ވޮޝިންޓަން (17 ނޮވެމްބަރު 2022): ރަޝިއާ އަސްކަރީ ގޮތުން ބަލިކުރުމަކީ ޔުކްރެއިންއަށް ކުރެވޭނެ ކަމެއް ކަމަށް ނުބެލެވޭކަމަށް ފުރަތަމަ ފަހަރަށް އެމެރިކާ އެއްބަސްވެއްޖެއެވެ.
މިކަން ހާމަކުރައްވަމުން އެމެރިކާ ސިފައިންގެ ޗެއާމަން އޮފް ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާކް އެލެގްޒެންޑާ މިލޭ ވިދާޅުވީ ޔުކްރެއިންގެ ހަމަލާތަކުން ރަޝިއާ ސިފައިންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދިޔަ ނަމަވެސް އަދި ޔުކްރެއިންއަކީ ބިމުގެ ގޮތުން ބޮޑު ގައުމަކަށްވެފައި ޔުކްރެއިންގެ ގިނަ ސަރަހައްދުތަކެއް ކޮންޓްރޯލްކުރަން ލޮޖިސްޓިކް ގޮތުން ރަޝިއާއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް ރަޝިއާއަކީ ހަތިޔާރުގެ ޓެކްނޮލޮޖީގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ގައުމަކަށްވެފައި ރަޝިއާއަކީ ރިސޯސްފުލް ގައުމެއްކަމުން ރަޝިއާ އަސްކަރީގޮތުން ބަލިކުރުމަކީ ޔުކްރެއިންއަށް ކުރެވޭނެ ކަމެއް ކަމަކަށް ނުބެލެވެއެވެ. އެއީ ގާތްގަނޑަކަށް މުސްތަހީލް ކަމެކެވެ.
މިއީ ޔުކްރެއިން ހަނގުރާމައާބެހޭގޮތުން އެމެރިކާ މަސްއޫލުވެރިއަކު މިމޭރުމުން ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ. ޖެނެރަލް މާކް މިލޭ އަކީ އެމެރިކާގެ އާދައިގެ މަސްއޫލުވެރިއެއްނޫނެވެ. އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން އެމެރިކާގެ ސިފައިންގެ އެންމެމަތީ ކޮމާންޑަރަކީ އެމެރިކާގެ ރައީސްކަމަށްވިޔަސް ޖޮއިންޓް ޗީފް އޮފް ސްޓާފްއަކީ ޓެކްނިކަލް ގޮތުން އެމެރިކާ އެމެރިކާ ސިފައިންގެ އެންމެ އިސް ކޮމާންޑަރެކެވެ.
މިލޭ ވިދާޅުވިގޮތުގައި ރަޝިއާ ގެންދަނީ ވަރަށް ހީލަތްތެރި ގޮތަކަށް ދިގުމުއްދަތަކުން ޔުކްރެއިން އިނދަޖައްސާލުމަށް މަސައްކަތް ކުރަމުންނެވެ. މިކަމަށްޓަކައި ޔުކްރެއިންގެ މުޅި އިންފްރާސްޓްރަކްޗާ ފުނޑާލުމަށް ރަޝިއާ އަމާޒުހިފާފައިވާކަމަށާ ރަޝިއާގެ ހަމަލާތައް މައިގަނޑު ގޮތެއްގައި މިހާރަކަށް އައިސް އަމާޒުކުރަނީ ޔުކްރެއިންގެ ހަކަތައިގެ މަރުކަޒުތަކާއި ރޭލްވޭއާއި ކޮމިއުނިކޭޝަންފަދަ މުވާސަލާތީ މަރުކަޒުތަކަށްކަމަށް މިލޭ ވިދާޅުވިއެވެ.
މިލޭ ސިފަކުރެއްވިގޮތުގައި ރަޝިއާ ޔުކްރެއިންގައި ހިންގަނީ ހަނގުރާމައިގެ ޖަރީމާއާއި ޓެރަރިޒަމްގެ އަމަލުތަކެވެ. ޔުކްރެއިންގެ މަދަނީ ތަންތަނަށް ރަޝިއާއިން ދޭ ހަމަލާތަކަކީ ޓެރަރިޒަމްކަމަށް މިލޭ ސިފަކުރެއްވިއެވެ. ނަމަވެސް މިލޭ ވިދާޅުވިގޮތުގައި ޔުކްރެއިންގައި ރަޝިއާ ހިންގާ ޖަރީމާތަކާއި ޓެރަރިޒަމްގެ އަމަލުތަކަށް ރަޝިއާ ޖަވާބުދާރީ ކުރުވޭނެގޮތެއް ނެތެވެ. ރަޝިއާއާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައަށް ކުރެވޭ ކަމެއްނެތުމަކީ ވަރަށްބޮޑު މައްސަލައެކެވެ.
މިހާތަނަށް އެމެރިކާގެ މަސްއޫލުވެރިން ވާހަކަދައްކަވަމުން ގެންދެވީ ޔުކްރެއިންއާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ރަޝިއާ ބަލިކޮށްލޭވޭނެ ކަމުގެ ވާހަކަތަކެވެ. ހަނގުރާމައިގެ މަސްރަހު ދޫކޮށްފައި ރަޝިއާ ފިލާނެ ކަމުގެ ވާހަކައެވެ. އަދި އެމެރިކާއާއި ޔޫރަޕުން އެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާއެކު ރަޝިއާގެ އިގްތިސާދު މުޅިން އިނދަޖެހޭނެ ކަމުގެ ވާހަކައެވެ.
އިގްތިސާދު އިނދަޖެހުމުން ރަޝިއާގެ ރައްޔިތުން މަގުތަކަށް ނުކުމެ ރަޝިއާގެ ރައީސް ވްލަދިމީރު ޕޫޓިންގެ ވެރިކަން ވައްޓާލާނެކަމުގެ ވާހަކަތަކެވެ. އަދި އެމެރިކާގެ މީޑިއާތަކުން ފަތުރަމުން ގެންދިޔައީ ރަޝިއާގެ ރައީސް ޕޫޓިންއަށް ނުރައްކާތެރި ބައްޔެއް ޖެހިގެންއުޅޭ ކަމުގެ ޕްރޮޕަގެންޑާތަކާއި ޔުކްރެއިން ހަނގުރާމައިގާ ރަޝިއާ ސިފައިންނަށް ލިބޭ ގެއްލުންތަކާ ގުޅިގެން ރަޝިއާގެ އަސްކަރިއްޔާ ޕޫޓިން އާ ދެކޮޅަށް ނުކުމެ ޕޫޓިން ވައްޓާލާނެކަމުގެ ޕްރޮޕަގެންޑާ ތަކުގެ ވާހަކަތަކެވެ.
ނަމަވެސް މިހާރުވަނީ މިވާހަކަތަކުގެ އަޑު ވަނީ މަޑުވެފައެވެ. އަނެއްކޮޅުން އެމެރިކާގެ މަސްއޫލުވެރިން މިހާރު ގެންދަވަނީ ހަނގުރާމަ ހުއްޓާލުމަށްޓަކައި ރަޝިއާއާއެކު ސުލްހައިގެ ވާހަކަތައް ފެށުމަށް ޔުކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީއަށް އިލްތިމާސްވެސް ކުރައްވަމުންނެވެ. މީގެކުރިން އެމެރިކާ ސުލްހައަށް އެއްވެސް ވަރަކަށް ބާރު އަޅާފައެއްނުވެއެވެ. އަދި ރަޝިއާއެކު ސުލްހައިގެ ވާހަކަތަކަށް ނުދިއުމަށް ޒެލެންސްކީއަށް ހިއްވަރު ދިންކަމުގެ ތުހުމަތު ކުރެވިފައިވަނީވެސް އެމެރިކާއާއި އިނގިރޭސިވިލާތުގެ މައްޗަށެވެ.
އެމެރިކާ ރަސްމީ ސިފައެއްގައި އަބަދުވެސް ދައްކަމުން ގެންދިޔައީ ޔުކްރެއިން ހަނގުރާމައިގާ ރަޝިއާ ސިފައިން މަރުވާ ވާހަކައާއި ރަޝިއާ ސިފައިންނަށް ބޮޑެތި ގެއްލުންތައް ލިބޭ ވާހަކައާއި ރަޝިއާ ސިފައިންގެ ލޮޖިސްޓިކްސް ދަށް ވާހަކައާއި ރަޝިއާ ސިފައިންނަށް ޔުކްރެއިންގައި ލިބޭ ގެއްލުންތަކުގެ ބޮޑުކަމުގެ ވާހަކަތަކެވެ. ރަޝިއާގެ ހަތިޔާރުގެ ބައުކަމުގެ ވާހަކަތަކެވެ.
ޔުކްރެއިންއަށް ލިބޭ ގެއްލުންތަކުގެ ވާހަކަ އެމެރިކާ ނުދައްކައެވެ. ނަމަވެސް ޔުކްރެއިންގެ މަންޒަރު ފެންނަނީ އެމެރިކާގެ މި ވާހަކަތަކާ މުޅިން އިދިކޮޅަށެވެ. ރަޝިއާގެ އެތެރެއަށް ޔުކްރެއިންއަށް އެއްވެސް ގެއްލުމެއް ނުދެވޭއިރު ރަޝިއާގެ ގަދަފަދަ ހަމަލާތަކުގައި ޔުކްރެއިން ވަނީ ވަރަށް ބޮޑަށް ފުނޑާލައި ބިމާ ހަމަކޮށްލާފައެވެ.
ރަޝިއާގެ ހަމަލާތަކުގައި ޔުކްރެއިންގެ ދެބައިކުޅަ އެއްބައިގައި ކަރަންޓް ނެތްއިރު އިގްތިސާދީގޮތުންވެސް ޔުކްރެއިންވަނީ އިނދަޖެހޭ ހިސާބުގައެވެ. ޔުކްރެއިންގެ މާކެޓްތައްވެސް ފެންނަނީ މަދު އެއްޗެއްނޫނީ ނެތި ވަރަށް ހުސްކޮށެވެ. ޔުކްރެއިންގެ ނުވަ މިލިއަން މީހުން ވަނީ ހާލުގައި ޖެހި ރެފިއުޖީންނަށް ވެފައެވެ. ގިނަބަޔަކު އުޅެނީ ކަރަންޓުން މަހުރޫމްވެ ގަަދަ ފިނީގައެވެ. ޔުކްރެއިންގެ އިންފްރާސްޓްރަކްޗާގެ ބޮޑުބައިވަނީ ހަލާކުވެފައެވެ. ޔުކްރެއިންގެ ގިނަ ސަރަހައްދުތަކާއި ސިޓީތައް ފެންނަނީ ސޫރިޔާ ފަދަ ހަނގުރާމައިގާ ފަނާވެ ވީރާނަވެފައިވާ ގައުމުތަކުން ފެންނަ މަންޒަރުތަކެވެ.