ޝިފްލީން: މައިންނަށް ވާނެކަން ދައްކައި އެންމެ އުހަށް!

އެ ރިޕޯޓްތައް ކިޔާފައި, އެއީ ދުވާލު އެއްކޮށް އަނތްބަކާއި މައެއްގެ ޒިންމާ އަދާ ކުރުމަށް ފަހު، ރޭގަނޑުގެ ނިދި ގުރުބާން ކޮށްގެން ލިޔެފައިވާ އެއްޗެއް ކަމެއް ނޭނގެއެވެ. އަދި އެއީ ކުޑަ ރަށެއްގައި ދިރިއުޅެމުން ކުރާ މަސައްކަތެއްހެން ވެސް ހިޔެއް ނުވެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގެ ޚަބަރާއި ރިޕޯޓްތައް ލިޔާލެއް ފުރިހަމަ ކަމުންނެވެ. ލިޔުމުގެ ވައްޓަފާޅި އާއި ހިމަނާފައި ހުންނަ މައުލޫމާތު ވަރަށް ފުރިހަމައެވެ. ހުށަހަޅައި ދީފައި ހުންނަނީ ކިޔަން ފަސޭހަ ގޮތަކަށެވެ. ކޮންމެ ދުވަހަކުހެން އޭނާގެ އެފަދަ މޮޅު ލިޔުންތައް ނޫހުން ކިޔަން ލިބެއެވެ. މިއީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިފަހުން ދިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ، އައިމިނަތު ޝިފްލީންގެ ވާހަކައެވެ.

ހދ. މަކުނުދުއަށް އުފަން، ޒުވާން ޝިފްލީން ނޫސްވެރިކަން ފެށީ "ހަވީރު" ނޫހުންނެވެ. އެ ނޫސް ބަންދު ކުރުމާއެކު އެ ޓީމުން ދެން އުފެއްދި "މިހާރު" ނޫހާ ގުޅުނެވެ. އަދި މިވަގުތު އޭނާ ހުރީ، "ދައުރު" ނޫހުގެ އެސިސްޓެންޓް އެޑިޓަރުގެ މަގާމުގައެވެ. ރާއްޖޭގައި މަތީފަންތީގެ ނޫސްވެރިކަން ކުރާ މީހުންގެ ތެރެއިން އަތޮޅުތެރޭ ކުޑަ ރަށެއްގައި ދިރިއުޅެމުން އެކަން އެންމެ ފުރިހަމައަށް ކުރާ މީހާއަކީ ޝިފްލީނެވެ. މީގެ ކުރިން ވެސް އެމްއެމްސީއިން ދިން ނޫސްވެރިކަމުގެ އިނާމް ހާސިލް ކޮށްފައިވާ ޝިފްލީން މިފަހަރު މި ހޯދި ކާމިޔާބީ ވަރަށް ތަފާތެވެ. ދިރިއުޅުމަށް އައި ބަދަލުތަކާއެކު ވެސް އޭނާ ސާބިތު ކޮށްދިނީ ޝައުގުވެރިވާ މަސައްކަތުން ކުރިއަށް ދެވޭނެ ކަމެވެ.

ޝިފްލީން އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެން ޚަބަރެއް ލިޔަނީ: ޝިފްލީން ތަފާތު ދެއްކީ ބުރަކޮށް އުޅެމުން-- ފޮޓޯ: ޝިފްލީން ފޭސްބުކް

އެންމެ ކުޑައިރުން ފެށިގެން އަމާޒަކީ ނޫސްވެރިއަކަށް ވުން

އޭނާ ނޫސްވެރިއަކަށް ވާން ބޭނުންވީ އުމުރުގެ މިވެނި ހިސާބަކުންކަން ބުނަން ޝިފްލީނަކަށް ވެސް ނޭނގެއެވެ. ކުޑައިރުއްސުރެވެސް ނޫސް ކިޔުމަށް އޭނާ ފޯރި ހުރެއެވެ. ސްކޫލްގެ ލައިބްރަރީއަށް ގޮސްވެސް ފޮތްތަކާއި ނޫސްތައް ކިޔުމަކީ އޭނާ އާންމުކޮށް ކޮށްއުޅޭ ކަމެކެވެ. އަދި އެ ދުވަސްވަރު ރާއްޖޭގައި ނެރެމުން އައި މަޖައްލާތައް ގަނެގެން އެ ކިޔުމަކީ އޭނާ ހުސްވަގުތު އެންމެ ލޯބިކުރާ ކަންތަކެވެ.

