ވާޖިން އެޓްލާންޓިކް އެއާވޭސްގެ އުދުހުންތައް ރާއްޖެއަށް ފަށަނީ

ވާޖިން އެޓްލާންޓިކް އެއާވޭސް -- ފޮޓޯ ވާޖިން އެޓްލާންޓިކް

އިނގިރޭސިވިލާތުގެ މަޝްހޫރު ބިލިއަނަރު ރިޗާޑް ބްރޭންސަންގެ ވާޖިން އެޓްލާންޓިކް އެއާވޭސްގެ އުދުހުންތައް އަންނަ އަހަރުގެ ފިނި މޫސުމުގައި ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

ވާޖިން އެޓްލާންޓިކްގެ އުދުހުންތައް ރާއްޖެއަށް ފެށުމަށް ނިންމާފައިވާކަން ހާމަކޮށްފައި ވަނީ އެ އެއާލައިނުން އިއްޔެ ނެރުނު ބަޔާނެއްގައެވެ.

މިމަހުގެ 30ވަނަ ދުވަހުން ފެށިގެން އެ ދަތުރުތަކުގެ ޓިކެޓު ވިއްކާނެ ކަމަށް ވާޖިން އެޓްލާންޓިކުގެ ބަޔާނުގައިވެއެވެ.

މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ލަންޑަންގެ ހީތްރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ވާޖިން އެޓްލާންޓިކުން ހަފުތާއަކު ތިން ދަތުރު ރާއްޖެއަށް ބާއްވާ އިރު މި ދަތުރުތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ބޮއިން މަރުކާގެ 787 ޑުރީމްލައިނާއެވެ.

މިކަމާ ގުޅިގެން ވާޖިން އެޓްލާންޓިކްގެ ޗީފް ކޮމާޝަލް އޮފިސާ، ޖުހާ ޖާވިނެން ވިދާޅުވީ ރާއްޖެއަކީ ވާޖިން އެޓްލާންޓިކް ހޮލިޑޭ ކަސްޓަމަރުންގެ މެދުގައި މަގުބޫލު ގައުމެއް ކަމަށެވެ.

"އެހެންވެ އަހަރެމެން މި ފުރުސަތުގެ ބޭނުން ހިފާ، ރާއްޖެއަށް ދަތުރުތައް ފަށަން ކެތްމަދުވެފަ މިތިބީ،" އޭނާ ވިދާޅުވިއެވެ.

ނަވާރަސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު އޮޕަރޭޝަން ފެށި ވާޖިން އެޓްލާންޓިކް އެއާވޭސްއިން އަންނަނީ ދުނިޔޭގެ 32 މަންޒިލަށް ދަތުރުތައް ބާއްވަމުންނެވެ. ވާޖިން އެޓްލާންޓިކްގެ ފުލީޓުގައި 37 މަތިންދާ ބޯޓު އޮވެއެވެ.

ވާޖިން އެޓްލާންޓިކްގެ އުދުހުންތައް ކުރިއަށް އޮތް ފިނިމޫސުމާ ދިމާކޮށް ރާއްޖެއަށް ފެށުމަށް ނިންމި އިރު އިނގިރޭސިވިލާތުގެ ޤައުމީ އެއާލައިން ބްރިޓިޝް އެއާރވޭސުން އަންނަނީ ލަންޑަންގެ ހީތްރޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް ހުސްވި އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސީދާ ދަތުރުތައް ބާއްވަމުންނެވެ.

comment ކޮމެންޓް