މަދު ކުލަތަކަކުން ތުމާ މި ކިޔައިދެނީ ގިނަ ވާހަކަތަކެއް!

ތުމާލިރު މުހައްމަދު އިގުބާލް --

ކޮންމެ އާޓިސްޓަކީ ވެސް އެމީހަކަށް ޚާއްސަ، އަމިއްލަ ސްޓައިލެއް ގެންގުޅޭ އާޓިސްޓެކެވެ. ކޮންމެ އާޓިސްޓެއް ވެސް މަސައްކަތް ކުރަނީ އާޓު ބޭނުންކޮށްގެން އަމިއްލަ ވާހަކަތައް ކިޔައިދޭށެވެ. ތުމާލިރު މުހައްމަދު އިގުބާލްގެ އުދާސްތަކާއި ސިޔާސީ ހިޔާލުތައް މި ކިޔައިދެނީ ވެސް އާޓުންނެވެ. ތުމާގެ ވާހަކަތައް ކިޔައިދިނުމަށް ގެންގުޅެނީ މަދު ކުލަތަކަކާއި މިނިމަލް ޑިޒައިނެކެވެ. ނަމަވެސް ކިޔައިދޭ ވާހަކަތައް ގިނައެވެ.

ޑިޒައިނާ، އިލުސްޓްރޭޓާ އަދި އާޓިސްޓު ތުމާ އަކީ އެހެން އާޓިސްޓުންނެކޭ އެއްފަދައިން ވަރަށް ކުޑައިރުން ފެށިގެން އާޓުގެ އެކި ދާއިރާތަކަށް ވަރަށް ބޮޑު ޝައުގެއް ހުރި ޒުވާނެކެވެ. އެންމެ ކުޑައިރު އާޓުގެ ތެރެއަށް ތުމާއަށް ވަދެވުނީ ކުޑަކުދިންގެ ވާހަކަ ފޮތްތަކުންނެވެ.

"އާޓިސްޓުން ފޮތްތަކުގައި ކުރަހާފައި ހުންނަ ކެރެކްޓާތަކާއި އެ ކެރެކްޓާގެ މާހައުލު ވެސް ކުރަހާފައި ހުންނަ ގޮތް ވަރަށް ފުރިހަމަ. އެއީ އަހަރެންނަށް ވަރަށް ބޮޑަށް ކަމުދިޔަ ކަމެއް، އަދި އާޓިސްޓަކަށް ވާން ބޭނުންވީ،" ތުމާ ކިޔައިދިނެވެ.

View this post on Instagram

A post shared by Thumashir (@thumas_art)

އެކި ކަހަލަ ކެރެކްޓަރުންނަށް އޮތް ލޯތްބާއެކު އެންމެ ފުރަތަމަ ވެސް ތުމާ ކުރަހަން ފެށީ ޑިޒްނީގެ ކެރެކްޓާ ޕޮކަހަންޓަސް އެވެ. އުމުރުން ހަތް އަހަރުގައި އެންމެ ފުރަތަމަ ފަހަރަށް ކުރަހަން ފެށިއިރު އެ ކެރެކްޓާ ކުރެހުމުގައި ތުމާ އެތައް ދުވަހެއް ހޭދަކުރިއެވެ. ދެން އެ ކެރެކްޓާ އެންމެ ފުރިހަމަ ކުރެވޭތޯ ތުމާ އެންމެ ހަތް އަހަރުގައި، ހުއްޓާލުމެއް ނެތި މަސައްކަތް ކުރިއެވެ.

އެންމެ ފުރަތަމަ އާޓުގެ ތެރެއަށް ވަދެވުނު އިރު ތުމާ ގެންގުޅުނީ ކެންވަސް އާއި އިންކް އިލަސްޓްރޭޝަން އާޓް ސްޓައިލެވެ. ނަމަވެސް މިއީ ތުމާ މިހާރު ޚާއްސަވާ ސްޓައިލެއް ނޫނެވެ. މި ސްޓައިލު އުފެދިގެން އައީ ދަތި ހާލަތެއްގެ ތެރެއިންނެވެ.

View this post on Instagram

A post shared by Thumashir (@thumas_art)

"މިހާރު ގެންގުޅޭ އާޓް ސްޓައިލް އަސްލު އުފެދިގެން އައީ ކޮވިޑް ތެރޭގައި އާޓު ހެދުމަށް ގެންގުޅޭ ސަޕްލައިތައް ހުސްވާން ފެށުމުން. ކެންވަސްއަށް ބޭނުންވާ ކުލައާއި އެއްޗެހި ހުސްވިއިރު ބޭރަށް ނިކުމެވޭނެ ގޮތެއް ނެތް. އެހާ ހިސާބުން ފޮޓޯޝޮޕް އާ ކުޅެން ފެށީ،" ތުމާ ކިޔައިދިނެވެ.

ލޮކްޑައުންގެ ދުވަސްވަރު ފޮޓޯޝޮޕް ބޭނުންކޮށްގެން ޑިޖިޓަލް އާޓުގެ ތެރެއަށް ވަނީ ކުރަހާނެ ޚާއްސަ ޑިޖިޓަލް އާޓް ޕެޑެއް ނުވަތަ އައިޕެޑެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެނެއްނޫނެވެ. ތުމާ ޑިޖިޓަލް އާޓު ތައްޔާރުކުރަން ފެށީ ކޮމްޕިއުޓަރުގެ މައުސް ބޭނުންކޮށްގެނެވެ.

