ރާއްޖެއަށް ފްރީސްޓައިލް ފުޓްބޯލް އެސޯސިއޭޝަންގެ މެމްބަރުކަން، ކަންޓްރީ ލީޑަރަކަށް ސައިފް

ޑަބްލިއުއެފްއެފްއޭ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ކަންޓްރީ ލީޑަރު އަދި ރާއްޖޭގެ ފްރީސްޓައިލް ފުޓުބޯޅައިގެ ކިންގް ސައިފް ޒާހިރު- ފޮޓޯ:- ފޭސްބުކް

ދިވެހިރާއްޖެއަށް ވޯލްޑް ފްރީސްޓައިލް ފުޓްބޯލް އެސޯސިއޭޝަން (ޑަބްލިއު.އެފް.އެފް.އޭ) ގެ މެމްބަރުކަން ލިބިއްޖެއެވެ.

މިކަން ހާމަކޮށް އެ އެސޯސިއޭޝަނުން ވަނީ ރާއްޖެއަށް މަރުޙަބާ ކިޔާފައެވެ. އަދި ރާއްޖެއަކީ އެ އެސޯސިއޭޝަންގެ 116 ވަނަ މެމްބަރު ގައުމުކަން އިއުލާނުކޮށްފައިވެސް ވެއެވެ.

މީގެއިތުރުން އެ އެސޯސިއޭޝަނުން މީސްމީޑިއާގެ ޕްލެޓްފޯމްތަކުގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، އެ އެސޯސިއޭޝަނުން ރާއްޖެއަށް ކަނޑައަޅާ ކަންޓްރީ ލީޑަރަކީ ރާއްޖޭގައި ހުރި މި ފަންނުގައި އެންމެ ފުންނާބުއުސް ތަރި، ރާއްޖޭގެ ފްރީސްޓައިލް ފުޓުބޯޅައިގެ ކިންގް މުހައްމަދު ސައިފް ޒާހިރު (ސުޕަމޭން) ކަމަށެވެ.

އަދި ސައިފް އާއި ހަވާލުކުރެވުނު މަސްއޫލިއްޔަތާއިއެކު، އޭނާގެ ލީޑާޝިޕުގެ ދަށުން ރާއްޖޭގައި ފްރީސްޓައިލް ފުޓްބޯޅައިގައި ކުރިއަރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މީގެއިތުރުން ޑަބްލިއުއެފްއެފްއޭ އިންވަނީ، މި ފަންނު ކުރިއެރުވުމަށް ރާއްޖޭގައި ސައިފް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް، މަރުޚަބާ ކިޔައި ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގައި ފްރީސްޓައިލް ފުޓުބޯޅަ ކުރިއެރުވުމަށް ސައިފް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް ޑަބްލިއު.އެފް.އެފް.އޭ އިން ސައިފް އަށް އެ އެސޯސިއޭޝަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ލީޑަރުގެ ޝަރަފު ދީފައިވާއިރު، ސައިފް ވަނީ ރާއްޖޭގައި ފްރީ ސްޓައިލް ކުރިއެރުވުމަށް އޭނާގެ އަމިއްލަ ބްރޭންޑެއްވެސް ތައާރަފުކޮށްފައެވެ.

މި ޝަރަފު ލިބުމުން އެކަން ފާހަގަކޮށް ސައިފް ބުނީ، މިއީ ދިވެހި ފްރީސްޓައިލަރުންގެ މުސްތަޤްބަލަށް އެޅުނު ބޮޑު ފިޔަވަޅެއް ކަމަށާއި، ރާއްޖޭގައި ފްރީސްޓައިލް ފުޓްބޯޅަ ކުރިއެރުވުމަށް ޑަބްލިއު.އެފް.އެފް.އޭ ގައި ބައިވެރިވުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

އަދި މިކަން ހާސިލްކުރުމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށާއި، ރާއްޖޭގެ ފްރީސްޓައިލް ކުރިއެރުވުމަށްޓަކައި އެންމެ ފުރިހަމައަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދޭކަމަށް ކސައިފް ބުނެފައިވެއެވެ.

ސައިފް ޒާހިރު ވަނީ ރާއްޖޭގައި ބޭއްވި ރެޑްބުލް ސްޓްރީޓް ސްޓައިލުގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފައެވެ. މިއީ މި ކުޅިވަރުގައި ރާއްޖޭގައި ބާއްވާ އެންމެ ހައިބަތު ބޮޑު މުބާރާތެވެ. މީގެއިތުރުންވެސް ސައިފް ވަނީ ބައިނަލްއަގްވާމީ އެކި މުބާރާތްތަކުގައި މީގެކުރިން ވާދަކޮށްފައެވެ.

ވޯލްޑް ފްރީސްޓައިލް ފުޓްބޯލް އެސޯސިއޭޝަނަކީ ފްރީސްޓައިލް ފުޓްބޯޅަ ކުޅިވަރުގެ ބައިނަލްއަގުވާމީ މައި އިދާރާއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފްރީސްޓައިލް ފުޓްބޯޅައަށް ހޭލުންތެރިކަން އިތުރުކޮށް ބައިވެރިވުން އިތުރުކުރުމަށް އެ ޖަމިއްޔާއިން މަސައްކަތް ކުރެއެވެ.

ޑަބްލިއުއެފްއެފްއޭ އަކީ ރެޑްބުލް ސްޓްރީޓް ސްޓައިލް، ސުޕަ ބޯލް އަދި 100 އަށްވުރެ ގިނަ ގައުމުތަކުގައި ސަރަހައްދީ އަދި ލޯކަލް ގިނަ މުބާރާތްތަކެއް ބާއްވާ ޕްރައިމް ފްރީސްޓައިލް ފުޓްބޯޅަ މުބާރާތްތައް އިންތިޒާމްކުރާ އެސޯސިއޭޝަންވެސް މެއެވެ.

އެ އެސޯސިއޭޝަން ވުޖޫދުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު