އަލިފާން ކޮކާލެއްގެ ލޯބި 9

"އިންސާނީ ހައްގުތަކޭ ކަރާމާތޭ ކިޔާފައި ދީނީ އުސޫލުތައް މުގުރަމުން މިއަދު ދަނީ ދުނިޔޭގެ އުފާތަކާއި ޒީނަތްތެރިކަމަށް ހެއްލިގެންނެވެ.އަބަދަށްޓަކާ ލޯ މަރައިލުމުން ހިތާމަކުރާނެއެވެ. އޭރުން އޮންނާނީ ވަގުތު ފާއިތުވެފައެވެ. ﷲއާއި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްއަށް ކިޔަމަންތެރިވެގެން ނޫނީ އާޚިރަތުގެ ނަސީބެއް ނުލިބޭނެއެވެ."

***

"ޔާﷲ..ސޭވް މީ....." އަދާރާއަށް ބޭއިޚުތިޔާރުގައި ލޯ މަރައިލެވުނެވެ. ހުސާމް ބޭނުންކޮށްފައި ހުރި ސެންޓްގެ ވަސް ސިކުނޑި ފުރައިލިއެވެ. އެސިކުންތުކޮޅު ގަރުނަކަށް ދެމިގެން ދިޔަހެން ހީވިއެވެ. އޭނަ ލޯ ހުޅުވާލާއިރު ހުސާމް ކުރިމަތީގައި ހުންނާނެކަން ޔަގީނެވެ. އޭނަ މިގޮތަށް ފެނުމުން ހަންޑިއެއްކަމަށް ހީކޮށް ބިރުން އަނބުރައިނުގަންނާނެ ކަމެއްވެސް ނޭގެއެވެ. އަދާރާ ހިނި އަންނާން އުޅުނެވެ.

"އަދާ...މިތާ؟"

ހިތަށް ލިބުނު އުފާވެރިކަން ކެނޑުނީ ހުސާމްގެ އަޑުނޫންކަން އެނގިފައެވެ. ލޯ ހުޅުވައިލެވުނުއިރު ކުރިމަތީގައި ހުރީ އާރިސްއެވެ. ހުސާމްއާއި އޭނައާއި ދޭތެރެއަށް ވަދެ ހުރަސްއެޅި މީހަކީ އެއީއެވެ. ހުސާމްއާއި އޭނަގެ ދޭތެރެއިން ބޯ ދިއްކޮށްލައިގެން ހުރީ އާރިސް ފިޔަވާ އެހެން މީހެއް ނޫނެވެ. ހުސާމް ފޯނުގައި ހުރެގެން ފޯރިއާއެކު "ބޭބީ" ކިޔާފައި ވާހަކަދައްކަނީ އޭނަގެ ލޯބިވެރިޔާއާއިކަން ޔަގީނެވެ. އަދާރާއާއި ދިމާލަށް އެންމެ ފަހަރަކުވެސް ބެލިނަމަ ފަޅާއެރީހެވެ. އެވަގުތުކޮޅު ހުސާމް ބަލައިނުލީ ކާކުގެ ނަސީބެއްކަމެއްވެސް ނޭގުނެވެ.އަދާރާ އަވަހަށް އަތުގައި އޮތް އަވި އައިނުން ލޯ ފޮރުވާލައިފިއެވެ.

"ކޮބާ މަންމަމެން؟"

އަދާރާ ޖަވާބެއް ނުދިނެވެ. އޭރު ހުސާމްވެސް ފޯނު ބާއްވާފައި އާރިސްގެ ވާން އުޅޭ އަނބިމީހާއަށް ނަޒަރު ހުއްޓާލައިފިއެވެ. ފޮތިބޮނޑިއެއް ފެނުމުން އޭނަ ފޫހިވާގޮތްވިއެވެ. އެންމެ ކުޑަވެގެން ލޮލެއްވެސް ނުފެންނަތާގައި އަނގައިން ބުނަންވެސް އެނގެނީއެއް ނޫނެވެ. ފޫހިކަމުގެ މިސާލެއް ޖަހަން ރަގަޅު އަންހެނެކެވެ. އާރިސް ވާހަކަދެއްކުމުން ޖަވާބެއް ނުދޭނީ އަނގައިގާ މައްސަލައެއްހުރީމަ ނޫންހެއްޔެވެ؟

"އިޒް ޝީ ޑެފް އޯ ވަޓް؟"ހުސާމް މަލާމާތުގެ ރާގަކަށް އެހިއެވެ.

"ލަދުން ކަމަަށްވާނީ..." އާރިސް ދިފާއުކުރިއެވެ.

އަދާރާ އިސްޖަހާލައިގެން ހުރެ ހިގަމުންގޮސް ސޯފާއާއި ހަމަޔަށް އާދެވުނުއިރު ފައިގެ ވާގިބަލިވެ ހިތްވެސް އޮބި ނޯންނަވަރަށް އަވަސްވިއެވެ. ތެޅިތެޅި ވާ ހިތް ހަމަޔަކަށް އަޅުވަމުން ބަލައިލިއިރު ހުސާމް މިސްރާބުޖެހީ ގެއިން ބޭރަށެވެ. އެ ލޮލުން އޭނަގެ ހިތަށް ޒަލްޒަލާއެއް ގެނުވާފައެވެ.އާރިސް ކުރިމަތީގައި ހުރި ސޯފާގައި އިށީދެ އަދާރާއަށް ބަލަން އިނީ މޫނުން ނިގާބު ނަގާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެހެން އިނދެފައި ސިހުނުގޮތަކަށް އެއްލިގެން ގޮސް އިރުގަނޑެއްވާންދެން އެއް ދިމާލަކަށް ބަލަހައްޓައިގެން އިންނާންފެށިއެވެ. ސިކުންތުކޮޅަކަށްފަހު ހަމަޔަކަށް އެޅުމުން ދެއަތްތިލަ އުނގުޅަމުން ދެކޮޅަށް ހިނގަންފެށުމުން އަދާރާ ހައިރާންވިއެވެ. އާރިސް މުޅިން "ނޯމަލް" ހެއްޔެވެ؟ އޭނަގެ ބޮޑުދައިތަގެ ދަރިފުޅު މިފާޑަށް އުޅެން ފެށުމުން ޑޮކްޓަރަށް ދެއްކުމުން ބުނީ އޭޑީއެޗްޑީ ކަމުގައެވެ. އާރިސްވެސް އެފަދަ މައްސަލައެއް އުޅެނީހެއްޔެވެ؟

"މަންމަމެން އަދާރާ އެކަނިކޮށްފައި ދިޔައީ ކީއްވެތަ؟"

"އާރިސް. އަހަންނަށް އެކަނި އިދެވިދާނެ. މިގޭގައި ހާދަ ފޮތްތައް ގިނައޭ...."

"މަންމައަކީ އަވިޑް ރީޑާއެއް ޔޫ ނޯ.....ފޮތްތައް ކިޔުމަކީ މަންމަގެ ހޮބީ. ކުޑައިރުވެސް ހަދާން ހުރޭ. މަންމަ ފޮތެއް ހިފައިގެން ނީންނަ ގަޑިއަކާއި ދިމަލެއްނުވޭ..." އާރިސް ފޮތް ހަރުގަނޑުގެ ކައިރީގައި ހުއްޓުނެވެ. "މިހުރީނު. މަންމަ މިހަރުގަނޑުގައި ހުރި ކޮންމެ ވައްތަރެއްގެ ފޮތެއްވެސް ކިޔާ އުޅުނު. ސިޔާސީ އަދި އެސްޓްރޮނޮމީި...ކެއްކުމާއި ބެހޭފޮތްތައް. ބަގީޗާ ހެއްދުން. މެޑިކަލް ފޮތްތައް. ދީނީ ފޮތްތައްވެސް އެބަހުރި. އަދި މަޝްހޫރު ލިޔުންތެރިންގެ ވާހަކަތައްވެސް އެބަހުރި. ތަފްސީރާއި ގުރުއާންވެސް............."

