ބޮޑު އުންމީދަކާއިއެކު ސްކޮޑުގައި ހިމެނި މާނޭއަށް ވޯލްޑްކަޕުގައި ނުކުޅެވޭނެ

ސެނެގާލް އާއި ބަޔާން މިއުނިކުގެ ތަރި ސަޑިއޯ މާނޭ

ދުނިޔޭގައި އެންމެގިނަ ބަޔަކު އެ މުބާރާތަކަށް އިންތިޒާރުކުރާ، ފީފާ ވޯލްޑް ކަޕުގެ މިފަހަރުގެ އެޑިޝަންގައި ވާދަކުރާ ސެނެގާލް ޓީމުން، އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، ސަޑިއޯ މާނޭ ނުފެންނާނެކަން ކަށަވަރުވެއްޖެއެވެ.

މުބާރާތުގައި މާނޭއަށް ނުކުޅެވެނީ، އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ރިކަވާ ނުވާތީއެވެ.

މާނޭގެ ކަކުލަށް އަނިޔާވެފައިވަނީ މިމަހުގެ 9 ވަނަ ދުވަހު ބުންޑަސްލީގާގައި ބަޔާން މިއުނިކުން ވާޑާ ބްރެމެން ބަލިކުރި މެޗުގައެވެ. އެމެޗުގައި ލިބުނު އަނިޔާގެ ސަބަބުން ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގެ ތެރޭގައި މާނޭ ވަނީ ބާލާފައެވެ.

މާނޭއަށް އަނިޔާވި މެޗުގެ ތެރެއިން

މިއާއެކު ވޯލްޑް ކަޕުގައި މާނޭއަށް ނުކުޅެވޭނެކަމަށް ގިނަބަޔަކު ބުނަމުންދަނިކޮށް، ސެނެގާލް އިންވަނީ އެ ގައުމުން ވޯލްޑް ކަޕަށް އެކުލަވާލި ސްކޮޑުގައި މާނޭ ހިމަނައި، އެންމެން ހައިރާން ކޮށްލާފައެވެ.

ސެނެގާލް ޓީމު އިއުލާނުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާނޭ ޓީމުގައި ހިމެނުމާ ބެހޭގޮތުން، ކޯޗު އަލިއޫ ސީސޭ ބުނީ މާނޭގެ ހާލަތު ދެނެގަންނަން އޭނާ ކައިރީގައި ސެނެގާލް ޓީމުގެ ޑޮކްޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، ތަޖުރިބާކާރު އެހެން ބައެއް ޑޮކްޓަރުންނަށްވެސް ދައްކަމުންދާ ކަމަށެވެ. އަދި އަނިޔާއިން ރަނގަޅުވުމަށް އޮޕަރޭޝަނެއް ކުރަން ނުޖެހޭނެކަމަށްވެސް އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު އަލިއޫ ސީސޭ ބުނެފައިވެއެވެ.

އެހެންނަމަވެސް އޭރުވެސް ލަފާކޮށްފައިވަނީ ސެނެގާލް އިން މުބާރާތުގައި ކުޅޭ ފުރަތަމަ އަދި ދެވަނަ މެޗުގައި މާނޭއަށް ނުކުޅެވޭނެ ކަމަށެވެ.

ބޮޑު އުންމީދެއްގައި ސެނެގާލްގެ ގައުމީ ސްކޮޑުގައި މާނޭގެ ނަން ހިމަނައި، އެޓީމުގެ ސަޕޯޓަރުންނަށް ހިތްހަމަޖެހުން ގެނެސްދީފައި ވަނިކޮށް، އޭނާއަށް މުޅި މުބާރާތް ގެއްލޭނެކަން މިހާރު މިވަނީ ޔަގީންވެފައެވެ.

މުބާރާތުގައި ސެނެގާލް އިން ފުރަތަމަ މެޗުގައި ނުކުންނާނީ ނެދަލެންޑްސް އާއި ދެކޮޅަށެވެ. ސެނެގާލް ހިމެނެނީ މުބާރާތުގެ ގްރޫޕް އޭގައި، މުބާރާތް ބާއްވާ ގައުމު، ގަތަރާއި އެކުއެޑޯ އާއި ނެދަލެންޑްސް އާއިއެކުއެވެ.

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ދެފަހަރަށް ހޯދާފައިވާ މާނޭ އަކީ، ސެނެގާލްގެ ގައުމީ ޓީމުން މުބާރާތުގެ ގްރޫޕް ސްޓޭޖު ގިރާކޮށް، ނޮކް އައުޓް ސްޓޭޖަށް ދިއުމަށްޓަކައި އެންމެ ބޮޑަށް ޓީމުގައި ބަހައްޓަން ބޭނުންވާނެ ކުޅުންތެރިޔާއެވެ.

މާނޭ އަކީ ސެނެގާލް އިން ފުރަތަމަ ފަހަރަށް އެފްރިކާ ބައްރުގެ ފުޓުބޯޅައިގެ ރަސްކަމަށް އިސްވެ، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދިއިރު، މުބާރާތުގެ ފައިނަލުގެ ޕެނަލްޓީ ޝޫޓްއަައުޓުގައި މިސްރު ކޮޅަށް މޮޅުވި ޕެނަލްޓީ ޖަހައިދިން ކުޅުންތެރިޔާއެވެ.

އަދި އޭގެ ދެމަސްދުވަސް ފަހުން ފީފާ ވޯލްޑް ކަޕުގެ ކޮލިފިކޭޝަންގެ ޕްލޭ އޮފްގައިވެސް ސެނެގާލް އިން މިސްރުގެ މައްޗަށް ކުރިހޯދީ މާނޭ ކާމިޔާބުކޮށްދިން ޕެނަލްޓީ އިންނެވެ.

ފީފާ ވޯލްޑް ކަޕް 2022 ގައި މާނޭއަށް ނުކުޅެވުން މިއީ ސެނެގާލް ޓީމަށް ލިބިގެންދާނެ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ.

comment ކޮމެންޓް