"ގްރޭޑް ފަހެއްގައި އުޅުނުއިރު ވެސް ދަން ބުކްޝޮޕްތަކަށް. ގޮސް މަޖައްލާ އެއްޗެހި ގަންނަނީ. އައްޑުވަސް، އުދަރެސް އެއްޗެހި. ބައްޕަ ވަރަށް ރުޅި އަންނާނެ، ބައްޕަ ބުނާނެ ކިޔެވުން ހަލާކުވާނެއޭ އުމުރާ ވެސް ނުގުޅޭނޭ. އެކަމަކު އޭރުވެސް ބޮޑަށް ޝައުގު ހުރޭ ނޫސްތައް ކިޔާ މަޖައްލާތައް ކިޔާ ހެދުމަށް،" ޅަދުވަހުގެ ހަނދާންތައް ހެވިފައި އިނދެ ޝިފްލީން ކިޔައިދިނެވެ.

ޝިފްލީން "ހަވީރު" ނޫހުގެ ބައެއް ނޫސްވެރިންނާއެކު-- ފޮޓޯ: ހަވީރު

ތިމާ އެކަމަކާ މެދު އުއްމީދުކޮށް ހުވަފެންތައް ދެކި، އަދި އެކަމަށް އެދި ގަދައަޅައި މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބު ކުރެވޭނެއެވެ. ޝިފްލީނަކީ އޭގެ މިސާލެކެވެ. އަމީނިއްޔާ ސްކޫލްގައި މަތީ ގްރޭޑްތައް ކިޔެވިއިރު ނޫސްތައް ރައްޓެހިންނަށް ދެއްކުމަށް ފަހު، ކުރިއަށް އޮތްތަނުގައި ނޫސްތަކުގައި އޭނާގެ ލިޔުންތައް ހުންނާނެ ކަމަށް ބުނެ އުޅުނެވެ. އަދި ސްކޫލްގައި އުޅެމުން ނޫސްވެރިކަން ކުރެވޭނެ މަގުތައް ހޯދަން ފެށިއެވެ.

"ހުންނަ ޝައުގެއްގެ ބޮޑުކަމުން ގޭގައި ހުންނަ ފޯނުން ހަވީރު ނޫހުގެ ނަމްބަރު ހޯދައިގެން ގުޅީ އެއް ދުވަހު. ގުޅާފަ ބުނީ އެޑިޓަރަށް ޕާސްކޮށް ދޭށޭ. އޭރު ޑރ. އަލީ ރަފީގް ހުންނަވަނީ ހަވީރުގެ އެޑިޓަރަކަށް. އަލީއަށް ދެންނެވިން އަޅުގަނޑަކީ އަމީނިއްޔާ ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވާ ކުއްޖެކޭ އަޅުގަނޑު ވަރަށް ނޫސްވެރިކަމަށް ޝައުގުވެރިކަން ހުރެއޭ. އަޅުގަނޑަށް ޕާޓްޓައިމް ގޮތަށް ނަމަވެސް ވަޒީފާ ދެއްވާށޭ. އެ ދުވަހު އަލީ ދެންނެވީ ސްކޫލް ކުދިންނަށް ވަޒީފާ ނުދެމޭ. ސްކޫލް ނިމިގެން އަންނާށޭ،" ޝިފްލީން ކިޔައިދިނެވެ.