"ގްރޭޓް....މާޝާﷲ.." އަދާރާވެސް ތެދުވެގެން ގޮސް ހަރުގަނޑު ކައިރީ ހުއްޓުނެވެ.

ހުސާމް ދިޔައީ ކޮން ދިމާލަކަށް ބާވައެވެ. ބޮޑު ދެލޮލުން ބޭގަރާރުކަމާއެކު ވަށައިގެން ހޯދަނިކޮށް އާރިސްއަށް ފާހަގަކުރެވުނެވެ.

"މީހަކު ނުފެނިގެން ހޯދަނީ؟"

"މަންމަ..މިބުނީ އާރިސްގެ މަންމައަކީ އާދަޔާ ޚިލާފު ތަފާތު އިންސާނެއް.ވަރަށް އިލްމީ ބޭކަނބަލެއްކަން ޔަގީން. މިބުނީ އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް ވިޔަސް އަތުގައި ކިތަންމެ ޑިގްރީ ހުއްޓަސް ފޮތްތައް ނުކިޔަވަންޏާ ބައެއްފަހަރު ތަންދޮރު އޮޅުން ނުފިލާ ހުރެދާނެ. އާރިސްގެ މަންމަ ހުރިހާ ފޮތަކުން އުނގެނިގެން ހުރީ. ސިޔާސީ ބޭސްވެރިކަން ކެއްކުން ތަރިތަކުގެ އިލްމް އެހެންގޮސް ނުދަންނަ ކަމެއްނެތް ހެން ހީވަނީ. ގިނަ އިލްމުތައް ލިބި ކަންތައް އޮޅުން ފިލާފައިވާ މީހެއް ވެއްޖެއްޔާ އެފަދަ ކަނބަލުންނަށް އެޑްމަޔާ ކުރެވޭ. އެފަދަ މީހަކަށް ވެވޭނެބާވައޭ ހިތަށް އަރާ....." އަދާރާ ތައުރީފުކުރިއެވެ. އާރިސް ފޮތެއް ދިއްކޮށްލިއެވެ. "ދަ ސެވެން ޕްރިންސިޕަލްސް ފޯ މޭކިން މެރިޖް ވޯކް.....މި ފޮތް ކިޔާލިއްޔާ ރަގަޅު. މަންމަވެސް މިހާ ކާމިޔާބު ކައިވެންޏެއްލިބުނީ މި ފޮތްތައް ކިޔައިގެން ކަމަށްވެދާނެ........"

"ހެހެ..." އަދާރާއަށް ހީލެވުނެވެ.

"އަދާރާ އަހަރެންގެ މަތިން ހަނދާން އެބަހުރިތަ؟"

"ތިބުނީ؟"

"މިބުނީ ކުޑައިރު ހަމަ ތިހާ ބޮޑު ލޮލެއް ހުރި ކުއްޖަކާއިއެކު ބީޗުގައި ހުރި ހަނދާނެއް ވޭ....އެއީ ހައިރާންކުރުވިފަދަ ހިތްގައިމު މަންޒަރެއް. ސީޑް ޝްރިމްޕް އިން ނޫ އަލި ފޮނުވާއިރު ކަނޑު ފެނުނީ ހަމަ ތަރިތަކުގެ ދާނެއްފަދައިން...އަނދިރީގައި އެ ބީޗް ނޫ އަލިން ދިއްލާލާފައި އިންނައިރު ހަމަ ޖާދޫއެއްފަދަ ދޯ. ކޮންމެވެސް ވަރަކަށް ހަނދާންވޭ. އަދާރާ އަހަންނާއެކު ވީ........" އާރިސް ބުނަމުން ދިޔައެވެ. އަދާރާ މާޒީގެ ދުވަސްތައް ޚިޔާލަށް ގެންނަން މަސައްކަތްކުރި ނަމަވެސް އެބައި ހުޅުވުނުކަމަކަށް ނުވިއެވެ.

