ސަރުކާރަށް ހަތަރު އަހަރު: ރަށްރަށުގައި ގެދޮރު އަޅަން 45 މިލިއަން ރުފިޔާގެ ލޯން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް --- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް މިވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރަށްރަށުގައި ގެދޮރު އަޅަން 45 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.

ރައީސް ޞާލިޙުގެ ސަރުކާރަށް އިއްޔެ ހަތަރު އަހަރު ވެފައިވާއިރު މި ދައުރުގައި ވަނީ "ގެދޮރުވެރިޔާ"ގެ ނަމުގައި ލޯން ސްކީމެއް ތައާރަފް ކޮށްފައެވެ. އެ ލޯން ސްކީމަކީ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ގެދޮރު ބިނާކުރަން ލުއިގޮތްތަކެއް ފަހިކޮށްދޭން ކުރިއަށްގެންދާ ސްކީމެކެވެ.

އެ ލޯނު ސްކީމްގެ ތެރެއިން ގެދޮރު އިމާރާތްކުރުމަށާއި ގެދޮރު މަރާމާތުކުރުމަށް ބޭނުންވާ ފައިސާ ދޭނެއެވެ.

އެ ލޯނުގެ ތެރެއިން އެންމެ ގިނަވެެގެން ލިބޭނީ ހަތް ލައްކަ ރުފިޔާއެވެ. މިއީ ހަ ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ވިހި އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން އަދާކުރަން ޖެހޭ ލޯނުތަކެކެވެ. އެ ލޯނަށް ކޮންމެ މަހަކު ދައްކަން ޖެހޭ ވަރު، 5،000 ރުފިޔާއަށް ވުރެ ބޮޑެއް ނުވާނެއެވެ.

މި ލޯނަށް އެދޭ ފަރާތްތަކުން އިކުއިޓީއަށް ދައްކަން ޖެހެނީ ލޯނުގެ 20 ޕަސެންޓެވެ. އަދި ރަހުނުކުރަން ޖެހެނީ އިމާރާތްކުރާ ބިމާއި އިމާރާތެވެ. އިތުރު ރަހުނެއް ހުށަހަޅާކަށް ނުޖެހެއެވެ.

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި 504 ފަރާތަކުން ވަނީ ގެދޮރުވެރިޔާ ލޯނުގެ ދަށުން 314 މިލިއަން ރުފިޔާގެ ލޯނަށް އެދިފައެވެ. އޭގެ ތެރެއިން 284 ފަރާތަކަށް 158 މިލިއަން ރުފިޔާ ލޯނު މިހާތަނަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ލޯނު ދޭން 196 ފަރާތާއެކު އެގްރީމެންޓް ހަދާފައިވާއިރު ލޯނުގެ ގޮތުގައި 45 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މިހާތަނަށް ހަ ލޯނަކަށް ވަނީ އެއްކޮށް ފައިސާ ދޫކޮށް ނިންމާފައެވެ.

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމަށް 14،502 ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ގޯއްޗާއި ރޯ ހައުސްއާއި ފްލެޓާއި ސިންގަލް ހައުސް ހިމެނެއެވެ.

މިވަގުތު ހަތް ރަށެއްގައި 705 ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުންދާއިރު ފަސް ރަށެއްގައި 251 ޔުނިޓު އެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

މަސައްކަތް ނިމިފައިވާ ރަށްރަށުގެ ތެރޭގައި:

  • ބ. ތުޅާދޫގައި 50 ސިންގަލް ހައުސް
  • ހދ. ނޮޅިވަރަންފަރުގައި 60 ސިންގަލް ހައުސް
  • ޅ. އޮޅުވެލިފުށީ ގައި އެއް ސިންގަލް ހައުސް
  • ޅ. ނައިފަރުގައި 100 ފްލެޓް
  • ހދ. ކުޅުދުއްފުށީ ގައި 40 ރޯހައުސް

މީގެ އިތުރުން މި ދައުރުގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރޭގައި މާލެ ރައްޔިތުންނަށް ގޯތި ދޫކުރަން ފެށުން ހިމެނެއެވެ. އެގޮތުން ހުޅުމާލެއިން 1000 ގޯއްޗާއި ގުޅީފަޅުން 2000 ގޯއްޗާއެކު ޖުމްލަ 3000 ގޯތި ދޫކުރަން އިއުލާންކުރިއެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދޫކުރަން ހުޅުވައިލީ މި އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު "ގެދޮރުވެރިން"ގެ ޕޯޓަލް މެދުވެރިކޮށެވެ. އަދި މިދިޔަ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ގޯއްޗަށް އެދި "ބިންވެރިޔާ" ސްކީމަށް 15،164 ފޯމު ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ މާލެ ސަރަޙައްދުން ވެސް ފްލެޓް ދޫކުރަން ނިންމައިފައެވެ. އެގޮތުން "ގެދޮރުވެރިން" ޕޯޓަލް މެދުވެރިކޮށް "ގެދޮރުވެރިޔާ" ސްކީމަށް ޖުމްލަ 20،697 ފޯމު ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ދެ ކޮޓަރި ފްލެޓަށް 6،208 ފޯމާއި ތިން ކޮޓަރި ފްލެޓަށް 14،489 ފޯމު ވަނީ ހުށަހަޅާފައެވެ.

މި ހުރިހާ ކަމަކީ ވެސް، މި ސަރުކާރުގެ މެނިފެސްޓޯގައި "ފަޚުރުވެރި އާއިލާ"ގެ ދާއިރާގެ ދަށުން ހިމަނާފައިވާ ކަންތައްތަކެވެ.

"ފަޚުރުވެރި އާއިލާ"ގެ ވައުދު ފުއްދުމަށްޓަކައި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން ވަނީ ޖުމުލަ 17،979 ވަޒީފާވެސް އިތުރުކޮށްފައެވެ. އޭގެ ތެރެއިން 7،990 ވަޒީފާ ލިބުނީ އަންހެނުންނަށް ކަމަށް ވާއިރު 9،989 ވަޒީފާ ލިބުނީ ފިރިހެނުންނަށެވެ.

comment ކޮމެންޓް