ސްކޫލް ނިމުމާއެކު ޝިފްލީން ފުރަތަމަ ވަޒީފާއަކަށް ނުކުތީ ގައުމީ ކުތުބުޚާނާއަށެވެ. އެތަނުގައި އެއް މަސް ނުވެ އުޅެނިކޮށް، ހަވީރު ނޫހުން ނޫސްވެރިން ހޯދަން އިއުލާން ކޮށްފައި ވަނިކޮށް ފެނުނެވެ. މަންމަ ލައްވައި އަތުން ސިޓީއެއް ލިޔެގެން އަވަހަށް ހުށަހެޅިއެވެ. އިންޓަވިއުތަކުން ފާސްވެ އެންމެ 17 އަހަރުގައި ޝިފްލީނަށް ނޫސްވެރިކަން ކުރުމުގެ ފުރުސަތު 2007 ވަނަ އަހަރު ލިބުނެވެ. އޭރު ޝައުގުގެ އިތުރުން އެހެން ކަމެއް އޭނާގެ ނެތެވެ. ޚަބަރާއި ރިޕޯޓް ލިޔާކަށް ނޭނގެއެވެ. ނަމަވެސް ހަވީރު ނޫހަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު ނޫސްވެރިން އޭރުވެސް ތިބި ނޫހަށް ވެފައި އެ ދާއިރާ ދަސް ކުރުމަށް ގިނަ އެހީތަކެއް އޭނާއަށް ލިބުނެވެ.

ހަވީރު ނޫސް ބަންދު ކުރުމުން އެކަމާ ދެކޮޅަށް ނޫސްވެރިން ބޭއްވި އެއްވުމެއްގެ ތެރެއިން-- ފޮޓޯ: ޝިފްލީން ފޭސްބުކް

"އޭރު ނޭނގޭ ޓައިޕް ކުރާކަށް ވެސް. ހަނދާން ހުރޭ ހިރިގާ އަޙްމަދު ޒާހިރު ގަނޑެއްގައި އަޅުގަނޑު ލައްވައި ލިޔުއްވައިގެން ޚަބަރު ލިޔަން ދަސް ކުރީވެސް. އޭރު ޚަބަރު ހޯދަން ވެސް ނޭނގޭ. އޭރު ހުންނަނީ ފެކްސް މެޝިން. ސޯޝަލް މީޑިއާއެއް ނުހުރޭ. އޮފީސްތަކުން ވެސް ފޮނުވާނީ ފެކްސް. އެހެންވެ ފެކްސް މެޝިން ކައިރި ހުއްޓިލައިގެން ހުރެ އޮފީހަކުން ފެކްސްއެއް ކޮށްލާއިރަށް ހިފައިގެން ގޮސް ލިޔެލަނީ،" އެ އުފާވެރި ދުވަސްތައް ޝިފްލީން ކިޔައިދިނެވެ.

ހަވީރު ނޫހަކީ ރާއްޖޭގެ އެއްވަނަ ނޫހަށް ވުމުން ގިނަ ފުރުސަތުތަކެއް ޝިފްލީނަށް އާކޮޅު ވެސް ލިބުނެވެ. އަދި އެ ދުވަސްވަރު ނޫސްވެރިން ޚަބަރުތައް ގެނެސް ދެނީ އެ ހާދިސާއެއް ހިނގި ތަނަކަށް ގޮސް މައުލޫމާތު ނަގައިގެން ކަމަށްވާތީ ގިނަ ތަޖުރިބާތަކެއް އެހާ ޒުވާން އުމުރުގައި ކުރަން ޖެހުނެވެ. އެއާއެކު ނޫސްވެރިކަމަށް ފަރިތަވެ ކުރިއަރަން ފެށިއެވެ. އޭނާ ގަބޫލު ކުރާގޮތުގައި ބާރަށް ކުރިއަރައިގެން ދިޔަ ސަބަބަކީ ވަރަށް ހަރަކާތްތެރި ނޫސްވެރިއެއްގެ ގޮތުގައި އުޅުމާއި ތަޖުރިބާކާރު ނޫސްވެރިންތަކެއް މަގުދައްކައި ދޭން ތިބުމެވެ.