އަދާރާ އާރިސް ދިން ފޮތުގެ ގަނޑުތައް އުކައިލަމުން ދިޔައިރު ހިތުގައި ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. ހުސާމްއާއި އެހާ ގާތުން ދިމާވުމުން މިކުރެވެނީ ރަގަޅުކަމެއްބާވައޭ ހިތާހިތުން ސުވާލުކުރެވުނެވެ.

ލޯބީގެ ކުލައެއްވެސް ނެތް ކައިވެންޏަކުން ލިބޭނީ ކޮން ހިތްހަމަޖެހުމެއްހެއްޔެވެ؟ އޭނަގެ ހަގީގަތް އެނގޭއިރު އާރިސްވެސް ފޫހިވާނެއެވެ.

އަދާރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

ނަސީބަކުން އެވަގުތު ޝުވޭކާރުއާއި އަރޫޝާ ފެނުމުން އާރިސްވެސް އިތުރު ވާހަކައެއް ދައްކަން ނަހަދާ މަންމަމެންނަށް ސަމާލުކަންދިނެވެ. ޝުވޭކާރު އާރިސްގެ ގާތަށް ޖެހި ސިއްރުން އެއްޗެއް ބުނެލުމުން ބަސްއަހާ ކުޑަކުއްޖެއްހެން އޭނަ ސިޑިން އަރައިގެން ދިޔުމުން ޝުވޭކާރު ހިނިތުންވެލައިފިއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައިވެސް ޝުވޭކާރު ފަސްޖެހުނު ކަހަލަ ގޮތަކަށް ދެއަތް މޮޑެލިއެވެ.

"އާރިސްގެ ޑިޕްރެޝަންއަށް ބޭސް ކާންފެށުމުން ހުރިހާ ކަމެއް ރަގަޅުވާނެކަމަށް އުއްމީދުކުރަނީ. އަދާރާއަށް އެނގޭތަ؟ އަރޫޝާ ބުނިން ދޯ....." ޝުވޭކާރުގެ ޖުމްލައިން އަދާރާގެ ހިތަށް ބިރުވެރިކަމެއްވަނެވެ. އާރިސްގެ އުޅުން ހުރިގޮތުން ނަފްސާނީ މައްސަލައެއް އުޅޭކަމުގައި އޭނަގެ ހިތްބުނީ ރަގަޅަށްތާއެވެ.

"އާރިސްގެ މެޑިކަލް ހިސްޓްރީއަށް އަދާރާވެސް ޝައުގެއް ނުހުންނާނެ. ކޮންމެ މީހެއްގެވެސް އަމިއްލަ ސިއްރުތަކާއި ބަލިތައްވެސް ހުރެދާނެ. އެއީ ކޮންމެހެން އެންމެނާއި ހިއްސާކުރަން ޖެހޭވަަރުގެ ކަމެއްކަމަށް އަޅުގަނޑު ނުދެކެން. ޑިޕްރެޝަންއަކީ އަނެއްހެން ބައްޔެއްވެސް ނޫނެއްނު. އާރިސް ދަރިފުޅަކީ އެންމެން އެންމެ ފަޚުރުވެރިވާނެ ފަދަ ދަނބިދަރިއެއް. އަޅުގަނޑު މިހިރީ ހަމަ ވަރަށް އުފަލުން..."އަރޫޝާގެ ލޯ ގޭގެ އެތަން މިތަނަށް ހުއްޓެމުން ދިޔައިރު ހިތްވަނީ އާސްމާންގައެވެ. ހަޔާތުގައި މިހާ އުފާވެރި ދުވަހެއް އަދި އައިކަމެއް ނޭގެއެވެ.

"ތެންކިއު އަރޫ..." ޝުވޭކާރު ހިންދިރުވައިލިއެވެ. ސިކުނޑީގެ ކޮންމެވެސް ދިމާލަކުން މި ކައިވެންޏާއިމެދު ހިތްހަމަނުޖެހޭކަމުގެ އިޝާރާތެއް ކުރަނީއެވެ.

މެންދުރު ކެއުމުގައި މައިމޫންވެސް ބައިވެރިވިއެވެ. ނާއިބުރައީސްގެ އާއިލާއާއެކު ކެއުމުގައި ބައިވެރިވުމަކީވެސް އަރޫޝާއަށް ލިބުނު ފަޚުރެކެވެ. ހުސާމް ފެނުމުން އަރޫޝާ ކޮންމެވެސް ވަރަކަށް ހާސްވެ މޫނުމަތިން ދާހިއްލާލައިިފިއެވެ. ހުސާމްއަށް އެދެމައިން އެނގިގެން އެ ކައިވެންޏަށް ހުރަސް އަޅައިފިއްޔާ އަރޫޝާ ބިނާކުރި ހުވަފެނުގެ ގަނޑުވަރު ބިމާ ހަމަވެދާނެއެވެ. ނަސީބަކުން އޭނަ ބުރުގާ އަޅައިގެން ހުރުމުންނާއި ހިކިކަމުން ހުސާމްއަށް ވަކިކުރާކަށް ނޭގުނެވެ. އަދާރާވެސް ލޮލުން އަވިއައިނު ނުނަގާ ފޮތިކޮޅު ކުޑަކޮށް ހިއްލާލާފައި ކަމުން ދިޔަކަމީ ނަސީބެކެވެ. ކައިނިމިގެން އޮތީ އަނގޮޓި އެޅުވުމުގެ ކުޑަ ރަސްމިއްޔާތެކެވެ. އަދާރާގެ ހިމަ އިނގިލި ފަޅުފިލުވައިލީ ހުދު ޖަވާހިރެއް ޖެހި އަނގޮޓީއަކުންނެވެ. އަތް ކުޑަކޮށް ހަރަކާތްކޮށްލިޔަސް ޖަވާހިރުގެ ދަޅަ އެކި ފަރާތަށް އަރައިގެން ދެއެވެ.

"ކައިވެނީގެ ތާރީޚު ދެން ކަނޑައަޅަންވީ..."

"ކިހިނެއްވާނެ މި އަންނަ ހުކުރު ދުވަސް؟" މައިމޫންގެ ޖުމްލައިން އަރޫޝާގެ ހިނިތުންވުން ފުޅާވިއެވެ.

"މަނިކުފާނަށް ފެނިވަޑައިގަތް ކޮންމެ ދުވަހެއް ރަގަޅުވާނެ....އަޅުގަނޑުމެން ހިތުގެ އަޑިން ރުހޭނަން....."

އަދާރާ ލޮލުތެރޭ ކަޅި ހިންގައިލިއެވެ. މަންމަ އުޅޭގޮތުން ހުރިހާ ލަދެއްގަންނަން ޖެހުނީ އަދާރާއަށެވެ. މަންމަ ހީވަނީ ހަމަ އެމީހުންގެ ފައިބުޑަށް ވެއްޓިގަންނާނެހެންނެވެ.

"ފައިސާއާއި އިއްޒަތުގެ ފަހަތުން ދުވަނީކަމުގައި ހީކުރާނީ. އެމީހުންނަށް އަހަރެން މިކައިވެންޏާއި ގަބޫލުވީ ހުސާމްދެކެ ލޯބިވެ އެއް ހިޔާވަހިކަމެއްގެ ދަށުގައި އުޅެން ބޭނުންވާތީކަން އެނގޭނެނަމަ....ޔަގީނުންވެސް ހުސާމް އަބަދު ކުރިމަތިން ފެންނާނެ. އެ ޖާދޫއެއްފަދަ ރީތި އަޑު އިވުމުން ހިތަށް ފިނިކަން ލިބޭ...ކޮންމެހެން ހުސާމް މުއްސަދިވީމައެއްނޫން؛ ލޯބިވާތީ. ލޯތްބަށްޓަކާ ނޫންނަމަ މިގެއަށް ނުވަންނާނަން...ބައެއްފަހަރު ލޯތްބަށްޓަކާ އިންސާނާ ކޮންމެފަދަ މޮޔަކަމެއްވެސް ކޮށްފާނެ..."

