ޕްރިންސަސް ޑައިރީސްގެ އާ ފިލްމެއް ހަދަނީ

ދެހާހުގެ ކުރީކޮޅު ނެރުނު އެންމެ އައިކޮނިކް ފިލްމު ސީރީޒް ކަމަށްވާ "ޕްރިންސަސް ޑައިރީސް"ގެ އާ ބައެއް ނެރުމުގެ މަސައްކަތް ފަށައިފިއެވެ.

އޭން ހެތަވޭ ލީޑުން ފެނިގެންދާ ޕްރިންސެސް ޑައިރީސްގެ ފުރަތަމަ ބައެއް ނެރެފައިވަނީ 2001 ވަނަ އަހަރުގައެވެ. އެ ފިލްމަށް 165 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު އިރު ދެވަނަ ފިލްމެއް ނެރެފައިވަނީ 2004 ވަނަ އަހަރުގައެވެ. އެ ފިލްމަށް ވަނީ 134.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

އެ ދުވަސްވަރުގެ ގިނަ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފްރެންޗައިޒްގައި އޭން ހެތަވޭ ކުޅެނީ ހައި ސްކޫލު ދަރިވަރެއްގެ ރޯލެވެ. އާދައިގެ ދިރިއުޅުމެއް އުޅެމުން ދަނިކޮށް އޭންގެ ކެރެކްޓާ މިއާ އަށް އެނގިގެން ދަނީ އޭނާ އަކީ ގައުމެއްގެ ޕްރިންސަސް ކަމެވެ. އެއާއެކު މިއާ މަސައްކަތް ކުރާނީ ޕްރިންސަސް އަކަށް ވުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށެވެ.

މި ސީރީޒްގެ ތިންވަނަ ފިލްމެއްގެ މަސައްކަތް މިހާރު ފަށާފައިވާއިރު މި ފިލްމުގެ ލީޑުން ވެސް ފެންނާނީ އޭންއެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި ތިން ވަނަ ފިލްމު ވެގެންދާނީ ސީރީޒްގެ ދެވަނަ ބަޔާ ގުޅުވައިގެން ނެރޭ ފިލްމަކަށެވެ.

މި ފިލްމު ޕްރޮޑިއުސް ކުރުމުގައި މަސައްކަތް ކުރާނީ ޑެބްރާ މާޓިން ޗޭސްއެވެ. ޕްރިންސަސް ޑައިރީސްގެ ފުރަތަމަ ދެ ބައި ވެސް ޕްރޮޑިއުސް ކޮށްފައިވަނީ ޑެބްރާއެވެ.

ޑިޒްނީ އިން މި ފިލްމުގެ މަސައްކަތް ކުރަމުން އަންނައިރު މި ފިލްމު ނެރޭނެ ދުވަހެއް އަދި ނޭނގެއެވެ.

comment ކޮމެންޓް