ތަޖުރިބާގެ އިތުރުން ދާއިރާއިން ގިނަ ތަމްރީނާއި ތައުލީމް ވެސް ޝިފްލީން ވަނީ ހާސިލް ކޮށްފައެވެ. އެގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުން ނޫސްވެރިކަމުގެ ގިނަ ތަމްރީންތަކެއް ހެދިއެވެ. އަދި ގައުމީ ޔުނިވާސިޓީން ނޫސްވެރިކަމުގެ ދާއިރާއިން ޑިގްރީ ވަނީ ހާސިލް ކޮށްފައެވެ.

16 އަހަރު ތެރޭގައި އެތައް ޚާއްސަ ކަވަރޭޖެއް

ފެށުނީއްސުރެއް މިއަދާ ހަމައަށް ވެސް ޝިފްލީނަކީ ރާއްޖޭގެ ޚަބަރުތަކަށް ޚާއްސަ ނޫސްވެރިއެކެވެ. އަދި ޚާއްސަ ދާއިރާއެއްގެ ގޮތުން ތައުލީމީ ދާއިރާ، ހަވީރު ނޫހާއި މިހާރު ނޫހުގައި ވެސް ކަވަރު ކުރިއެވެ. އަދި އިޖުތިމާއީ މައްސަލަތައް ކަވަރު ކުރުމަށާއި މީހުންގެ ޕްރޮފައިލްތައް ޝައުގުވެރި ގޮތަކަށް ގެނެސް ދިނުމަށް އޭނާ ކުޅަދާނައެވެ.

ޝިފްލީން ބިދޭސީއެއްގެ އިންޓަވިއޫ ނަގަނީ-- ފޮޓޯ: ޝިފްލީން ފޭސްބުކް

ނޫސްވެރިކަމުގައި އޭނާ ހޭދަކުރި މި 16 އަހަރު ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކަވަރޭޖަކީ މާލޭގެ ގޯޅިގަނޑެއް ތެރެއިން ވިހޭގޮތަށް ކުޑަ ކުއްޖެއް އޮއްވައި ފެނުނު ހާދިސާއެވެ. އެ ކުއްޖާ ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރި އަންހެން މީހާއާ ޝިފްލީން އިންޓަވިއުކޮށް ހަވީރު ނޫހުގައި ޚަބަރު ލިޔުނެވެ. ފަހުން އެނގުނީ ފުލުހުންނަށް ރިޕޯޓް ކުރީ ކުއްޖާގެ އަސްލު މަންމަ ކަމެވެ. ކައިވެނިން ބޭރުން ވިހެއީތީ އޭނާ އެކަން ސިއްރު ކުރަން ކުރިކަންތައް ފަޅާއެރުމުން އެކަމަށް ދިން ކަވަރޭޖް ޝިފްލީން ފާހަގަ ކުރިއެވެ.

"އެ އަންހެން މީހާ އާ ފަހުން އަޅުގަނޑު ސުވާލު ކުރުމުން އޭނާ އެއްބަސްވީ. ރޮއެރޮއެފައި ކިޔައިދިނީ ތިމަންނައަށް ނުކެރުނީއޭ ކައިވެނީގެ ބޭރުން ލިބުނު ކުއްޖެއް ވީމައި މި ކުއްޖާ ބަލައިގަންނަން. އެކަމަކު ތިމަންނަ ބޭނުމޭ ތިމަންނަގެ ދަރިފުޅު. ތިމަންނައަށް ދަރިފުޅު ހޯދަދޭށޭ. އޭނާ ޕަބްލިކްކޮށް މާފަށް އެދުނީމާ އަޅުގަނޑުމެން އައިސް އެ ޚަބަރު ލިޔެފައި އެ ކުއްޖާ މަންމައަށް ހޯދައި ދިނުމަށް ވެސް މަސައްކަތް ކުރިން. ފަހުން ޖެންޑާއިން ކުއްޖާގެ މަންމައާ ކުއްޖާ ހަވާލު ވެސް ކުރި." ޝިފްލީން ކިޔައިދިނެވެ.

ދެން ޚާއްސަ އަނެއް ކަވަރޭޖަކީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ރިޔަލުގައި 2016 ވަނަ އަހަރު ދަތުރު ކުރި އަބްދުލްޢަފޫރު (ގައްބެ)، އާއެކު ޝިފްލީން ކުރި ދަތުރެވެ. ގައްބެ ދަތުރުކުރީ ކަޓަމަރާނެއްގައި ރިޔަލުގައެވެ. އެ މުޅި އިވެންޓް ކަވަރު ކުރުމަށް ގައްބެގެ ފަހަތުން ލޯންޗުގައި ޝިފްލީން ދަތުރުކުރިއެވެ. ޝައުގުވެރި ޚަބަރާއި ރިޕޯޓުތައް ލިޔެ މުޅި އެ އިވެންޓް ކަވަރު ކުރިއެވެ.

ޝިފްލީން ގައްބެއާއެކު: މިއީ ޝިފްލީނަށް ވަރަށް ފާހަގަ ކޮށްލެވޭ ކަވަރޭޖެއް-- ފޮޓޯ: ޝިފްލީން ފޭސްބުކް

އުމުރުން ތިން އަހަރުގައި މަންމަގެ އަނިޔާތަކުގެ ސަބަބުން މަރުވި މުޙައްމަދު އިބްތިހާލްގެ ކަވަރޭޖް ވެސް ޝިފްލީނަށް ޚާއްސައެވެ. އެ ޚަބަރު ލިޔުމުގެ އިތުރުން އެ ރަށަށް ގޮސްގެން ވެސް އެ ހާދިސާ ޝިފްލީން ކަވަރު ކުރިއެވެ. މިފަދަ އެތައް ހާދިސާއެއް އޭނާގެ ގަލަމުން ކިޔުންތެރިންނާ ހަމައަށް ވަނީ ގެނެސްދީފައެވެ.

އަލަތު ދަރިފުޅާއެކު ރަށަށް

ބުރަކޮށް ނޫސްވެރިކަމުގައި އުޅުނު ޝިފްލީން އަލަތު ކައިވެނި ކުރީ 2017 ވަނަ އަހަރުއެވެ. އޭގެ ޖެހިގެން އައި އަހަރު އަލަތު ދަރިފުޅު ލިބުނެވެ. އޭރު ކުޑައިރުއްސުރެ ދިރިއުޅެމުން އައި މާލެ ދޫކޮށް، އޭނާ އުޅެމުން އައީ ފިރިމީހާގެ ރަށް، އއ. ރަސްދޫގައެވެ. ދަރިފުޅު ލިބުމާއެކު އޭރު އޭނާ މަސައްކަތް ކުރި "މިހާރު" ނޫހުން އެއް އަހަރުގެ ބްރޭކެއް ދިނެވެ. ނަމަވެސް އޭނާއަކަށް ނުހުރެވުނެވެ.

"ބޭބީއަށް ތިން މަހުގައި އަޅުގަނޑަށް ނުހުރެވިގެން ޚަބަރު ލިޔަން ފަށައިފިން. ހަނދާން ވޭ ދަރިފުޅު އުނގުމަތީގައި ބާއްވާލައިގެން އިނދެ ޓައިޕް ކުރާނީ ވެސް. ލައިވް އިވެންޓްތަކާއި ސޯޝަލް މީޑިއާއިން ފެންނަ ޚަބަރުތައް އޭރު ކަވަރު ކުރީ. ބޭބީ ބޮޑުވަމުން އައިވަރަކަށް ވަރަށް އުނދަގޫވި. ވާގޮތަކީ ނޫސްވެރިކަން ކުރާއިރު ޚަބަރު ލިޔަންއިންނައިރު ވަރަށް ފޯކަސް ބޭނުންވޭ. އެކަމަކު ދަރިފުޅު ރޮއެ، އިސްތަށިގަނޑަށް ދަމާ ހަދާނެ. ކޮނޑަށް އަރާނެ. ބޮލަށް އަރާނެ. އަޅުގަނޑު އެބަޖެހޭ ފައިން ދަތި އަޅުވައިގެން ވެސް އިނދެ ޚަބަރު ލިޔަން. އެކަމަކު އަޅުގަނޑު އެއްވެސް ވަރަކަށް ހިތަށް ނާރާ މިކަން ދޫކޮށްލާނަމެކޭއެއް. ނޫނީ ނުކުރެވޭނޭ،" ޝިފްލީން ބުންޏެވެ.