އަދާރާގެ ޚިޔާލަށް ކިތަންމެ އެއްޗެއް އަރާފޭބިއެވެ.

***

އާރިސް އޭނަގެ މަންމަ ގާތުގައި އެދުނީ ނަފްސާނީ އެހެން ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށެވެ. އޭނައާއި ކުރިމަތިވެގެން އުޅެނީ ޑިޕްރެޝަންކަމުގައި ގަބޫލެއް ނުކުރެވުނެވެ. ބޭހުން ލިބޭ ލުޔެއްނެތެވެ. ކަންފަތަށް އިވޭ އަޑުތަކާއި ފެންނަ މަންޒަރުތައް އޭނަގެ ދިރިއުޅުމަށް ދަތިކުރަނީއެވެ. އެ އަޑުތަކުން ސަލާމަތްވެ "ނޯމަލް" ދިރިއުޅުމެއް އުޅެން އޭނަވެސް ބޭނުންވިއެވެ. ޝުވޭކާރު އެހެން ޑޮކްޓަރަކާއި ވާހަކަދެއްކުމުން އޭނަ ބައިޕޯލާ ޑިސްއޯޑާކަމުގައިބުނެ ބޭސްދިނުމުން ކުރިއަށްވުރެ އާރިސްގެ ހާލަތު ގޯސްވީއެވެ. އަބަދުހެން ވަރުބަލިވެ ނިދުމުގެ ސަބަބުން ތަބީއަތު ޚަރާބުވެ ބޭސްކާން އޭނަ ފޫހިވިއެވެ.

މާކް އާރިސްގެ ކޮޓަރިއަށް ވަނީ ފޯނަށް ކޮންމެވެސް މައްސަލައެއް ޖެހިގެންނެވެ. އޭރު މިނަލްވެސް އާރިސް ގާތު ޗިޕްސްކާން އިނެވެ. އޭނަ އެކޮޓަރިއަށް އައީ ހުސާމްގެ ފަހަތުންނެވެ.

"އެކަކަށްވެސް އޭނަ ފެނޭތަ؟" އާރިސް ލޯގަނޑާއި ދިމާލަށް އިޝާރާތްކުރިއެވެ. ރަތްކުލައިގެ ޓީޝާޓަކާއި އައިސްބްލޫ ސޯޓެއްލައިގެންއިން މާކްގެ ލޮލުން ލާނެތްކަމެއް ފެނުނެވެ.

"ޔަޕް. ލޯގަނޑު ތެރޭގައި އާރިސް އެބަހުރި..."

"އެހެން މީހެއް ނުފެނޭ؟"