View this post on Instagram

A post shared by Thumashir (@thumas_art)

"މިކަން ވެގެން ދިޔައީ އަސްލު އެ ދަތި ދުވަސްވަރުގެ ތެރޭގައި ވަރަށް ތެރަޕިއުޓިކް ކަމަކަށް،" ތުމާ ކިޔައިދިނެވެ.

އެހާ ހިސާބުން އުފެދިގެން އައީ ތުމާގެ އާޓް ސްޓައިލެވެ. ތުމާ އޭނާގެ އާޓް ސްޓައިލް ސިފަކުރަނީ މިނިމަލިސްޓް އަދި ސަރިއަލިސްޓް އާޓް ސްޓައިލްގެ ގޮތުގައެވެ.

"މިނިމަލިޒަމް އަސްލު ވަރަށް ބޮޑަށް ކަމުދިޔައީ މި އާޓް ސްޓައިލުން ކުޑަ އެއްޗަކުން ވެސް ބޮޑެތި ވާހަކަތަކެއް ކިޔައިދެވޭތީ. އަދި މީގެ ސަބަބުން ސިކުނޑީގައި ހުންނަ ކަންތައްތައް އަތުރާލެވި ބުނަން އުޅޭ އެއްޗެއް ސާފުކޮށްލެވޭ. އަދި ސަރީލިޒަމް ކަމުދަނީ އޭގައި ހުންނަ ހުވަފެނީ، ހަގީގަތުން ބޭރު ސްޓައިލްގެ ސަބަބުން. މިއާއެކު ބޮލުގައިވާ ކަންތައްތައް އެކި ކަހަލަ ނިޝާންތަކުގެ އެހީގައި ކިޔައިދެވޭ،" ތުމާ ކިޔައިދިނެވެ.

ތުމާގެ އާޓުން މާ ގިނަ ކުލަތަކެއް ނުފެންނާނެއެވެ. އަދި އާޓުގައި މަދު ޑިޒައިންތަކެއް ހުރި ނަމަވެސް ތުމާގެ އާޓުން ތަފާތު ވާހަކަތަކެއް ކިޔައިދެއެވެ.

View this post on Instagram

A post shared by Thumashir (@thumas_art)

ތުމާގެ މި އާޓް ސްޓައިލަށް އެންމެ ބޮޑު އިންސްޕިރޭޝަނަކަށް ވަނީ ތުމާ ނަގާ ފޮޓޯތަކެވެ. ތުމާ ދާ ކޮންމެ ތަނަކުން ވެސް ވަށައިގެންވާ މާހައުލުގެ ފޮޓޯތައް ނެގުމަކީ އޭނާ ލޯބި ކުރާ ކަމެކެވެ. އެއިން ކޮންމެ ތަނަކުން ވެސް ކިޔައިދެނީ ވަރަށް ތަފާތު ވާހަކަތަކެކެވެ. އެ ވާހަކަތައް އާޓަށް ބަދަލުކޮށް، ތާރީޚާއި ސަގާފަތާ ގުޅުވުމަކީ ތުމާ ވަރަށް ކުރާ ހިތްވާ ކަމެކެވެ.

މިއިން ކޮންމެ އާޓަކީ ވެސް ތުމާ ވަރަށް ވަގުތު ހޭދަކޮށް، އެންމެ ހިތްހަމަޖެހެންދެން މަސައްކަތް ކުރުމަށް ފަހު ދައްކާލާ އާޓްތަކެވެ.

ތުމާގެ އާޓުން އެކި ފަހަރު ކިޔައިދެނީ އެކި ވާހަކަތެކެވެ. އެއްބައި ފަހަރު ހިތުގެ އެންމެ ފުނުގައި ވާ އުދާސްތަކެވެ. އަނެއްބައި ފަހަރު ސިޔާސީ ޚިޔާލުތައް ވެސް ތުމާ ހިއްސާ ކުރަނީ އޭނާގެ އާޓު ބޭނުންކޮށްގެންނެވެ.

View this post on Instagram

A post shared by Thumashir (@thumas_art)

ކުރިއަށް އޮތް ތަނުގައި ތުމާގެ އާޓް އިތުރަށް ފުޅާ ކުރުމުގެ ވިސްނުން އޭނާ ގެންގުޅެއެވެ. އެއިން އެއް ކަމަކީ ތުމާގެ އާޓްވޯކުތަކުގެ ޕްރިންޓުތަކެއް އުފެއްދުމެވެ. މިއީ ވަރަށް ގިނަ ބަޔަކު ތުމާ ގާތުން އެދިފައިވާ ކަމަކަށް ވާތީ އޭނާ ބޭނުން ވަނީ އެ މަސައްކަތް ވަރަށް އަވަހަށް ކުރުމަށެވެ.

ފޮޓޯ ފޮތްތަކަކީ ތުމާ ކުޑައިރުން ފެށިގެން ވެސް ވަރަށް ގަޔާވާ އެއްޗެކެވެ. އެހެންކަމުން އޭނާގެ އާޓު އިލަސްޓްރޭޝަންތަކުގެ ފޮތްތަކެއް ނެރުމަކީވެސް ތުމާގެ އުންމީދެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް