69 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަން އެފްކޮންސްއަށް އެއް މަސް

ތިލަމާލެ ބްރިޖުގެ ސާވޭގެ މަސައްކަތް ކުރަމުންދާ ސަރަހައްދު -- ސަން ފޮޓޯ/ ނާއިލް ހުސައިން

އެފްކޮންސްއިން ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި މައްސަލައިގައި އެ ކުންފުނިން ދައްކަންޖެހޭ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަން މަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު ފަރަށް އެރި ޕްލެޓްފޯމް ފުން ކުރުމަށް ފަހު، ފަރަށް ލިބުނު ގެއްލުމުގެ ސާވޭ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހާއި ހަވަނަ ދުވަހު ކުރިއަށް ގެންދިޔައީ އެފްކޮންސްއާއި އީޕީއޭ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 14އިން 22އަށް ވެސް އެފްކޮންސްއިން އަމިއްލަ ސާވޭއެއްކުރި އިރު އެ ސާވޭގައި އީޕީއޭގެ އޮބްޒާވަރުން ބައިވެރިވެފައިވާކަމަށް އީޕީއޭއިން ބުންޏެވެ.

އެއާއެކު އީޕީއޭގެ އެސެސްމެންޓް ރިޕޯޓުންނާއި، އެފްކޮންސްގެ ރިޕޯޓަށް ބެލުމަށްފަހު ޕްލެޓްފޯމްގެ ބައިތަކުންނާއި އެތަކެތި ނެގުމަށް ކުރެވުނު މަސައްކަތުން އެ ސަރަހައްދުގެ ފަރުގެ އެކި ދިމާދިމާލުން 2755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަމަށް އީޕީއޭއިން ވަނީ ކަނޑައަޅައިފައެވެ.

"ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ މި އޭޖެންސީއަށް ދެއްކުމަށް އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑަށް 13 ނޮވެމްބަރު 2022ގައި ވަނީ އަންގާފަ،" އީޕީއޭގެ ބަޔާނުގައިވެއެވެ.

ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ނެގުނީ 12 ދުވަސް ފަހުންނެވެ. އެފްކޮންސްއިން މީގެ ކުރިން ބުނެފައި ވަނީ ޕްލެޓްފޯމް ނެގުމުގެ މަސައްކަތަށް ގިނަ ދުވަސް ހޭދަވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

comment ކޮމެންޓް