"ލޯގަނޑުން ފެންނަން ހުންނަ މީހަކީ އެމީހެއްގެ ގަރީން. ކޮންމެ އިންސާނަކާއި އެކީގައި ތާއަބަދު ކޮމްޕޭނިއަންއެއް ހުންނާނެ. ގަރީން އޭ ކިޔާނީ. ޓްވިން ޖިންނިއެކޭވެސް ބުނެވިދާނެ. އަޅުގަނޑު ވަރަށް ހޯދައިފިން. ލޯގަނޑުން ފެންނަން އެހުންނަނީ ހަގީގަތުގައި ޓްވިން ޖިންނިކަމަށް ދެކެނީ. ސޯ އެޖިންނި އާއްމުކޮށް މީހުން ލައްވާ އީވިލް ކަންތައް ކުރުވާ ގޯޑްއަށް ޑިސްއޮބޭ ކުރުވަން މަސައްކަތްކުރުވާނެ. ތިއްތިއަށް އެނގޭތަ؟ ބައެއް މީހުން ރޭގަނޑުވުމުން ލޯގަނޑު މަތީ ފޮތިއަޅާފައި ނަމަވެސް ފޮރުވާނެ. ނިދާ ކޮޓަރީގައި މިގޮތަށް ލޯގަނޑުތައް ބެހެއްޓުމުން އަމާން ހަމަޖެހޭ ނިންޖެއްނުލިބޭނެ...." މާކް ބޫޓާއެކު އާރިސްގެ އެނދަށް އަރާފައި އޮތްއިރު ދެފައި ހަލުވަމުން ދިޔައެވެ.

"ވާއު...." ހުސާމް ހޭންފެށިއެވެ.

"މާކް ޖިންނިއާއި ދީނީ އިލްމުވެރިއަކަށްވެއްޖެ.. ޕަބްޖީކުޅުމުގެ ތެރޭ އެކަހަލަ ބަޔަކާއި ދިމާވީތަ؟" މިނަލްވެސް ޝައުގުވެރިވިއެވެ. މިނަލްގެ ލޯ އަބަދުހެން ހުއްޓިފައިވީ ހުސާމްގެ މޫނަށެވެ. އޭނަގެ ހަރަކާތްތަކަށެވެ. ހުސާމް އެނގޭކަމަކަށްވެސް ހަދާނުލައެވެ.

"ސީރިޔަސްކޮށްތަ؟ ނުނިދެންވީ ކީއްވެތަ؟ތިއްތިއަށް ނުނިދެނީ ލޯގަނޑާއިހެދިތަ؟ އަބަދު ނިދިއައިސްފައި އެކަމަކު ފުރިހަމަ ނިންޖެއް ނުލިބޭ............" އާރިސް އާފުރުނެވެ.

"ސަބަބަކީ އިންސާނުން ނިދީމަ ފުރާނަ ހަށިގަނޑު ދޫކޮށްދާނެ. އެގޮތަށް ސޯލް ހަށިގަނޑުދޫކޮށްދާއިރު ލޯގަނޑުން ރިފްލެކްޝަން ފެނުނީމަ ސޯލް ސިހި ބިރުގަންނަނީ. ދެން އެމީހަކަށް ނައިޓްމެއާސްތައް ފެނި ރޭގަނޑުގެ ނިދި ގެއްލޭގޮތްވެދާނެ..." މާކް އިތުރަށް ކިޔައިދިނެވެ. ހުސާމްއާއި މިނަލްއަށް މާކްގެ އެ "ތިއަރީ" މަޖާވިއިރު އާރިސް އެވާހަކަ ގަބޫލުކުރިއެވެ. ވަގުތުން ތެދުވެގެންގޮސް ފޮތިގަނޑެއް އަޅާ ލޯގަނޑު ފޮރުވާލައިފިއެވެ. މާކް އެއްމިޔަކަނުން ހީލިއެވެ.

***

ހުސާމް ސިޓިންރޫމްގައި ލަވަ ޗެނެލް އެއް ހުޅުވާލައިގެން އިންއިރު ގޭތެރެ ގުގުމާލާފައިވީ ހެވީ މެޓަލް ލަވަތަކުންނެވެ. އެކަމާއި އުދަގޫވެ ހުއްޓުވާނެ އެކަކުވެސް އެގޭތެރޭގައި ހުންނަކަމަކަށް ނުވެއެވެ. އެގޭގައި އުޅޭ އެންމެންވެސް މިއުޒިކަށް ލޯބިކުރެއެވެ. މިއުޒިކާއި ލަވައަކީ އެމީހުންގެ ފުރާނައިގެ ކާނާފަދައެވެ. އަޑުގަދަވެގެން އައްޔާޝް ކޮޓަރިން ނުކުމެގެން އައިއިރު މޫނުމަތިން ކޮންމެވެސް ވަރަކަށް ނުރުހުމުގެ އަސަރުފެނުނެވެ. އޭނަގެ ބޮލުގައި ރިއްސަންފެށުމުން އުދަގޫވީއެވެ. ހީވަނީ ބޮލުގައި މަރުތޭލަކުން ތަޅާހެންނެވެ. މިފަހަކަށް އައިސް އައްޔާޝްއަށް މިއުޒިކުން އުދަގޫވިޔަސް ކެތްކޮށްގެން ހުންނަނީ ގޭގެ މަސްލަހަތަށް ބަލާފައެވެ.