ޝިފްލީން އޭނާގެ ދަރިފުޅާއެކު: މަންމައަކަށް ވިޔަސް ނޫސްވެރިކަން ކުރެވޭނެ ކަމަށް ޝިފްލީން ބުނޭ-- ފޮޓޯ: ޝިފްލީން ފޭސްބުކް

މިހާރު އުމުރުން ހަތަރު އަހަރުގެ ދަރިފުޅު ބަލަމުން، ބީރައްޓެހި ރަށެއްގައި ހުރެ އެންމެ މަތީ ފެންވަރުގެ ނޫސްވެރިކަން ކުރުންވީ ޝިފްލީނަށް ވެސް ވަރަށް އުނދަގޫ ކަމަކަށެވެ. މައެއްގެ ޒިންމާ އާއި އަތްނބެއްގެ ވާޖިބުތައް އަދާ ކުރަމުން ނޫސްވެރިކަމަށް ވެސް ވަގުތު ދިނީ އެކަމަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. ޚަބަރާއި ރިޕޯޓްތައް އެހެން ނޫސްތަކުން ޖެހުމުގެ ކުރިން އަވަހަށް އެރުވުމަށް ހުރިހާ ނޫސްވެރިންނަށް ވެސް ޕްރެޝަރެއް އޮވެއެވެ. އެހެންކަމުން ގޭގައި ކުޑަ ދަރިއަކު ބަލަމުން އެ ޕްރެޝަރު ނެގުން އެއީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

"އަސްލު ވަރަށް ވަރަށް އުނދަގޫ. ބައެއް ފަހަރު ހިތަށް އެރި މިކަން ކުރެވޭނެބާއޭ. އަމިއްލަ ނަފުސަށް ސުވާލު ކުރެވުނު މިކަން ކުރެވޭނެ ބާއޭ. ވާއެއްޗަކީ އެހާ ބޮޑަށް ކޮންސެންޓްރޭޓް ނުކުރެވޭތީ. ފޯކަސް ނުކުރެވޭތީ. އަޅުގަނޑު ކުރިން ކުރަމުން އައި ސްޕީޑްގައި އެ ޕްރޮޑަކްޓްވިޓީ ނުދެއްކޭތީ އަޅުގަނޑަށް ވަރަށް އުނދަގޫވި. ހިތަށް އެރި އޮފީސް މީހުން ވެސް އެކްސްޕެކްޓޭޝަންތަކެއް ހުންނާނޭ. އެހެންވެ އަމިއްލަ ނަފުސަށް ވަރަށް ދެރަވޭ،" އެ އުނދަގޫ ހާލަތު ޝިފްލީން ކިޔައިދިނެވެ.

ގޭތެރޭގެ ކަންކަން ކުރަމުން، ދަރިފުޅު ބަލަމުން ރޭގަނޑުވާއިރު ޝިފްލީނަށް ވެސް ވަރުބަލިވުމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވެއެވެ. ދަރިފުޅު ނިދުމުން ނިދަން ބޭނުންވެއެވެ. ނަމަވެސް ރޭގަނޑު އަރާމު ކުރުމުގެ ބަދަލުގައި ދަންވަރުގެ ވަގުތުތައް އޭނާ ހޭދަ ކުރީ ޚަބަރާއި ރިޕޯޓްތައް ލިޔުމަށެވެ.

ނޫސްތަކުން ގެނެސްދޭ ގިނަ ކަންކަން ހިނގަނީ މާލޭގައި ކަމަށް ވުމުން ކުޑަ ރަށެއްގައި ހުރެގެން ތަފާތު ޚަބަރުތައް ހޯދުމަށް ވެސް ޝިފްލީނަށް އުނދަގޫ ކަމަކަށްވިއެވެ. އަދި ވަރަށް ހަރަކާތްތެރިކޮށް އުޅުނު ނޫސްވެރިޔާ ކޮޓަރިއެއްގައި އިނދެ ލިޔަންވުމުން އެކަން ވެސް ވަރަށް އުނދަގޫވިއެވެ. އެ ހުރިހާ ގޮންޖެހުންތަކަކާއެކު ވެސް ފަހަތަށް ޖެހުމުގެ ވިސްނުމެއް އޭނާ ނުގެންގުޅެއެވެ. ނޫސްވެރިކަމަށް ހުންނަ ލޯތްބެއްގެ ބޮޑު ކަމުން އެއްގޮތް ނުވިއްޔާ އަނެއް ގޮތަކުން ވެސް މަސައްކަތް ކުރަން ފެށިއެވެ.

ޝިފްލީން ޑިގްރީ ހާސިލް ކުރުމަށް ފަހު ނެގި ފޮޓޯއެއް: ފޮޓޯ: ޝިފްލީން ފޭސްބުކް

ހަވީރު ނޫހާއި މިހާރު ނޫހުގެ ކުރީގެ އެޑިޓަރު މޫސާ ލަތީފް އިސްވެ މިދިޔަ އަހަރު އުފެއްދި "ދައުރު" ނޫހާ ޝިފްލީން ގުޅުނީ ވެސް ނޫސްވެރިކަމުން ގިނަ ކާމިޔާބީތަކެއް ހޯދުމުގެ ބޭނުމުގައެވެ. ރަށުގައި ހުރެގެން ޝައުގުވެރި ޚަބަރުތައް ހޯދާނެ ގޮތެއް ވިސްނަމުން ދިޔަ ޝިފްލީނަށް ރަނގަޅު ހިޔާލެއް ދެއްވީ މޫސައެވެ.

"އަޅުގަނޑު ރަށުގައި ހުއްޓާ މޫސަ ދެންނެވީ ތިރަށުގެ ޚަބަރުތައް ހަދާބަލާށޭ. ސަޅި ތަފާތު ރަށެއް ނޫންހޭ. އަޅުގަނޑަށް ވެސް އެނގޭ ތަފާތު ރަށެއްކަން އެއީ ހދ. މަކުނުދޫއަކީ. އެކަމަކު ނޫސްވެރިޔާގެ ތޮފި އަޅައިގެނެއް އެއްވެސް ވަރަކަށް އެހާތަނަކަށް ވިސްނައެއް ނުލެވޭ. ދެން މޫސަ އެ އައިޑިއާ ދިނީމައި ކުޑަކޮށް ވިސްނާލީ. ވިސްނާލިއިރު ބައިވަރު ވާހަކަ އެބަހުރި ރަށުން ލިޔެވޭނެ،" ޝިފްލީން ކިޔައިދިނެވެ.

މަކުނުދުއިން ޝިފްލީން ލިޔުނު ހަ ރިޕޯޓަށް ބޮޑު ތަރުހީބެއް ލިބެން ފެށިއެވެ. އެހާ ހިސާބުން އެ ކަހަލަ ރިޕޯޓްތައް ކިޔަން ބޭނުންވާ ގިނަ ބަޔަކު ރާއްޖޭގައި ތިބިކަން ޝިފްލީންއާއި އޭނާގެ އެޑިޓަރުންގެ ޓީމަށް ވިސްނުނެވެ. ޝިފްލީންގެ އުފަން ރަށުން ޗުއްޓީ ނިންމާލުމަށް ފަހު ފިރިމީހާގެ ރަށް، ރަސްދޫއަށް ގޮސް އެ ރަށާ ގުޅޭގޮތުން ވެސް ލިޔަން ފެށިއެވެ. އެހާ ހިސާބުން ރަށްރަށުން ޚަބަރުތަކާއި ރިޕޯޓްތައް ގެންނަން ޝިފްލީން ފެށިއެވެ. އޭނާގެ ފިރިމީހާ އާއި ކުޑަ ދަރިފުޅާއެކު އއ. އަތޮޅުގެ ރަށްތަކާއި އދ. އަތޮޅުގެ ރަށްތަކުގެ އިތުރުން ވ. އަތޮޅުގެ ހުރިހާ ރަށަކަށް ގޮސް ވަނީ ވަރަށް ޝައުގުވެރި، އަދި މީގެ ކުރިން ނޫސްތަކުން ގެނެސް ދީފައި ނުވާ އާ ވާހަކަތައް ގެނެސް ދީފައެވެ.

"އަޅުގަނޑު މާލޭގައި ނުހުރެ ރަށުގައި ހުރެގެން އެހެން ރަށްރަށަށް ގޮސް ތަފާތު ނޫސްވެރިކަމެއް ތައާރަފް ކުރެވުނުކަން ގަބޫލު ކުރަން. އެކަން ހިތްހަމަ ޖެހުމެއްގެ ގޮތުގައި ފާހަގަ ކުރަން،" ޝިފްލީން ބުންޏެވެ.

ރާއްޖޭގައި ނޫސްވެރިކަމަކީ ހޭދަކުރާ ވަގުތާ ކުރަން ޖެހޭ މަސައްކަތާ އަޅާބަލާއިރު މާބޮޑު އާމްދަނީއެއް ލިބޭ ކަމެއް ނޫނެވެ. ޝިފްލީން ބުނި ގޮތުގައި އޭނާއަށް މާ ގިނައިން ފައިސާ ނުލިބުނު ނަމަވެސް ނޫސްވެރިކަމަށް ވަގުތު ދެނީ އެކަން ކުރާ ހިތްވާ ވަރު ބޮޑުކަމުންނެވެ. ކުރިއަށް އޮތް ތަނުގައި އިތުރު ދަރިން ލިބި ދިރިއުޅުމަށް ބަދަލުތަކެއް އައި ނަމަވެސް ނޫސްވެރިކަން ދޫކޮށްލުމުގެ ވިސްނުމެއް އޭނާ ނުގެންގުޅެއެވެ. އޭނާގެ ތަފާތު ލިޔުންތައް ކުރިއަށް އޮތްތަނުގައި ވެސް ފެންނާނެ ކަމުގެ ޔަގީންކަން ޝިފްލީން ދެއެވެ.

ކުޑައިރުއްސުރެ ނޫސްތަކަށް ލިޔުމުގެ ހުވަފެން ދެކުނު ޝިފްލީން މިވަނީ އެ ރޮނގުން ބޮޑު ކުރިއެރުންތަކެއް ހޯދައިފައެވެ. ކުޑަ ދަރިއަކު ބަލަމުން ވެސް އޭނާ އެ ދައްކާ ހިތްވަރު މުޅިން ތަފާތެވެ. ހަމައެކަނި ނޫސްވެރިކަން ކުރުމަށް މާލޭގައި ތިބި އެތައް ނޫސްވެރިންނަކާ ވާދަކޮށް އެންމެ މޮޅު ނޫސްވެރިޔާގެ މަގާމު އެ ހޯދީ ކުޑަ ރަށެއްގައި ދިރިއުޅެމުން އަންނަ ޝިފްލީނެވެ. އެ ކާމިޔާބީ ހުރިހާ ގޮތަކުން ވެސް ތަފާތެވެ. އިބުރަތްތެރިއެވެ.

comment ކޮމެންޓް