އާރިސްގެ ނަފްސާނީ ހާލަތު ތަންކޮޅެއް ދަށެވެ.
***
އާރިސްއާއި އަދާރާގެ ކައިވެނި ކުރެވުނީ ސިއްރުންނެވެ. އާއިލާގެ މަދުބަޔަކަށް ނޫނީ އެކަމެއް ނޭގެއެވެ. އާރިސްގެ ނަފްސާނީ މައްސަލައެއް ހުރިކަން އެހެން މީހަކަށް އެނގިދާނެތީ ޕާޓީއެއް ބާއްވަންވެސް ޝުވޭކާރު ދެކޮޅުހެދިއެވެ. އާރިސްގެ ހާލު ރަގަޅުވުމުގެ ބަދަލުގައި ކުރިއަށްވުރެ ގޯސްކަމަށް އޭނަވެސް ދެކުނެވެ. އިވޭ އަޑުތައް ކުރިއަށްވުރެ ގަދަވުމާއި އަމުރުވެރިކަން އެކުލެވުމާއިއެކު އޭނަގެ އަމިއްލަ ނަފުސަށް އަނިޔާދޭން އަދި އާއިލާއަށް އަނިޔާކުރަންވެސް އަންގަނީއެވެ. އޭނައަށް ވިހަލާފައި ހުންނަ އެއްޗެހި ކާންދޭން އުޅޭ ވާހަކައާއި އޭގެ ކުރިން އެންމެނަށް ވިހަލާފައި ކާންދޭންވެސް އަންގަނީއެވެ.
އަދާރާ މޫނު ފޮތިކޮޅު ވައްޓާލައިގެން އިނީ ލޯވެސް ނުފެންނަ ގޮތަށެވެ.
"ކޮންކަމެއް ފޮރުވަން އެއުޅެނީ؟" އުރުސުލާ ޝުވޭކާރުގެ ކަންފަތް ކައިރީގައި ބުނެލިއެވެ.
"އައިޑީ ކާޑު ދެކުނިން. ހަމަ ރީތި އަންހެންކުއްޖެއް..."
"އެހެން މީހެއްގެ ކާޑު ނަގައިގެންވެސް އުޅެދާނެއްނު. މިވަރުގެ އަންހެނަކަށް ޓްރަސްޓްކުރާކަށް މަށަކަށްވާ ލާހިކެއްނޫން..." ކައިވެންޏަށްފަހު ޝުވޭކާރުއާއި އުރުސުލާ ބަގީޗާތެރޭގައި ވާހަކަދައްކަން ތިއްބެވެ. "ޓެރަރިސްޓެއް ނޫންކަން ޔަގީންތަ؟"
ޝުވޭކާރުގެ ގައިން ހީބިހިނެގިއެވެ.
***
ކައިވެންޏަށްފަހު ގާޒީއިން ދިޔުމުން އާއިލާގެ މީހުންނާއި އަދާރާ އެކަނިވިއެވެ. އަރޫޝާ ގަދަޔަށް މޭކަޕްކޮށްލައިގެން ހެދުމާއި ގުޅޭ ގަހަނާ އަޅައިގެން ހުރިއިރު މޫނުމަތިން ފަޚުރުވެރިކަމާއި އުފާވެރިކަން ފައުޅުވެއެވެ. އޭނަ ދެރަވަނީ އަދާރާ ނިގާބު ނުނަގާތީއެވެ.
"ހިނގާ ސެލްފީއެއް ނަގަން.....ދެމީހުން އެކީ....." މިނަލް އަދާރާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ ފޯނުނެގިއެވެ. ފަހަރީގެ މޫނު ދެކޭހިތުން އޭނަގެ ކެތްތެރިކަން ކޮޅުންލައިގެން ދަނީއެވެ. އަދާރާ ދެކޮޅުހަދަންވެގެން އެއްޗެކޭ ބުނެލަން އަނގަ ހުޅުވައިލިތަނާ މާކް ދޮރުން ބޯ ދިއްކޮށްލައިފިއެވެ.
"އަޅުގަނޑާއިވެސް އެކީ...." މާކް މައުސޫމްގޮތަކަށް ހީލިއެވެ.
"އޯކޭ...."އަދާރާ އެއްބަސްވިއެވެ. ބޭނުންވަރަކަށް ސެލްފީއާއި ފޮޓޯ ނަގާށެވެ. އޭނަގެ ހަށިގަނޑުން އެންމެ ތަންކޮޅެއްވެސް ދެކޭނެ ލޮލެއް ނެތެވެ. މާކްއާއި މިނަލް ކައިރިއަށް ޖެހިލުމުންއަދާރާވެސް ހުރީއެވެ.
"މޫނު ފޮތިކޮޅު ނަގަައިބަލަ..."މިނަލް އެދުނެވެ.
އެ ވަގުތުކޮޅު ޝުވޭކާރުއާއި އުރުސުލާއާއެކު އަރޫޝާވެސް އެކޮޓަރިއަށް ވަނުމުން އަދާރާގެ ހާސްކަން އިތުރުވިއެވެ.
"ތެދެއް އަދާރާ. އަހަންނަކީ އާރިސްގެ ބޮޑުދައިތަ. މިތާ ފިރިހެނެއްވެސް ހުރީއެއްނޫން. މާކްއަކީ އަދި ކުޑަކުއްޖެއް.....އާރިސްގެ އަންހެނުން ފެނުނަސް ވަކިކުރަން އެނގޭނީ މޫނު ފޮތިކޮޅު ނެގީމަތާ......." އުރުސުލާ އެދުނެވެ. އޭނަގެ މޫނުފެނުމުން އެހެން މީހުންނަށް ލިބެނީ ކޯނޗެއްހެއްޔެވެ؟
"އަދާރާ. އާއިލާ މީހުންނަށް ފެނުމަކީ މައްސަލައެއްނޫން..." އަރޫޝާވެސް ބާރުއެޅިއެވެ.
ނުނިމޭ