"ސޭމް. ވޮލިއުމް މަޑުކޮށްބަލަ..."

"ކީއްވެ؟" ހުސާމް ކުރީ ސުވާލެކެވެ.

"ނަމާދުގަޑިއަށް ހުރުމަތްތެރިކޮށް ހިތަންވާނެ. އެހެންމީހުން ގަޑިން ނަމާދުވެސް ކުރޭ.ތި ބޮލަށް އުދަގޫވާ ޒާތުގެ އަޑުފަށްގަނޑާއިހެދި ނަމާދަށް ސަމާލުކަމެއް ނުދެވޭ......................."

"ދޮންބެ ނަމާދަށް އަރަނީ ގެއަށް؟ ބޮޑު ޚަރަދުކޮށްގެން މިސްކިތްތައް އެޅުމުގެ މާނައެއްނެތެއްނު. އެހެން ދުވަހު ލަވަޖެހިޔަސް އަޔާއަށް އުދަގުލެއްނުވޭ......"

"އަބަދު އެއްގޮތެއްނުވާނެ. ނަމާދުގަޑީގައި ދެން ލަވަ ނުޖަހާތި. ބުނަން ވާހަކައެއް. ހުސާމްއަށް ނޭގެނީ. މިއުޒިކަކީ ހުއްދަކަމެއްނޫން. ނަމާދާއި މިއުޒިކް އެކީގައި ކުރެވޭނެއޭ ބުނެ ސޯޝަލްމީޑިއާގައި މީހުންނަށް އޮޅުވާނެކަމެއްނެތް......."

ހުސާމް ލަވައިގެ އަޑުތަންކޮޅެއް މަޑުކޮށްލިތަނާ ޝުވޭކާރު ވެގެން އުޅޭގޮތެއް އޮޅުން ފިލުވަން މަސައްކަތްކުރިއެވެ. އައްޔާޝް މައްސަލަޖައްސާފައި ދޮރު ބާރަށް ލެއްޕީ ކީއްވެކަން އެނގުމުން ޝުވޭކާރަށް ޝޮކެއްލިބުނެވެ.

"މަންމާ. ދޮންބެވެސް ދުވަސްކޮޅަކުން ޖިހާދަށް ސީރިޔާއަށް ފުރި ޚަބަރުލިބޭނީ. ކޮންމެވެސް ބަޔަކު ދޮންބެގެ ސިކުނޑި ދޮވެލައިފި. މިއުޒިކް ހުއްޓުވަން ކަން ނޭގޭ އުޅެނީ....." ހުސާމް ރިމޯޓް ސޯފާމައްޗަށް އެއްލާލާފައި ތެދުވުނެވެ. އޭނަގެ ހުރިހާ ދަރިން ނަފްސާނީ މައްސަލަޖެހެނީ ބާވައޭ ޝުވޭކާރުގެހިތަށް އެރިއެވެ. އައްޔާޝްއާއި ވާހަކަދައްކައިލަން ހިނގައިގަތްތަނާ އައި ފޯނުކޯލަކުން އޭނަގެ ފައިދަށުން ބިންގަނޑު ކަނޑައިގެން ދިޔަފަދައިހުސާސެއް ކުރެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު